ދިރާގުން ކުރިއަށް ގެންދާ "ފޯ ދަ އޯޝަންސް" ކެމްޕޭނުގެ ދަށުން އެއް ފަހަރު ބޭނުން ކުރުމަށްފަހު އެއްލައިލާ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލައިފި އެވެ.
މި ކެމްޕޭނަކީ އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓުވުމަށް ބާރުއެޅުވުމުގެ ގޮތުން އަދި ރީ ޔޫސެބަލް ކޮތަޅު ބޭނުން ކުުރުން އާދައަކަށް ހެދުމަށް ދިރާގުން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މި ކެމްޕޭނުގެ ދަށުން އެއްފަހަރު ބޭނުން ކޮށްފައި އެއްލާލެވޭ ޕްލާސްޓިކް ފުޅި ނައްތާލުމަށް ދިރާގު މުވައްޒަފުން ބޭނުން ކުރުމަށް ފެން ކޫލަރު ބަހައްޓާފައިވާނެ ކަމަށާއި ގިނަ ފަހަރު ބޭނުން ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ހާއްސަ ފެންފުޅިއެއް ކޮންމެ ދިރާގު މުވައްޒަފަކަށް ހަދިޔާކޮށްފަ އެވެ. އަދި ދިރާގުގެ ހެޑް އޮފީހުގެ އިތުރުން ރާއްޖޭގެ ތަފާތު ނުވަ ސަރަހައްދުގައި ގާއިމު ކޮށްފައިވާ ދިރާގު ރީޖަނަލް އޮޕަރޭޝަން ސެންޓަރު ތަކުގައި ވެސް ފެން ކޫލުރު ބަހައްޓާ، 630 އަށްވުރެން ގިނަ މުއައްޒަފުންނަށް ގިނަ ދުވަހު ގެންގުޅެވޭ ކަހަލަ ފެން ފުޅި ހަދިޔާކޮށްފައިވާ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނީ މި ފުޅި ތަކަކީ ގިނަ ދުވަހު ބޭނުން ކުރެވޭނެ ކަހަލަ ފުޅިތަކެއް ކަމަށާއި މި ފުޅިތައް މުއައްޒަފުންނަށް ދިނުމުގެ ބޭނުމަކީ އެއްފަހަރު ބުއިމުމަށް ފަހު އުކާލެވޭ ފުޅި ތަކުގެ ބޭނުން ކުރުން ހުއްޓުވުމުގެ އިތުރުން މި ރަނގަޅު އާދަ މުއައްޒަފުންގެ ގައިގައި އަށަގަންނެވުން ކަމަށެވެ.
ދިރާގުން ޕްލާސްޓިކް ފުޅި ތައް ނައްތާލުމަށް މި ފެށުނު ކެމްޕެއިންގެ ދަށުން ދިރާގުގައި އެއްފަހަރު ބޭނުން ކުރުމަށް ފަހު އެއްލާލެވޭ ފުޅި ތަކުގެ އަދަދު 99% އަށް ކުޑަ ކުރެވިގެން ދާނޭ ކަމަށް ލަފާ އެކުންފުނިން ލަފާކުރެ އެވެ.
މި ކެންޕެއިން އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށްޓަކައި ދިރާގުގެ ކޮންމެ ޑިޕާޓްމެންޓަކުން "ގްރީން ޗެމްޕިއަން" ގެ ނަމުގައި މުއައްޒަފުން މެދުގައި އެމްބެސަޑަރެއްވަނީ އައްޔަނުކޮށްފަ އެވެ.. ގްރީން ޗެމްޕިއަނުންގެ ބޭނުމަކީ، އެ ގްރީން ޗެމްޕިއަނެއް ނިސްބަތްވާ ޑިޕާޓްމެންޓެއްގެ ހުރިހާ މުއައްޒަފުންނަށް ތިމާވެށި ހިމާޔަތް ކުރުމުގެ މުހިންމުކަން އަންގައިދީ މި ކެމްޕެއިނުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަންތައް އެންމެ ފުރިހަމަ އަށް ފޯރުކޮށްދިނުން ކަމަށާއި މި އެމްބެސެޑަރުން ސާބިތުކަމާއި އެކު "ފޯ ދަ އޯޝަންސް" ކެމްޕެއިންގެ ތަފާތު މަޝްރޫއުތައް ފުރިހަމަކަމާއިއެކު އެ ޑިޕާޓްމެންޓެއްގެ މުއައްޒަފުންގެ މެދުގައި ކުރިއަށް ގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެ އެވެ.
މި ކެމްޕޭނުގެ ދަށުން ދިރާގުން ވަނީ މުވައްޒަފުންގެ ގޭގައި ބޭނުންކުރާ ތަފާތު ޕްލާސްޓިކް ރީސައިކަލް ކުރުމަށް ދިރާގު ހެޑް އޮފީހުގައި ޑްރޮޕް އޮފް ޕޮއިންޓެއް ގާއިމްކޮށްފަ އެވެ.. މި ހުރިހާ ޕްލާސްޓީކް އެކްސްޕޯޓު ކުރުމަށް ހަމަޖެހިފައިވަނީ ޕާލޭ އާއި ގުޅިގެންނެވެ.