ވޯލްޑް ކަޕް ކޮލިފައިންގެ ޔޫރަޕްގެ ޒޯންގެ ގުރޫޕް ޖީ ގައި ހިމެނޭ ސްޕެއިން އާއި އިޓަލީ ކުޅުނު މެޗްތަކުން ވެސް ފަސާހެ މޮޅެއް ހޯދައިފިއެވެ.
ސްޕެއިން، މެސަޑޯނިއާ ދެކޮޅަށް ކުޅުނު މެޗް ވެސް އަދި އިޓަލީ ޔޫރަޕްގެ ކުޑަ ގައުމެއް ކަމަށްވާ ލިކްޓެންސްޓައިންއާ ދެކޮޅަށް ކުޅުނު މެްޗްވެސް ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެވެ.
އިޓަލީ ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އެންޑްރީ ބެލޮޓީ އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ އިމްބައިލް އާއި ކެންޑްރޭވާ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗްގައި ސްޕެއިންގެ ފުރަތަމަ ލަނޑަކީ މެސަޑޯނއިާގެ ވެލޮސްކީ އަތުން ބައިކޮަޅަށް ވަން ލަނޑެކެވެ. އަނެއް ތިން ލަނޑު ކާމިޔާބު ކުރީ ވިޓޯލާ އާއި އާސެނަލްއަށް ކުޅެމުންދާ ނަޗޯ މެންރެއާލްގެ އިތުރުން ސްޕެއިންގެ ތަޖުރިބާ ކާރު ކުޅުންތެރިޔާ އެތުލެޓިކް ބިލްބޯއާގެ އަޑޫރިޒްއެވެ.
އަޑޫރިޒް ކާމިޔަބު ކުރި ގޯލާއެކު އޭނާ ވެފައިވަނީ ސްޕެއިން އަށް ލަނޑު ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. އޭނާ ރޭގެ މެޗްގައި ލަނޑު ޖެހިއިރު 35 އަހަރާއި 275 ދުވަހެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ 1930 ވަނަ އަހަރު ޕޯޗްގަލް ކޮޅަށް ލަނޑު ޖެހި ޖޯސް މާރިއާ ޕެނާ އަތުގައެވެ. އޭނާ ލަނޑު ޖެހި އިރު 35 އަހަރާއި 225 ދުވަހެވެ.
ފަސޭހަ ގުރޫޕެއްގައި ލައްވައިލި ސްޕެއިންނާއި އިޓަލީ އަށްވެސް ހަމަހަމަ އަށް ޕޮއިންޓް ލިބިފައި އޮތްއިރު ލަނޑުގެ ތަފާތުން ގުރޫޕްގެ އެއް ވަނަ ލިބެނީ ސްޕެއިން އަށެވެ. ދެޓީމަށްވެސް ލިބިފައިވަނީ 10 ޕޮއިންޓެވެ. އެއް ޕޮއިންޓެއްގެ ތަފާތުން ގުރޫޕްގެ ތިން ވަނައިގައި އޮތީ އިޒްރޭލެވެ. އެޓީމު ރޭ އަލްބޭނިއާ ދެކޮޅަށް ކުޅުނު މެޗް ކަމިޔާބު ކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާލާއިރު ވޭލްސް އާއި ސާބިއާ ކުޅުނު މެޗް ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ގެރެތު ބޭލް މެޗްގެ 30 ވަނަ މިނެޓްގައި ވޭލްސްއަށް ލީޑް ނަގައިދީފައިވަނިކޮށް މެޗްގެ ފަހު ކޮޅު ސާބިއާ އަށް ނަތީޖާ ހަމަހަމަ ކޯށްދިނީ މިޓްރޯވިކް ކާމިޔާބު ކުރި ލަނޑުންނެވެ.
ޔޫކްރޭން އާއި ޗެލްސީގެ ކުރީގެ ތަރި އެންދުރޭ ޝެވަޗެންކޯގެ ކޯޗް ކަމުގެ ދަށުން ކުޅުނު ޔޫކްރޭން ވަނީ ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗް 1-0 ން ކާމިޔާބު ކޮށްފައެވެ.
މިރޭ ކުޅޭ ފޯރިގަދަ މެޗްތަކަށް ބަލާލާއިރު ހޮލެންޑާ ލްގްޒަންބާގް ކުޅޭ މެޗާއި ޕޯޗްގަލް އާއި ލެޓްވިއާ ކުޅޭ މެޗާއި ބެލްޖިއަމް އާއި އެސްޓޯނިއާ ކުޅޭ މެޗް ފާހަގަ ކޮށްލެވެއެވެ.