ރިޕޯޓް

އާސަހަރާ ފުރިއްޖެ، މާލޭގައި މަރުވާ މީހުން އަނެއްކާވެސް ހުޅުމާލެއަށް

  • އާ ސަހަރާއަށް އަނެއްކާ ވަނީ ފަސް އަޅާފައި
  • މިއަހަރު ނިމުމުގެ ކުރިން މީހުން ވަޅުލުން ހުޅުމާލެއަށް
  • ހުޅުމާލޭގައި ސަހަރާއެއް ވަނީ ގާއިމްކޮށްފައި

މިދިޔަ މާޗް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މާލެ އަދި ވިލިމާލޭ ސަހަރާގައި މީހުން ވަޅުނުލާން ސަރުކާރުން ނިންމުމާއެކު އެކަމާ ދެކޮޅަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ސަރުކާރުން ނިންމީ މާލެ އަދި ވިލިމާލޭގައި މަރުވާ މީހުން ހާއްސަ ފެރީއެއްގައި ހުޅުމާލެއަށް ގެންދިއުމަށެވެ. މި ނިންމުން ނިންމުމަށް ސަރުކާރުންވަނީ ހުޅުމާލޭގައި މުޅިން އާ ސަހަރާއެއް ގާއިމްކޮށްފަ އެވެ. ސަރުކާރުން އެގޮތަށް ނިންމީ މާލޭގެ އާސަހަރާގައި އިތުރަށް މީހުން ވަޅުލާނެ ޖާގަ ނެތުމުން އެކަމަށް ހައްލެއް ހޯދުމެވެ. އޭރު ދެ ތިން ހަތަރު ފަހަރު އާ ސަހަރާއަށްވަނީ ފަސްއަޅާ ޖާގަ ހަދާފަ އެވެ.

އެ އުސޫލަށް އަމަލު ކުރަން ފެށުމުން ބައެއް ފަރާތްތަކުން އެކަމާ ދެކޮޅު ހަދާ މައްޔިތާ ހުޅުމާލެއަށް ގެންދިއުމަށް ދެކޮޅު ހަދާފައިވެ އެވެ. އަދި ބައެއް ފަރާތްތަކުން އާސަހަރާގައި މީހުން ވަޅުލާފައިވެސް ވެ އެވެ. އާސަހަރާގައި ޖާގަހުރި ކަމަށް ބުނެ މީހުން ވަޅުލުމުގެ ކަންކަން އާ ސަހަރާގައި ކުރިއަށް ގެންދަން ފެށި އެވެ.

އާސަހަރާގައި ޖާގައެއް ނެތް، އަނެއްކާވެސް މައްޗަށް ފަސް އެޅީ

އާސަހަރާގައި ޖާގަ ނެތުމުން ސަރުކާރުން ނިންމީ ބިން އޮތް ތަނެއްގައި އާ ގަބުރުސްތާނެއް ހަދައި އެތަނުގައި މީހުން ވަޅުލުމަށެވެ. ހުޅުމާލޭގައި މުޅިން އާ ސަހަރާއެއް ގާއިމްކުުރުމުގެ އެއް ބޭނުމަކީ އެއީ އެވެ. ބްރިޖް އެކު މާލެ ހުޅުމާލެ ގުޅާލުމުން އެކަމަށް މާ ބޮޑަށް ފަސޭހަވެގެން ދާނެ އެވެ. މާލެ އަދި ވިލިމާލޭގައި މީހުން ވަޅުލުން ހުއްޓާލަން ނިންމިއިރު މީހުން ވަޅުލުމުގެ އެންމެހާ ކަންކަން ބަލަހައްޓަމުން އައީ މާލޭ ސިޓީ ކައުންސިލުންނެވެ. މި ނިންމުން ނިންމާ ސަރުކާރުންވަނީ މާލޭ ސަރަހައްދުގެ މީހުން ވަޅުލުގެ ހުރިހާ ކަމެއްވެސް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފަ އެވެ.

"މި ނިންމުމާ ގުޅިގެން ސިޓީކައުންސިލުން މި ނިންމި ނިންމުމަކީ ސަހަރާއަށް އަނެއްކާވެސް ފަސް އެޅީ. ފަސް އަޅާފައި އިއުލާނު މިކުރަނީ ސަހަރާގައި ޖާގަ އެބައޮތޭ. ކީއްކުރަންހޭ ހުޅުމާލޭގައި ވަޅުލަންވީ. އެކަމަކު އެންމެ ފުރަތަމަ ސިޓީ ކައުންސިލުން މި ރިކުއެސްޓްކުރީ ސަހަރާގައި ޖާގަ ނެތޭ. އެކަމަށް ހައްލެއް ހޯދައިދޭށޭ. ސަރުކާރުގެ ސިޔާސަތު ކަނޑައެޅީމައި އެހިސާބުން އެފަރާތްތަކުގެ ރާގާއި ވާހަކަ ބަދަލުވީ. ސިޓީކައުންސިލްގައި މި ތިއްބެވީ އިދިކޮޅު ޕާޓީގެ މެމްބަރުން." އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވި އެވެ.

މާލޭ އާސަހަރާ މިސްކިތް އަދި ވިލިމާލޭގައި މީހުން ވަޅުލުން ހުއްޓާލައި ހުޅުމާލޭގައި މީހުން ވަޅުލަން ނިންމީ ސަރުކާރުން އެކަމަށް ވަރަށް ބޮޑަށް ތައްޔާރުކުރުމަށްފަހުގަ އެވެ. މައްޔިތާ ވަޅުލަން ހާއްސަ ފެރީތަކެއްވެސް ސަރުކާރުންވަނީ ގާއިމްކޮށްފަ އެވެ. މައްޔިތުން އުފުލުމަށް ދެ ފެރީ ބޭނުންކުރަން ފެށިއިރު މި ހިދުމަތް އެންމެ ފުރަތަމަ ފެށިއިރު އެންމެ ފުރިހަމައަށް ތައްޔާރުވެފައި އޮތީ އެއް ފެރީ އެވެ. ނަމަވެސް ކުޑަދުވަސް ކޮޅެއްގެ ތެރޭގައި އެފެރީއަށްވެސް ކުޑަ މައްސަލަތަކެއް ދިމާވެ މައްޔިތުން އުފުލުމަށް ދަތިތަކެއް ކުރިމަތި ވީ އެވެ.

އެހާހިސާބުން މާލޭގައި މީހުން ވަޅުލުން ހުއްޓާލި ނިންމުން މެދުކަނޑާލައި އަނެއްކާވެސް އާސަހަރާގައި މީހުން ވަޅުލަން ފެށީ އެވެ. އެމްޓީސީސީން މި ފެރީގެ ހިދުމަތްދޭއިރު މި ފެރީގެ ހިދުމަތަކީ 24 ގަޑިއިރު މެދުކެނޑުމެއްނެތި ދޭން ނިންމާފައިވާ ހިދުމަތެކެވެ. އެ ފެރީއަށް މީހުން އެރޭނެ އަދަދަކީ އެމްބިއުލާންސަށްވެސް މީހުން އެރޭ އަދަދަށެވެ. ފެރީ ނޯންނަ ވަގުތުތަކުގައިވެސް މައްޔިތާގެ އާއިލާގެ މީހުންނަށް ހުޅުމާލެ ފެރީ ބޭނުން ކުރެވޭނެ އިންތިޒާމް އެމްޓީސީސީން ވަނީ ހަމަޖައްސާފަ އެވެ.

މިއަހަރު ނިމުމުގެ ކުރިން، ހިދުމަތް އަލުން ފަށާނެ

ހުޅުމާލެ ސަހަރާގައި މީހުން ވަޅުލަން މާލެއިންނާ ވިލިނގިލިން މައްޔިތުން ގެންދާ ފެރީ މެދު ކެނޑުމާއެކު އެކަންތައް މިއަދާ ހަަމައަށް އޮތީ މެދުކެނޑިފަ އެވެ. ނަމަވެސް އެ ހިދުމަތް އަލުން ފެށުމަށް އިސްލާމިކް މިނިސްޓްރީން ކުރަމުން އައި މަސައްކަތްތައް މެދުކަނޑާލާފައެއް ނުވެ އެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ މިކަމުގައި ހިމެނޭ އެމްޓީސީސީ އާއި އެޗްޑީސީ އާއި އައިޖީއެމްއެޗާ، ހުޅުމާލޭގައި އަލަށް ހުޅުވާ ހޮސްޕިޓަލާ ގުޅިގެން މި އޮޕަރޭޝަން ކުރިއަށްގެންދާނެ ގޮތުގެ ޕޭޕާ ވޯކްސްތައް ކުރިއަށް ގެންދަމުން. ދެން އަނެއްކާވެސް ފައްޓާފައި ހުއްޓާލާކަށް ބޭނުމެއް ނުވޭ. ފައްޓާފައި ހުއްޓާ ނުލެވޭ ގޮތަކަށް ވަރަށް އަވަހަށް އަޅުގަނޑުމެންގެ އޮޕަރޭޝަން ކުރިއަށް ގެންދާނެ" މުސްތަފާ ވިދާޅުވި އެވެ."އޭރުގައި އޮތީ އައިޖީއެމްއެޗް އެކަނި. ހުޅުމާލޭގައި ހުންނަ ހޮސްޕިޓަލްވެސް އޭރު މެނޭޖްކުރަމުން ދިޔައީ އައިޖީއެމްއެޗްގެ މެނޭޖްމަންޓުގެ ދަށުން. މިހާރު ހުޅުމާލެ ހޮސްޕިޓަލްވެސް އެއޮތީ އެހެންބައެއް މެނޭޖްމަންޓްގެ ދަށަށް ބަދަލުވެފައި. އެހެންވީމަ އެހުރިހާ ބޭފުޅުން އެއް މޭޒަކަށްގޮސް މަޝްވަރާތަކެއް ކުރެވެމުންދަނީ ފަސޭހަ ކަމާއެކު ރައްޔިތުންނަށް މި ހިދުމަތް ދެވޭނެ ގޮތަކަށް"

އޭނާ ވިދާޅުވީ އޮޕަރޭޝަން އަލުން ފެއްޓޭނެ ސީދާ ތާރީހެއް ބުނަން ނޭނގޭ ކަމަށާއި ނަމަވެސް މިއަހަރު ނިމުމުގެ ކުރިން އަލުން ހިދުމަތް ފަށާނެ ކަމަށެވެ. މި ހިދުމަތް އަލުން ފެށުމާއެކު މާލޭގެ އާސަހަރާގައި އަދި ވިލިނގިލީގައި މީހުން ވަޅުލުން ހުއްޓާލާނެ އެވެ.

ހުޅުމާލެ ސަހަރާގައި ވަޅުލަން މީހުން ގެންދިއުމަށް ކުރަންޖެހޭ ހުރިހާ ހަރަދެއް އާސަންދައިގެ ދަށުން ކުރެވެ އެވެ. އަދި އަމިއްލައަށް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

މައްޔިތާ ހުޅުމާލެއަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުލެ މަގުންނެވެ. އަދި މައްޔިތާ ހުޅުމާލެއަށް ގެންދިއުމަށްފަހު އާއިލާއިން ހުޅުމާލެއަށް ދިއުމުގެ އިންތިޒާމް އެމްޓީސީސީ އިން ހަމަޖައްސައިދޭނެ އެވެ. ގަވާއިދުން އޮންނަ ހުޅުމާލެ ފެރީގަ އެވެ. ފެރީ ނޯންނަ ވަގުތެއްގައި ނަމަވެސް ހާއްސަ ފެރީއެއް އިންތިޒާމް ކުރެވޭނެ އެވެ.

އައިޖީއެމްއެޗްގައި މަރުވާ މީހުން އެމްބިއުލާންސްގައި މައްޔިތާ އުފުލައި ފެރީ އޮންނަ، ނަސަންދުރާ ކުރިމައްޗަށް 60ރ. އަށް ގެންގޮސްދޭނެ އެވެ. އަދި މައްޔިތާ ފެރީގައި ހުޅުމާލެ ސަހަރާއަށް ގެންގޮސްދިނުމަށް ނަގާނީ 608ރ. އެވެ. ހުޅުލެއިން ވެހިކަލެއްގައި ސަހަރާއަށް ގެންގޮސްދިނުމަށް ނަގާނީ 160ރ. އެވެ.

"މި އޮޕަރޭޝަންސް އަލުން ފެށުނީމަ އެއް ގޮތުން ބުނަންޏާ މީހުން ވަޅުލުން ހުއްޓާލާނެ އާސަހަރާގައި. އެކަމަކު އެމަޖެންސީ ހާލަތްތަކުގައި މީހުން ވަޅުލާނެ. އާސަހަރާގައި މިހާރު އޮތް ކުޑަކުޑަ ހުސް ޖާގަ ބާއްވަން ބޭނުންވަނީ އެކަމަށް. އާސަހަރާގައި ޖާގަ ހުންނަން އެބަޖެހޭ. އެމަޖެންސީ ހާލަތްތަކޭ މި ދަންނަވަނީ މިސާލަކަށް މައްޔިތާ ބްލީޑްވުން. އެފަދަ ހާލަތްތަކަކީ އަވަހަށް ވަޅުލަންޖެހޭ ހާލަތެއް. ބައިގެންދާ ކުދިންނާއި، ތުއްތު ތުއްތު އުމުރުގައި މަރުވާކުދިން. އެފަދަ ފަރާތްތައް ވަޅުލަން އާސަހަރާގައި ހުސް ޖާގަ އޮންނަންޖެހޭ" މުސްތަފާ ވިދާޅުވި އެވެ.

އެމަޖެންސީ ހާލަތްތައް ފިޔަވައި އެހެން ހާލަތްތަކުގައި ހުޅުމާލެ ސަހަރާގައި މީހުން ވަޅުލާ ގޮތަށް ނިންމި ނަމަވެސް އަސަހަރާ އިތުރަށް ތަރައްގީކުރަން ސަރުކާރުގެ ވިސްނުން އެބަހުއްޓެވެ. އާސަހަރާގައި މިހާރުހުރި ހިނަވާގެވެސް ޒަމާނާ އެއްގޮތަށް ތަރައްގީކުރުމުގެ ވިސްނުމެއް އެބަހުއްޓެވެ. މާލޭގައި ހިނަވައިގެން ކަށުނަމާދުކޮށްގެން ހަމައެކަނި ވަޅުލަން ހުޅުމާލެ ސަހަރާއަށް ގެންދެވިދާނެ އެވެ. ހުޅުމާލެ ސަހަރާވެސް ގާއިމްކޮށްފައި ހުރީ އެއްފަހަރާ ހަތަރު މީހުން ހިނެވޭ ގޮތަށެވެ. އެތަނުގައި އަންހެނުން ނަމާދުކުރަން ހާއްސަ ކޮޓަރިއެއް އަދި މަޑުކޮށްލައިގެން ތިބެވޭގޮތަށް ވެއިޓިން ރޫމެއްވެސް ވަނީ ގާއިމްކޮށްފަ އެވެ.