އަންހެނުންގެ ދުވަސް

ތިރީސް މީހުންގެ ތެރެއިން އެކެއް!

Nov 11, 2016
1

ވ. ތިނަދޫގައި ދިރި އުޅެނީ އެންމެ 30 މީހުންނެވެ. ގިނަ މީހުން ރަނގަޅު ވަޒީފާ އާއި ފުރުސަތުތަކުގެ ފަހަތުން ދުވެ، އުފަން ރަށް ދޫކޮށް ހިޖުރަ ކުރީ އެވެ. އެކަމަކު އުމުރުން 23 އަހަރުގެ މި ޒުވާނާ ރަށް ދޫކޮށެއް ނުދިޔަ އެވެ. އޭނާ ބޭނުންވީ ރަށަށް ހިދުމަތް ކުރާށެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ އޭނާގެ ހިތް އޮތީ ރަށަށް ދީފައެވެ. އޭނާ ރަށުގެ ވަޒީފާ ދެކެ ލޯބި ވަނީ އެވެ. މިއީ ތިނަދޫ ޕުލްމޭރިޔާގެ ގެސްޓް ހައުސްގެ އެޗްއާރު އޮފިސަރުގެ މަގާމު އަދާކުރާ އައިޝަތު ޝިފްނާ އާއްމު ނަމުންނަމަ (ޝިފޫ) އެވެ.

"ރަށް ދޫކޮށް ދާން ބޭނުމެއް ނޫން. ބޭނުމީ ރަށުގައި ހުރެ ވަޒީފާ އަދާކުރަން،" ތިނަދޫގައި ހިނގާ އެންމެ ބޮޑު ގެސްޓް ހައުސްގައި ވަޒީފާ އަދާކުރާ ޝިފޫ ބުންޏެވެ.

ޝިފޫގެ ޕުލްމޭރިޔާ ފުރަތަމަ ވަޒީފާއަކީ ރިސެޕްޝަނެވެ. ރިސެޕްޝަނިސްޓުގެ ވަޒީފާ އެވެ، ޒިންމާއަކީ ޓޫރިސްޓުންނަށް މަރުހަބާ ކިއުމެވެ. އޭގެ ދެ އަހަރު ފަހުން މިހާރު އޭނާއަކީ ޕުލްމޭރިޔާ ގެސްޓް ހައުސްގެ 27 މުވައްޒަފުންގެ ކަންކަން ބަލަހައްޓުމުގެ ޒިންމާ އުފުލާ ވެރިޔާ އެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ހޭލާ ގޮތަށް އޭނަ މިޝްރާބު ޖަަހާނީ ގެސްޓް ހައުސް އަށެވެ. ޕުލްމޭރިޔާ އެޗްއާރު ޑިޕާޓްމަންޓަށެވެ.

ޝިފޫއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އަދިވެސް މަދު އަންހެން ކުދިންގެ ތެރެއިން އެކަކަށްވާއިރު ޓޫރިޒަމް ދާއިރާއަކީ އަންހެނުން އުޅެން ކޮން ކަހަލަ ދާއިރާއެއް ހެއްޔެވެ؟

"ވަރަށް ރަނގަޅު ދާއިރާއެއް މިއީ އަންހެން ކުދިން އުޅެން. ވަރަށް އިންޓްރެސްޓް ހުންނަ ދާއިރާއެއް މިއީ،" ޝިފޫ ބުންޏެވެ.

ޝިފޫ ބުނި ގޮތުގައި މި ދާއިރާއަކީ ރަނގަޅު ގޮތުގައި އުޅޭ އަންހެން ކުދިންނަށް އެންމެ ރަނގަޅު ދާއިރާއެވެ.

"ވަރަށް ރަނގަޅު ފުރުސަތެއް މިއީ އަންހެން ކުދިން އުޅެން ރަނގަޅު އެއް ދާއިރާ. ވަރަށް ބައިވަރު ފުރުސަތު އެބަހުރި،" ޝިފޫ ބުންޏެވެ.

ޝިފޫ މި ދާއިރާގައި މަސައްކަތް ކުރުމަށް ބެލެނިވެރިންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެ އެވެ. އެހެންވެ ޝިފޫ ރަށް ދޫކޮށް އެހެން ތަނަށް ބަދަލުވުމުގެ ވިސްނުމެއް ނެތެވެ. އޭނާގެ ވިސްނުން ހުރީ ތިނަދޫ ޕުލްމޭރިޔާގެ ވަޒީފާގައި އުޅުމަށެވެ.