ދުނިޔެ

އިންޑިއާ ޕާކިސްތާންގެ ކޯޅުމާ ހެދި ސާކް މަރުވަނީތަ؟

މި މަހު ޕާކިސްތާންގައި ބޭއްވުމަށް ހަމަޖެއްސި ދެކުނު އޭޝިއާގެ ސަރަހައްދީ ސަމިޓް ނުބޭއްވި ސަރަހައްދީ މައްސަލަތަކަށް ހައްލު ހޯދުމަށް ހުރަސް އެޅުނު ސަބަބަކަށްވީ އިންޑިއާ އާއި ޕާކިސްތާންގެ ކޯޅުމެވެ.

އިންޑިއާގެ ބޮޑުވަޒީރު ކަމާ ނަރެންދުރަ މޯދީ ހަވާލުވެ ވަޑައިގެންނެވި ހިސާބުން ފެށިގެން ޕާކިސްތާނާ މެދު އިންޑިއާ ދެކެމުން އައިގޮތް ފާޅުވާން ފެށިއެވެ. އެހެންނަމަވެސް ދެހާސް ސާދަ ވަނަ އަހަރު ނޭޕާލްގައި އޮތް ސަރަހައްދީ ސަމިޓަށް ވަޑައިގެން ޕާކިސްތާންގެ ބޮޑުވަޒީރު ނަވާޒު ޝަރީފާއި މޯދީ ބައްދަލު ކުރައްވައި ދެ ބޭފުޅުގެ ވާހަކަފުޅުތައް ކުރިއަށް ގެންދެވި އެވެ.

ނަމަވެސް މިދިޔަ އަހަރުން ފެށިގެން އިންޑިއާ ޕާކިސްތާނާ ދެމެދު ފިނި ހަނގުރާމަ ފާޅުވެ ދެ ގައުމުން އެއް ގައުމަކަށް ބަހުގެ ހަމަލާތައް ބަދަލު ކުރަމުން ދެ އެވެ. ސަރަހައްދީ ބައްދަލުވުންތައް އިންޑިއާގައި ބާއްވާނަމަ ޕާކިސްތާނަކުން ނުދެ އެވެ. ޕާކިސްތާންގައި ބާއްވާނަމަ އިންޑިއާއެއް ނުދެ އެވެ.

މި މައްސަލަ ގަނޑުގެ ތެރޭގައި އުޅެނިކޮށް މިއަހަރު ޖޫން މަހު ދެ ގައުމުގެ ދެމެދުގައި އިތުރަށް ހުޅު ފަޅައިގެން ދިޔައީ އިންޑިއާއިން ކަޝްމީރުގެ ޒުވާނަކަށް ބަޑިން ހަމަލާދީ އޭނާ މަރާލުމުންނެވެ. އިންޑިއާގެ ނަޒަރުގައި މަރާލި މީހާއަަކީ އިންޑިއާ ދެކޮޅަށް ހަނގުރާމަ ކުރާ "ޓެރަރިސްޓެ" ކެވެ. ނަމަވެސް ކަޝްމީރުގެ ޒުވާނުންގެ މެދުގައި އެއީ ކަޝްމީރު ވަކި ދައުލަތަކަށް ހެދުމަށް ކުރާ މަސައްކަތުގައި "ގައުމީ ބަތަލެ" ކެވެ. "ފްރީޑަމް ފައިޓާ" އެކެވެ. އޭނާގެ މަރާއެކު ކަޝްމީރުގައި އިންޑިއާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލަން ފެށިއެވެ. ކަޝްމީރުގެ މުޒާހަރާތައް ހުއްޓުވުމަށް އިންޑިއާއިން ކަޝްމީރުގެ ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރިއެވެ. ނަތީޖާއަކަށްވީ ކަޝްމީރުގެ ތެރެއިން އިންޑިއާ ދެކޮޅަށްވެސް ހަމަލާ ދޭން ފެށުމެވެ.

ޕާކިސްތާނުން މައްސަލަ ހިފައިގެން ބައިނަލްއަގްވާމީ މުއައްސަސާތަކަށް ހުށަހެޅި އެވެ. އިންޑިއާއިން ތުހުމަތު ކުރީ ކަޝްމީރުގެ ތެރެއިން އިންޑިއާ ދެކޮޅަށް ރޭވިގެން އަންނަ ކަންކަމަކީ ޕާކިސްތާން އަޑީގައި އޮވެގެން ރާވަ ކަންކަން ކަމަށެވެ. ނަމަވެސް އިންޑިއާގެ އެ ތުހުމަތުތައް ޕާކިސްތާނުން ދޮގު ކުރެއެވެ.

ކަޝްމީރުގެ މައްސަލަ ގޯސްވެ ޕާކިސްތާންނާއި އިންޑިއާގެ އަސްކަރިއްޔާ ދެމެދުވެސް ހަނގުރާމައެއް ފެށިދާނެހެން ހީވިއެވެ. މިދިޔަ މަހާއި ހަމަޔަށް ދެ ގައުމުގެ ވެރިން އެއް ގައުމު އަނެއް ގައުމާ ދެކޮޅަށް ބޮޑެތި ތުހުމަތުތަކެއް އައީ ކުރައްވަމުންނެވެ.

މި ދެ ގައުމުގެ ކޯޅުމުގެ ތެރެއަށް ދެކުނު އޭޝިއާގެ ސަމިޓް މައްސަލަ މިހާރު އެވަނީ ވަދެފަ އެވެ. ޕާކިސްތާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓް އިންޑިއާ އިން ބޮއިކޮޓް ކުރުމާއެކު ސަރަހައްދުގައި އިންޑިއާގެ ގޮނޑިކޮއްކޮ ސަރުކަރުތަކުން އިންޑިއާގެ ފަހަތުން ސަމިޓް ބޮއިކޮޓް ކުރިއެވެ. ބަނގުލަދޭޝް އާއި ބޫޓާން އަދި އަފުގާނިސްތާނެވެ. ޕާކިސްތާން ނުލައި ބާކީ އޮތީ ތިން ގައުމެވެ. ނޭޕާލާއި ޝްރީލަންކާއާއި ރާއްޖެއެވެ. މި ތިން ގައުމުން ހިޔާރު ކުރީ ހިމޭނުން ތިބުމަށެވެ. ސަމިޓަށް ނުދާނެ ވާހަކަ އެއް ނުބުނެ އެވެ.

ޕާކިސްތާނާއެކު އޮތް ކަމަށް ބެލެވޭ ތިން ގައުމަކީ ޗައިނާ ބޮޑެތި މަޝްރޫތައް ހިންގަމުންދާ ތިން ގައުމެވެ. މައްސަލައިގެ ތެރެއަށް ޗައިނާގެ ޑިޕްލޮމަސީ ވަދެ އިންޑިއާ އާއި ޗައިނާ އާ ދެމެދު ވާދަވެރި ކަމުގެ ތެރެއިން ޕާކިސްތާނާއި ޗައިނާއާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން މިތިން ގައުމުން ނިންމީ ވަކިކޮޅަކަށް ބުރަ ނުވެތިބެ މެދުމިން ޑިޕްލޮމަސީއެއް ހިޔާރު ކުރުމެވެ.

އެންމެ ފަހުން ޕާކިސްތާންގެ ސަރުކާރުގެ އެކިފެންވަރުގެ ބޭފުޅުން މި ތިން ގައުމަށް ވަޑައިގަތެވެ. ޕާކިސްތާންގައި ސަމިޓް ނުބޭއްވުނަސް ޕާކިސްތާން ބޭނުންވީ ޕާކިސްތާނާއެކު ސަރަހައްދުގެ ގައުމުތަކެއް އެކުގައި ވާކަން އިންޑިއާ ދެއްކުމެވެ.

ކުރިން އޮތް ގޮތުން ނަމަ މިއަންނަ މިހަފުތާ އަންގާރަ ދުވަސް ވެގެންދާނީ ޕާކިސްތާންގެ އިސްލާމް އާބާދަށް އޭޝިއާގެ އެންމެ ބޮޑު އާބާދީ ހިމެނޭ ސަރަހައްދީ ޖަމްއިއްޔާގެ ގައުމުތައް ޖަމާވެ ސަރަހައްދުގެ ކުރިމަގަށްޓަކައި މަސައްކަތް ކުރުމަށް އެއްބަސްވާނެ ސަމިޓް ބޭއްވޭ ދުވަހަށެވެ. ގައުމުތަކުގެ އިސްވެރިން އެއްބޭފުޅަކު އަނެއްބޭފުޅާކާ ބައްދަލުވެ ސަލާމްކޮށް ހިނިތުންވެލައި ދޭދޭ ގައުމުތަކުގެ މައްސަލަތައް ހައްލު ކުރުމަށް އެއްގައުމު އަނެއް ގައުމަށް އެހީވުމަށް އެއްބަސްވުންތައް ގާއިމު ކުރެވޭނެ ސަމިޓަކަށް އެ ސަމިޓް ވާނެ ކަމަށެވެ. ނަމަވެސް ދެކުނު އޭޝިއާގެ ނިއުކްލިއަ ދެ ބާރުގެ ކޯޅުމާ ހެދި ސަރަހައްދީ ޖަމްއިއްޔާގެ މަސައްކަތައް ހުރަސް އެޅުނީއެވެ.

މި އަހަރަށްފަހު ދެން އޮތީ 2019 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓެވެ. ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބެންގަލޫރުގަ އެވެ. ޕާކިސްތާންގައި ސަމީޓް ބާއްވަން އިންޑިއާއިން ހުރަސް އެޅީތީވެ ޕާކިސްތާނުން ވެސް އިންޑިއާގައި ސަމިޓް ބާއްވަން ހުރަސް އަޅާނެ އެވެ. އޭރުން ސަރަހައްދުގެ ބައްދަލުވުމެއް ވެސް ކުރިއަށް ނުގެންދެވޭނެ އެވެ. ސަބަބަކީ ސަރަހައްދީ އެހެން ގޮފިތަކުގެ ބައްދަލުވުންވެސް ކުރިއަށް ގެންދަނީ އެ އަހަރެއްގެ ސަމިޓްގައި އެއްބަސްވާ ކަންކަމުގެ މައްޗަށެވެ. ނަމަވެސް އެ ފުރުސަތު ދެކުނު އޭޝިއާގެ ސަރަހަދީ ޖަމްއިޔާއަށް ގެއްލުނީ އެވެ. ސާކަށް ދެން ވެގެންދާނެ ގޮތެއްވެސް ނޭނގެއެވެ.