ޕީޕީއެމް

ޕީޕީއެމަށް އެއް ލައްކަ މެންބަރުން ހަމަކުރާނެ ފޯމިއުލާއެއް ރައީސް ވިދާޅުވެދެއްވައިފި

ސަރުކާރު ހިންގާ ޕީޕީއެމްއަށް އެއް ލައްކަ މެންބަރުން ހަމަ ކުރާނެ ފޯމިއުލާއެއް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެ ދެއްވައިފި އެވެ.

ޕީޕީއެމާ އަލަށް ގުޅިވަޑަައިގަތް 600 އެއްހާ މެންބަރުންގެ ފޯމް ހަވާލު ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތަކީ ހަމައެކަނި އެޕާޓީއެއްގެ ރައީސަކު ނުވަތަ އިސްވެރިން ކުރަން ޖެހި ވަޑައިގަންނަވާ މަސައްކަތެއް ނޫން ކަމަށެވެ. އެކަން ވަރަށް ފަސޭހައިން އާންމު މެންބަރުންނަށް ވެސް ކުރެވޭނެ ކަމަށާއި އޭގެ ފައިދާ ވެސް ވާނީ ހަމަ އެ މެންބަރުންނަށް ކަމަށެވެ.

އެގޮތުން ޕާޓީގެ ކޮންމެ އާންމު މެންބަރަކުވެސް ހަފްތާއެއް ތެރޭގައި 10 ފޯމް ގެންނަން މަސައްކަތް ކުރުމަށާއި އަދި އެ 10 ފޯމްގައި ސޮއިކުރާ ކޮންމެ ފަރާތަކުން އިތުރު 10 ފޯމް ގެނައުމަށް މަސައްކަތް ކުރަން ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭރުން ހަފްތާއެއް ތެރޭގައި ކޮންމެ މެންބަރަކަށް 100 އެއްހާ ފޯމް އިތުރުވެ އެއްލައްކަ މެންބަރުން ޕީޕީއެމްއަށް ދާދި އަވަހަށް ހަމަވެގެންދާނެ ކަމަށެވެ.

"ކީއްތޯވާނީ މިއަދު މި ހޯލުގައި ތިއްބެވި ބޭފުޅުން ނިކުމެވަޑައިގެން ހަފްތާއެއްގެ ތެރޭގައި ކޮންމެ ބޭފުޅަކު 10 ފޯމު ފުރާ ދެއްވީއާ. ވަރަށް ފަސޭހަ ވާނެ. ކޮފީ މޭޒަށް އަރަނީ. ހަފްތާއެއް ތެރޭގައި ކޮންމެ މެންބަރަކު އަލަށް ޕާޓީއަށް 10 މެންބަރުން ނުގެނެވެންވީ ސަބަބެއް ނެތް. އެހާ ހިސާބުން އެ 10 މީހުން ކާރީ ވިދާޅުވާނެ އެ މީހުންވެސް އިތުރު 10 މީހުން ހަމަ ކުރަން. އޭރުން ކޮންމެ ބޭފުޅަކު ފުރަތަމަ ހަފްތާ ތެރޭގައި މަދުވެގެން 100 ފޯމް ގެންނަވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ޕީޕީއެމްގެ އަމާޒު ކުރިންވެސް ހުރީ އެއްލައްކަ މެންބަރުން ޕާޓީއާ ގުޅުވަން ކަމަށާއި މިހާތަނަށް ވެސް އެކަށީގެންވާ މަސައްކަތް ކުރެވުން ނަމަ އެ އަދަދު ހާސިލް ކުރެވޭނެ ކަމަށެވެ. އަދި އެކަން ނުވެ އޮތުމަށް ދިމާވީ މައްސަލަތައް މިއަދު ފެންނަމުންދާ ކަމަށާއި ނަމަވެސް ކުރިޔަށް އޮތްތާ ޕާޓީއަށް މެންބަރުން ގިނަވަމުން އަންނާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ޕީޕީއެމްއަކީ މިހާރު ސައްހަ މެންބަރުން އެންމެ ގިނަ ޕާޓީ އެވެ. އެ ޕާޓީގައި މިހާރު ތިބީ 37،633 މެންބަރުންނެވެ. އިލެކްޝަނުން މިއަދަދު ނެރުނު ފަހުން 2000 އެއްހާ މީހުން އެ ޕާޓީއާ އަލަށް ވަނީ ގުޅިފަ އެވެ.