ޕީޕީއެމް

600 އަށް ވުރެ ގިނަ އާ މެންބަރުން ޕީޕީއެމާ ގުޅިއްޖެ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވް (ޕީޕީއެމް) އަށް 600 އަށް ވުރެއް ގިނަ މެންބަރުން އަލަށް ގުޅިވަޑައިގެންފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާއެއްގައި ޕީޕީއެމްއާ އަލަށް ގުޅިވަޑައިގަތީ ގއ. ވިލިނގިލީން 504 މީހުންނާއި މާފަންނު މެދު ދާއިރާއިން 100 މީހުންނެވެ. އެ ހުރިހާ މެންބަރުންގެ ފޯމްތައް މިއަދު ވަނީ ރަސްމީކޮށް ރައިސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ޕީޕީއެމްގެ ސެކެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ޕާޓީ ހިންގުން މުސްތަޝާރާ ހަވާލު ކުރި ދުވަހުން ފެށިގެން ޕީޕީއެމްގެ ހަރަކާތްތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި އޭގެ ނަތީޖާއަކަށް ރައްޔިތުންގެ ޝައުގުވެރިކަން ޕީޕީއެމްއަށް ލިބި ޕާޓީއާ ގުޅެން ބޭނުންވާ މެންބަރުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ.

"ރައީސް ވިދާޅުވާ ވަރަކަށް ވެސް އަޅުގަނޑުމެންނަށް މަސައްކަތެއް ނުކުރެވޭ. އޭގެ ނަތީޖާ މިހާރު ކޮންމެ ދުވަހަކީ ޕާޓީއަށް ވަންނަން ބޭނުންވާ އެތަށް ބައެއްގެ ފޯންކޯލުތައް އަންނަ ދުވަހެއް. އެހެންވެ ހަގީގަތުގައި ވެސް އަޅުގަނޑުމެނަށް މި ފެންނަނީ އަސްލު ޕީޕީއެމް،" ހަލީލް ވިދާޅުވި އެވެ.

ޕާޓީއަށް އިތުރު މެންބަރުންތަކެއް ގުޅިވަޑައިގެންނެވި އިރު، ޕީޖީ ގްރޫޕުން ރައީސް މައުމޫން ފެކްޝަނަށް ބަދަލުވި ދެ މެންބަރުން ކަމަށްވާ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އާއި އޭނާ އާއި ގާތްގުޅުންތަކެއް އޮންނަ، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވެސް ރައީސް ޔާމީންއަށް ތާއީދު ކުރަން ނިންމަވާފަ އެވެ. ނަމަވެސް ތުލުސްދޫ ދާއިރާގެ މެންބަރުން މުހައްމަދު ވަހީދު އިބްރާހިމް އަދިވެސް ހުންނެވީ މައުމޫން ފަޅީފަ އެވެ.