ޓެކްނޯލޮޖީ

ވައިބާގައި ވިޔަފާރިވެރިންނަށް ހާއްސަ ފީޗާއެއް!

ދުނިޔޭގެ އެންމެ މަގުބޫލް ޗެޓަކަށް މި ގަރުނުގައި ވެފައި މިވަނީ ވައިބާ އެވެ. ރާއްޖޭގައި ކުދި ބޮޑު އެއްމެން ކަހަލަ ގޮތަކަށް ވައިބާގެ އަވާގައި ވަނީ ޖެހިފަ އެވެ. ގައުމުން ބޭރަށް ނުވަތަ ފޯނުގައި ބެލެންސެއް ނެެތް ވަގުތެއްގައި ވެސް ކޮށްލަނީ ވައިބާ ކޯލެކެވެ. ވައިބާ އަހަރަމެންގެ ތެރޭގައި މިހާ މަގުބޫލް އެއްޗެކަށް ވެފައިވާ އިރު ވިޔަފާރިކުރާ ފަރާތްތަށް ވެސް އެމީހުންގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައާއި ގިނަ ކަސްޓަމަރުންގެ ލޯބި އެކުންފުންޏަކާއި މެދު އާލާ ކުރުމަށް ވައިބާގެ ބޭނުން ހިފާތަން މިހާރު އަހަރަމެންނަށް ފެނެއެވެ. މިފަހަރު މި އޮތީ ވިޔަފާރިކުރާ ފަރާތްތަށް ވަރަށް ދެކެމުންއައި ހުވަފެެނެއް ވައިބާއިން ހަގީގަތަކަށް ހަދައިދީފަ އެވެ.

ވައިބާއިން މިވަނީ ވިޔަފާރިކުރާ ފަރާތްތަކަށް އެމީހުންގެ ހާއްސަ ޕަބްލިކް އެކައުންޓެއް ހެދުމުގެ ފީޗާ ތައާރަފް ކޮށްފައެވެ. މި ފީޗާއަކީ ވިޔަފާރިކުރާ ފަރާތްތަކާއި ކަސްޓަމަރުންނާއި ދޭތެރޭ އެޅޭ ވަރަށް ބޮޑު ލިންކެއް ކަމަށް ވައިބާ އިން ބުނެ އެވެ. އޭގެ އިތުރުން ފީޗާގެ ސަބަބުން ކަސްޓަމަރުންނަށް ގިނަގުނަ ލުއި ފަސޭހަތަކެއް ވެސް ވެގެންދާނެ އެވެ. އެގޮތުން މިފަދަ އެކަންޓުތަށް ގެންގުޅޭ ކުންފުނިތަކަށް ކަސްޓަމަރުންގެ އޯޑަރުތައް ރަސްމީ ހައިސިއްޔަތަކުން ބަލައިގަނެވި ކުންފުނީގެ މަސައްކަތަތަށް ޑިޖިޓަލްކޮށް އީ ކޮމާސްގެ ތެރެއަށް ވަދެވިގެންދާނެ އެވެ. މިފަދަ އެކަންޓުތަކަކީ ނަންބަރު ބޭނުންކޮށްގެން ކުންފުނިތަކާއި ކޮންޓެކްޓް ކުރުމުގެ ބަދަލުގައި ބޭނުންކުރެވިދާނެ ފަސޭހަ އަދި ކުންފުނީގެ ސެކިއުރިޓީ ކަންތައްތަކަށް ވެސް ލިބުނު ލުއިކަމެއްކަން ފާހަގަ ކޮށްލެވެއެވެ.

ގާތް ރަހުމަތްތެރިންނާއި އާއިލާގެ ފަރާތްތަކާއި ވައިބާ ބޭނުންކޮށްގެން ވާހަކަ ދެއްކެވޭ ފަދައިން މި އެކަންޓްތަށް ތައާރަފް ވުމާއެކު ކަސްޓަމަރުންނާއި ވިޔަފާރިތަކާއި މެދު ވެސް ރަނގަޅު ފާލަމެއް އެޅި ވިޔަފާރިތަކަށް ވެސް އެވިޔަފާރިތަކުގެ ކަންތައްތަށް ރަނގަޅު ކުރުމަށާއި ކަސްޓަމަރުންގެ ޝަކުވާތަށް ފަސޭހަ ކަމާއި އެކު ވިޔަފާރިވެރިންނާ ހިއްސާ ކުރެވިގެންދާނެ އެވެ.

ވައިބާގެ ޕަބްލިކް އެކައުންޓްސް ފެންނާނީ މިހާރުވެސް ބޭނުންކުރާ ވައިބާގެ ހޯމްގައި ފެންނަން ހުންނަ ޕަބްލިކް ސެގްމެންޓުގެ ތެރެއިންނެވެ. މި ޕަބްލިކް ސެގްމެންޓަށް މި ފީޗާ އަޕްޑޭޓްވާނީ އެންމެ ފަހުގެ ވައިބާ އަޕްޑޭޓާ އެއްކޮށެވެ. އެއީ ވާޝަން 6.5 އެވެ. މި ވާޝަންއަކީ އައިއޯއެސް އަދި އެންޑްރޮއިޑަށްވެސް ސަޕޯޓުކުރާނެ އެވެ.

ވައިބާގެ މި ތަފާތު ފީޗާ ފުރަތަމަ ބޭނުންކޮށްފައިވަނީ ވައިލެޓްސް ކިޗަން ކިޔާ ކުންފުންޏަކުންނެވެ. މި ކުންފުންޏަކީ ކާބޯތަކެތީގެ ވިޔަފާރި ކުރާ ކުންފުންޏެކެވެ. މި ކުންފުނިން މި ޕަބްލިކް އެކައުންޓްސްގެ ހިދުމަތްތަށް ބޭނުންކުރާ ގޮތުގެ ސްކްރީންޝޮޓުތަކެއް ވައިބާއިން ވަނީ ޕްރޮމޯޝަނަލް ފޮޓޮ ތަކެއްގެ ގޮތުގައި އާމުކޮށްފަ އެވެ. އެގޮތުން މި ސްކްރީންޝޮޓްތަކުގައި ވަނީ މި ކުންފުނި ވައިބާ ޕަބްލިކްގައި ފީޗާ ކުރިވިފައިވާ ގޮތާއި ކަސްޓަމަރުންތަކެއް މި ކިޗަންގެ ކާބޯތަކެތި އޮންލައިންކޮށް އޯޑާ ކުރާ ގޮތެވެ. މި ސްކްރީންޝޮޓްތަކުން ވެސް ވައިބާގެ މި ފީޗާގެ ފުރިހަމަކަމާއި މޮޅުކަން ދައްކައި ދެއެވެ.

ވައިބާއިން މިދަނީ އާމުންގެ އިތުރަށް ވިޔަފާރިތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ވައިބާގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ މޮޅު ގޮތްތަށް ތައާރަފް ކުރަމުންނެވެ. އަދި މިހާރު ދެމުންދާ ހިދުމަތްތަށް ވެސް ޒަމާނާއި އެއެގޮތްކޮށް ޓެކްނޮލޮޖީގެ އާ ހަރުފަތްތަކާއި ދިމާއަށް މިސްރާބު ޖަހަމުންނެވެ. ވައިބާގެ ޕަބްލިކް އެކައުންޓުތަށް މިއީ މިކަމުގެ ފެށުމެއްކަމަށް ވައިބާއިން ބުނެއެވެ. ރާއްޖޭގައި ވައިބާގެ ފޯރި މިހާ ގަދަ ދުވަސްވަރެއްގައި ދިވެހި ކުންފުނިތަކުން ވެސް އެމީހުންގެ ވިޔަފާރީގެ ތެރެއަށް ވައިބާގެ މި ފީޗާ ވައްދާނެކަން ކަށަވަރެވެ.