ދުނިޔެ

ބާރުގަދަ ބިންހެލުމަކަށް ފަހު ނިއު ޒިލެންޑަށް ސުނާމީ އަރައިފި

Nov 13, 2016

ނިއުޒިލެންޑްގެ ސައުތު އައިލެންޑަށް މެގްނެޓިއުޑް 7.8 ގެ ބާރު މިނުގައި މިއަދު އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން އެގައުމުގެ ސައުތު އައިލެންޑް ޖަޒީރާ އަށް ސުނާމީ އަރައިފި އެވެ.

ސައުތު އައިލެންޑަށް ސުނާމީ އަރާފައި ވަނީ މި ބިންހެލުމެއް އައިތަނާ ގާތްގަނޑަކަށް ދެ ގަޑިއިރުފަހުންނެވެ. ސުނާމީ އަރާނެ ކަމުގެ އިންޒާރު ދީފައިވަނިކޮށް ސައުތު އައިލެންޑަށް އަރާފައި ވަނީ އުސްމިނުގައި ހަ ފޫޓް ފަސް އިންޗި ހުރި ކަމަށް ރިކޯޑްކުރެވިފައިވާ ބިޔަ ރާޅުތަކެކެވެ. ސައުތު އައިލެންޑް އޮންނަނީ ނިއު ޒިލެންޑްގެ ކްރިސްޓްޗާޗް ސިޓީއާ 95 ކިލޯމީޓަރު ދުރުގަ އެވެ.

ކްރިސްޓްޗާޗް އާއި ވެލިންޓޮން އަދި ކެތަމް އައިލެންޑްސް އަށް ވެސް ސުނާމީ އަރާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

ނިއު ޒިލެންޑަކީ ބިންހެލުން އެންމެ އާންމު އަދި އެންމެ ނުރައްކާތެރި ކަމަށް މަޝްހޫރު "ރިންގް އޮފް ފަޔާ" އޭ ކިޔުނު ޓެކްޓޯނިކް ސަރަހައްދަށް ނިސްބަތްވާ ގައުމެކެވެ.