ބޭރު ކުޅިވަރު

ސުއަރޭޒް އާއި ރެކިޓިޗް ބާސާގެ ކޮންޓްރެކްޓް އާ ކުރަނީ

Nov 13, 2016

ބާސެލޯނާގެ ފޯވަޑް ލުއިސް ސުއަރޭޒް އާއި މިޑްފީލްޑާ އީވާން ރެކިޓިޗް ބާސާގެ ކޮންޓްރެކްޓް އާ ކުރުމާ ގާތުގައިވާ ކަމަށް ބާސާއިން ބުނެފިއެވެ.

ބާސާގެ އޮފިޝަލަކާ ހަވާލަދީ ސްޕެއިންގެ ކުޅިވަރު ނޫސް 'އޭއެސް' އިން ބުނެފައިވަނީ 2014 ވަނަ އަހަރު ޖުލައި މަހު ބާސާއާ ގުޅުނު ސުއަރޭޒް ބާސާގެ އާ އެއްބަސްވުމުގައ އަންނަ ހަފުތާގައި ސޮއި ކުރާނެ ކަމަށެވެ.

އިނގިރޭސި ކުލަބު ލިވަޕޫލުން 64.98 މިލިއަން ޕައުންޑްގެ ޓްރާންސްފާ އަގަކަށް ބާސާ އަށް ބަދަލުވި ސުއަރޭޒް އޭރު ބާސާ އަށް ކުޅެން ސޮއި ކުރީ ފަސް އަހަރުގެ މުއްދަތަށެވެ. މިހާރު އޮތް ކޮންޓްރެކްޓްގެ ދަށުންވެސް 2019 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ސުއަރޭޒް ބާސާގައި މަޑު ކުރާނެއެވެ.

ރެކިޓިޗްގެ ކޮންޓްރެކްޓް އާ ކުރުމަށް ބާސާއިން އޭނައާ ވާހަކަ ދައްކަމުން އަންނަތާ މަހެއް ވެފައިވާ ކަމަށް އޭއެސް އިން ބުނެއެވެ. ޓްރާންސްފާ ރިޕޯޓްތައް ބުނާ ގޮތުން މެންޗެސްޓާ ޔުނައިޓަޑްގެ އިތުރުން ބައެއް އެހެން ކުލަބުތަކުންވެސް ރެކިޓިޗް ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮރޭޝިއާގެ ގައުމީ ޓީމުގެ މިޑްފީލްޑްގައިވެސް މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ރެކިޓިޗް، ސެވިއްޔާއިން ބާސާ އަށް ބަދަލުވީ 2014 ވަނަ އަހަރުއެވެ. އޭނާގެ މިހާރުގެ ކޮންޓްރެކްޓްވެސް ހަމަވާނީ 2019 ވަނަ އަހަރުއެވެ.


ސުއަރޭޒް އާއި ރެކިޓިޗްގެ ކޮންޓްރެކްޓް އާ ކުރުމަށްފަހު ބާސާއިން ދެން މަސައްކަތް ފަށާނީ ކެޕްޓަން އަންދުރޭ އިނިއެސްޓާ އާއި ލިއޮނަލް މެސީގެ އިތުރުން ރޮބާޓޯ ސާޖިއޯގެ ކޮންޓްރެކް އާ ކުރުމަށެވެ.

ބާސާގެ ކޮންޓްރެކްޓް މިއަހަރު އާ ކުރި ކުޅުންތެރިންގެ ތެރޭގައި ހިމެނެނެނީ ނާމާ އާއި ސާޖިއޯ ބްސްކެޓްސްގެ އިތުރު ހާވިއޭ މެޝަރާނޯއެވެ.