ރާއްޖެ ކުޅިވަރު

އޭއެފްސީ ކަޕްގައި މާޒިޔާ އަށް ޕްލޭއޮފްގެ ޖާގައެއް

Dec 10, 2014

 އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ސީދާ ޖާގައެއް ނުލިބި، ގުރޫޕް ސްޓޭޖުގެ ޖާގައެއް ހޯދުމަށްޓަކައި މުބާރާތުގެ ޕްލޭއޮފްގައި ވާދަކުރަން ޖެހިއްޖެ އެވެ.

މިއީ 2004 ވަނަ އަހަރު އޭއެފްސީ ކަޕް ބާއްވަން ފެށި ފަހުން، ރާއްޖޭގެ ދެ ކްލަަބަށް މުބާރާތުގެ ގުރޫޕް ސްޓޭޖުން ސީދާ ޖާގައެއް ނުލިބުނު ދެވަނަ ފަހަރެވެ. ދެހާސް ބާރަ ވަނަ އަހަރު އެފްއޭ ކަޕްގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ވިކްޓަރީ ސްޕޯޓްސް ކްލަބަށް ވެސް ލިބުނީ އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ޖާގައެކެވެ. ވިކްޓަރީ އަށް އެ އަހަރު ގުރޫޕް ސްޓޭޖުން ސީދާ ޖާގައެއް ނުލިބުނީ  އޭއެފްސީގެ އިވެލުއޭޝަން ސިސްޓަމުން އެންމެ ދަށްކޮށް ޕޮއިންޓް ލިބުނު ހަތަރު ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭތީ އެވެ. އެ އަހަރު ޕްލޭއޮފްގައި ވިކްޓާރީ ވަނީ ޔަމަނުގެ އަލް ތިލާލް އަތުން ބަލިވެފަ އެވެ.

އެހެންކަމުން އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ސީދާ ޖާގައެއް ލިބޭނީ ދިވެހި ލީގު ޗެމްޕިއަނުން ނިއު ރޭޑިއަންޓަށެވެ. މާޒިޔާ އަށް ގުރޫޕް ސްޓޭޖުން ޖާގަ ލިބޭނީ ޕްލޭ އޮފް މެޗު ކާމިޔާބުކޮށްގެނެވެ.

އޭއެފްސީގެ ކްލަބު މުބާރާތްތަކުން ގައުމުތަކަށް ޖާގަ ލިބޭ އެސެސްމަންޓް ކްރައިޓީރިޔާ އޭއެފްސީން ވަނީ މި އަހަރުގެ ކުރީކޮޅު ބަދަލު ގެނެސްފަ އެވެ.

އޭއެފްސީގެ ކޮމްޕެޓިޝަން ކޮމެޓީން ނިންމާފައިވަނީ މެމްބަރު އެސޯސިއޭޝަން ރޭންކްކުރުމުގައި އެ ގައުމެއްގެ ގައުމީ ޓީމުގެ ނަތީޖާތަކާއި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ގައުމުގެ ކްލަބުތައް އޭއެފްސީގެ މުބާރާތްތަކުގައި ނެރެފައިވާ ނަތީޖާތަކަށް ބެލުމަށެވެ. ޕޮއިންޓް ދިނުމުގައި 30 ޕަސެންޓް ލިބޭނީ ގައުމީ ޓީމުތަކުގެ ނަތީޖާތަކަށެވެ. އަދި 70 ޕަސެންޓް ދޭނީ ކްލަބުތައް އޭއެފްސީގެ މުބާރާތްތަކުގައި ނެރޭ ނަތީޖާތަކަށެވެ.

މި އެސެސްމަންޓް ކުރިއަށް ގެންދިޔައީ މި އަހަރު އެވެ. މި އަހަރު ހަދާ އެސެސްމަންޓަށް އަމަލުކުރާނީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އެވެ. އަދި 2016 ވަނަ އަހަރު ހަދާ އެސެސްމަންޓަށް އަމަލުކުރާނީ 2017 އިން 2020 ވަނަ އަހަރާ ހަމައަށެވެ.

އެހެންކަމުން 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ވެސް ސީދާ ޖާގައެއް ލިބޭނީ ރާއްޖޭގެ ލީގު ޗެމްޕިއަނުންނަށެވެ. އެފްއޭ ކަޕްގެ ޗެމްޕިއަނުންނަށް ޖެހޭނީ ޕްލޭއޮފްގައި ވާދަކުރާށެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ މެމްބަރު އެސޯސިއޭޝަންގެ ރޭންކިންގެ އީސްޓް ޒޯންގައި ރާއްޖެ އޮތީ 13 ވަނައިގަ އެވެ.

ފާއިތުވި ދެ ސީޒަންގައި ވެސް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ވާދަކުރި މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) ވިދާޅުވީ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ސީދާ ޖާގައެއް ނުލިބޭކަން މިއަދާ ހަމައަށް އެ ކްލަބަށް ނޭނގޭ ކަމަށެވެ. އަދި ކުރިން އެކަން ނޭނގުމުން އެ ކްލަބަށް ގިނަ މައްސަލަތަކެއް ދިމާވާނެ ކަމަށާއި މިކަމުގެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިހުމާލު އެބައޮތް ކަމަށެވެ.

"މިއަދު އަޅުގަނޑުމެންނަށް ވެސް މި އެނގުނީ އަންނަ އަހަރު އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ޖާގަ ނުލިބޭކަން. މިހާރު މިވީގޮތުން ޕްރެކްޓިސް ފެށުމާއި ކުޅުންތެރިން ނިންމުމުގެ ކަންތައްތަކާއި ސްޕޮންސަރުންގެ ކަންތައް އަވަސްކުރަން މި ޖެހުނީ. އުނދަގޫތައް ދިމާވާނެ އެހެންވީމަ. އެފްއޭ ކަޕް ލިބުނު ހިސާބުން ފެށިގެން އަޅުގަނޑުމެން ވިސްނައިގެން މިތިބީ ގުރޫޕް ސްޓޭޖުގައި ވާދަކުރަން ޖެހޭނެ ކަމަށް،" ކޮއްކީ ވިދާޅުވި އެވެ. "މި ކަމުގައި އެފްއޭއެމްގެ އިހުމާލު އެބައޮތް. އެއީ ކުރިން މި ކަހަލަ ކަންތައް އެނގޭނެ ކަމަށް ގަބޫލްކުރަނީ. ކްލަބުތަކަށް މި ކަހަލަ ކަންތައްތައް އަންގަންޖެހޭނެ. އުންމީދުކުރި މިހާރު އެފްއޭއެމްގެ ހިންގުމާ ހަވާލުވެ އޮތް ކޮމެޓީން މި ކަހަލަ މައްސަލަތައް ރަނގަޅުކޮށް، މި ކަހަލަ ކަމެއް ތަކުރާރުނުވާ ގޮތްތަކެއް ހޯދާނެ ކަމަށް."