ބޭރު ކުޅިވަރު

އާޖެންޓީނާގެ ފުޓްބޯޅަ ބަދަލު ކުރަންޖެހޭ: މެސީ

Nov 11, 2016

އާޖެންޓީނާގެ ފުޓްބޯޅަ މިހާރު އޮތް ހާލަތުން އަރައިގަތުމަށްޓަކައި ރަނގަޅަށް ވިސްނައި ކަންކަން ބަދަލު ކުރަންޖެހޭ ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ރޭ ބްރެޒިލް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު މީޑިއާ ވާހަކަ ދައްކަމުން މެސީ ބުނީ މިހާރު އޮތް ހާލަތުން ވެސް އާޖެންޓީނާ އޮތީ އަމިއްލަ އަށް އަރައިގަނެވޭ ހިސާބެއްގައި ކަމަށާއި ބަދަލުތައް ގެނެސްފިނަމަ ކާމިޔާބު ލިބޭނެ ކަމަށެވެ.

މެސީ އިޝާރާތް ކުރީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕު ފައިނަލުން ބަލިވުމާއި މިދިޔަ އަހަރާއި މިއަހަރު ބޭއްވި ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުން ބަލިވުމުން ގެންނަން ޖެހޭ ބަދަލުގެ މައްޗަށް ކަމަށް ބެލެވެއެވެ.

"އަހަރެމެންގެ ބޯ ބޭނުންކޮށްގެން އަހަރެމެން މަސައްކަތް ކުރަންޖެހޭ ސަބަބަކީ މި ޓީމުގައި އެބަތިބި ވަރަށް ރަނގަޅު ކުޅުންތެރިން، ރަނގަޅު ވިސްނުމެއް ބޮލުގައި ނުގެންގުޅެންޏާ [ދަނޑު މަތީގައި] ފައިގެ ބޭނުމެއް ނުކުރެވޭނެ." މެސީ ބުންޏެވެ. "އަހަރެމެން އަމިއްލަ އަށް ވެސް އެބަޖެހޭ ވަރުގަދަ ވާން އަދި އަހަރެމެންނަށް އެނގެން އެބަޖެހޭ އަހަރެމެންގެ މިހާލަތުން އަރައިގަންނާނެ ގޮތަކީ ކޮބައިކަންވެސް. ކާމިޔާބު ލިބޭނީ އެންމެ ކުޅުންތެރިޔެއް ވަރުގަދަ ވެގެނެއް ނޫން މޮޅު ކުޅުމެއް ދެއްކުމަށްޓަކައި އަހަރެމެންގެ މުޅި ޓީމު ރަނގަޅު ވާން ޖެހޭ."