ދުނިޔެ

ޓްރަމްޕާއި ހިލަރީ ގަދަހިފުމެއްގައި: ކުޑަތަފާތަކުން ޓްރަމްޕް ކުރީގައި

Nov 9, 2016

އެމެރިކާ ރައީސް އަކު ހޮވުމަށް ބޭއްވި އިންތިހާބުގެ ވޯޓްގެ ނަތީޖާތައް ހާމަ ކުރަން ފަށާފައިވާއިރު ކުރީގައި އުޅުއްވަނީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ކަމަށް މީހަތަނަށް އާންމު ކުރި ވޯޓްގެ ނަތިޖާ ތަކުން ދައްކައިފި އެވެ.

އެމެރިކާގެ ގަޑިން އިރުއޮއްސި 6:40 ( ރާއްޖޭ ގަޑިން ފަތިހު 4:40) އެހާ އިރުން ފެށިގެން ސީއެންއެން އިން އާންމުކުރަމުން ދިޔަ ނަތީޖަތައް ދައްކާގޮތުން ވާދަވެރި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަނާއި ޓްރަމްޕާ ދެމެދު އޮތީ 1.8 ޕަސެންޓްގެ ފަރަގެކެވެ.

ޓްރަމްޕަށް ލިބިފައިވަނީ 48.6 ޕަސަންޓްގެ ވޯޓެވެ. އެއީ 47،527،158 ވޯޓެވެ. ހިލަރީ އަށް ލިބިފައިވަނީ 46.9 ޕަސަންޓެވެ. އެއީ 46،053،564 ވޯޓެވެ.

އެމެރިކާގެ 45 ވަނަ ރައީސް އާއި 48 ވަނަ ނައިބުރައީސް ހޮވުމަށް ބޭއްވި މި އިންތިހާބުގައި 245 މިލިއަނަށްވުރެ ގިނަ މީހުންނަށް ވޯޓް ލުމުގެ ހައްގު ލިބިގެންވެ އެވެ.

އެމެރިކާގައި ރައީސް އަކަށް އަންނަ މީހަކު ހޮވަނީ ސީދާ ރައްޔިތުންގެ ވޯޓަކުންނޫނެވެ. ރައްޔިތުންގެ ވޯޓާއެކު 'އިލެކްޓޯރަލް ކޮލެޖް' ގެ ވަކި އިންސައްތައެއްގެ ވޯޓް އެ ކެނޑިޑޭޓަކަށް ލިބެންޖެހެ އެވެ. އިލެކްޓޯރަލް ކޮލެޖްގައި ތިބެނީ އެމެރިކާގެ ސީޓީތަކުން އިންތިހާބުކޮށްފައިވާ ސިޓީތައް ތަމްސީލު ކުރާ މެންބަރުންނެވެ. އިލެކްޓޯރަލް ކޮލެޖްގައި މަިވަގުތު 534 މެންބަރުން ތިއްބަވަ އެވެ.

އިންތިހާބެއް ކާމިޔާބު ކުރެވޭނީ އޭގެ ތެރެއިން 270 ވޯޓް ކަށަވަރު ކުރައްވާ ކެންޑިޑޭޓަކަށެވެ. އެގޮތުން މިހާތަނަށް ޓްރަމްޕް 216 އިލެކްޓޯރަލް ވޯޓް ކާމިޔާބު ކުރެއްވި އިރު، ކްލިންޓަން ވަނީ 209 ވޯޓް ހޯއްދަވައިފަ އެވެ. އަދިވެސް މުހިންމު ސްޓޭޓްތަކެއް އޮތް އިރު އެއްބައި ސްޓޭޓްތައް ކްލިންޓަން ނަންގަވާއިރު އަނެއްބައި ބޮޑެތި ސްޓޭޓްތައް ނަންގަވަނީ ޓްރަމްޕެވެ. އަދި މިހިސާބުން އިންތިހާބު ކާމިޔާބު ކުރައްވާނެ ބޭފުޅަކު ލަފާ ކުރަން އަދި ވަރަށް އުނދަގުލެވެ.