ދުނިޔެ

އެންމެން ހައިރާންކޮށްލައި ޓްރަމްޕް ރައީސްކަމާ ގާތަށް

Nov 9, 2016

އެންމެން ހައިރާންކޮށްލުމަށް ފަހު އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އެމެރިކާގެ ރައީސް ކަން ކާމިޔާބު ކުރުމާ ވަރަށް ގާތަށް ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޓް ޓްރަމްޕް ޖެހިވަޑައިގެންފި އެވެ. އޭނާއަށް އިންތިހާބު ކާމިޔާބު ވާނެކަން މި ވަނީ ގާތްގަނޑަކަށް މިހާރު ޔަގީންވެފަ އެވެ.

އިންތިހާބުގެ އިލެކްޓޯރަލް ވޯޓްގެ ނަތީޖާ ދައްކާ ގޮތުން އިންތިހާބު ކާމިޔާބު ކުރަން ހޯދަން ޖެހޭ 270 ވޯޓްގެ ތެރެއިން 244 ވޯޓް މިހާރު ވެސް ވަނީ ޓްރަމްޕް ކާމިޔާބު ކުރައްވައިފަ އެވެ. އިތުރަށް ބޭނުން ވަނީ 26 ވޯޓެވެ. މުހިންމު ގިނަ ސްޓޭޓްތަކެއްގެ ވޯޓް ޓްރަމަޕް މިހާރު ވެސް ކަށަވަރު ކުރައްވާފައިވާ އިރު، ހިލަރީއަށް އަދި ލިބިފައި ވަނީ 215 ވޯޓެވެ.

ވޯޓުގެ ނަތީޖާއަށް ބަދަލެއް ގެނުވާނެ ސްޓޭޓްތަކުގެ ތެރެއިން އަދި ނަތީޖާ އާންމު ނުކުރަނީ، މިޝިގަން، ޕެންސުލްވޭނިއާ އަދި އެރިޒޯނާ ގައި ވެސް ކުރީގައި އުޅުއްވަނީ ޓްރަމްޕް އެވެ. އެހެން ކަމުން އިންތިހާބު ކާމިޔާބު ކުރެއްވުމުގެ އުންމީދު ހިލަރީއަށް މި ވަނީ މުޅިންހެން ގެއްލިފަ އެވެ. މީގެން އެންމެ ސްޓޭޓެއް ލިބުނަސް ޓްރަމްޕަށް ގާތްގަނޑަކަށް އިންތިހާބު ކާމިޔާބުކުރެވޭނެ އެވެ.

ހިލަރީގެ މައްޗަށް ޓްރަމްޕް ކުރި ހޯއްދަވާނެ ކަމަށް ލަފާކުރެވޭއިރު ރިޕަބްލިކަން ޕާޓީ އިން ސެނެޓާއި ކޮންގްރެސްގެ ކޮންޓްރޯލް ވެސް އަލުން އަތުލާފައިވާކަން ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން މިހާތަނަށް ރިއާސީ އިންތިހާބުގެ ނަތީޖާ އިއުލާނު ނުކުރާ ބޮޑެތި ސްޓޭޓްތަކުގެ ތެރެއިން ޕެންސިލްވޭނިއާ ފަދަ އެހެން ސްޓޭޓްތަކުގައި ވެސް ރިޕަބްލިކަން ޕާޓީގެ ބާރުގަދަކޮށްފައި އޮތުމުން ކުރިއަށް ހުރި ސްޓޭޓްތަކުން ހިލަރީ އަށް އިންތިހާބު ކާމިޔާބުކުރެވިދާނެ ކަމަކަށް ލަފައެއް ނުކުރެވެ އެވެ.