ރާއްޖެ ކުޅިވަރު

މާޒިޔާއާ ކުޅެން ސިންގަޕޫރުގެ ވޯރިއާސް މާލެ އަތުވެއްޖެ

އޭއެފްސީ ކަޕްގެ ގުރޫޕް އީގައި އަންގާރަ ދުވަހު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ކުޅެންޖެހޭ މެޗަށް، ސިންގަޕޫރުގެ ވޯރިއާސް ފުޓްބޯލް ކްލަބް ރޭ މާލެ އަތުވެއްޖެ އެވެ.

މިދިޔަ ސީޒަންގައި ސިންގަޕޫރު ލީގު ކާމިޔާބުކުރި ވޯރިއާސް އަކީ ރާއްޖެ އަށް އާ ޓީމެއް ނޫނެވެ. ކުރިން ސިންގަޕޯ އާމްޑް ފޯސަސް ފުޓްބޯލް ކްލަބްގެ ނަމުގައި ކުޅެމުންދިޔަ ވޯރިއާސްގެ ޓީމުން ވަނީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ނިއު ރޭޑިއަންޓާ އެއް ގުރޫޕެއްގައި ވާދަކޮށްފަ އެވެ.

ސިންގަޕޫރު ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ ވޯރިއާސްގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި އިންގްލެންޑަށް އުފަން ސިންގަޕޫރުގެ ގައުމީ ޓީމުގެ ޑިފެންޑަރު ޑެރެކް ބެނެޓާއި އާޖެންޓީނާގެ ފޯވަޑް ނިކޮލަސް ވެލޭޒް އާއި އިންގްލެންޑްގެ މިޑްފީލްޑަރު ތޯމަސް ބީޓީ ހިމެނެ އެވެ. ވޯރިއާސްގެ ކޯޗަކީ އިންގްލެންޑްގެ އެލެކް ވީވާ އެވެ.

ވޯރިއާސް އާއި މާޒިޔާ ވެސް ވަނީ މި ގުރޫޕްގައި ކުޅުނު ފުރަތަމަ މެޗުން ބަލިވެފަ އެވެ. މާޒިޔާ ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން 2-1 އިން ރަށުން ބޭރުގައި ބަލިވެފަ އެވެ. އަމިއްލަ ދަނޑުގައި އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ އަތުން ވޯރިއާސް ބަލިވީ 3-1 އިންނެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް އެޗްގައި ވާދަކުރާ ނިއު ރޭޑިއަންޓް އިން މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ލާއޮސްގެ ލާއޯ އެފްސީއާ ދެކޮޅަށެވެ. ނިއު ވެސް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބަލިވެފަ އެވެ. ރަށުން ބޭރުގައި އިންޑޮނޭޝިއާގެ ޕެރްސިބް ބަންޑުންގް އަތުން ނިއު ބަލިވީ 4-1 އިންނެވެ.