ޖީއެމްއާރު އަތުން އިބްރާހިމް އިންޓަނޭޝަނަލް އެއާޕޯޓް، އައިއެންއައިއޭ އަތުލުމުން ބަދަލެއްގެ ގޮތުން ސަރުކާރުން އެ ކުންފުންޏަށް ދައްކަން ޖެހޭ 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) މިއަހަރުގެ ތެރޭގައި ހަލާސް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަން ހާމަވެއްޖެ އެވެ.
ޖީއެމްއާރަށް ދޭން ޖެހޭ ފައިސާއާ ބަޖެޓްގައި ހިމެނިފައި ނެތް ކަން ފާހަގަ ކުރައްވައި، މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް މިރޭ ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން އެ ފައިސާ ޖީއެމްއާރަށް ދައްކައި ހަލާސް ކުރުމަށް ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓްގައި އެ ފައިސާ ހަރަދު ކުރަން ހިމަނާފައި ނެތީ އެހެން ވެގެން ކަމަށް ބެލެވޭ ކަމަށް ވެސް އަޒީމާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެ ފައިސާ ދައްކާނީ މިއަހަރުގެ ކޮން އިރެއްގައި ކަން އެނގިވަޑައިގަންނަވާނީ ފިނޭންސް މިނިސްޓަރަަށް ކަމަށް ވެސް އަޒީމާ ވިދާޅުވި އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތީ ޖީއެމްއާރަށް ދައްކަން ޖެހޭ ފައިސާ މިއަހަރު ދައްކައި ހަލާސް ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާކަން އެހެން ވީމާ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައި ނު ވަނީ އެ ފައިސާ. ތިބޭފުޅުން އިތުރަށް އެކަމާ ފިނޭންސް މިނިސްޓަރާ ސުވާލު ކުރެއްވުން ރަނގަޅު ވާނެ ކަމަށް،" ގަވަރުނަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް މިރޭ ފިނޭންސް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. އެހެން ނަމަވެސް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވީ ޖީއެމްއާރަށް ފައިސާ ދެއްކުން މިއަހަރުގެ ބަޖެޓްގައި ކަނޑައެޅިފައި ނެތް ކަމަށާއި ހާއްސަ ބަޖެޓުން އެ ފައިސާ ދެވިދާނެތޯ ޖެހޭނީ ބަލަން ކަމަށެވެ.
އައިއެންއައިއޭ އާ ޖީއެމްއާރުން ހަވާލުވީ ޖޫން 28، 2010 ގައެވެ. އެ ކުންފުނިން އެއާޕޯޓް ހިންގަކޮށް ދެ އަހަރާއި ފަސް މަހާއި ހަފުތާއެއް ފަހުން އެ އެގްރިމެންޓް ބާތިލުކޮށް އެއާޕޯޓް އަތުލީ ޑިސެމްބަރު 7، 2012 ގަ އެވެ. އެއާޕޯޓް އަތުލި މައްސަލައިގެ ބަދަލުގެ ގޮތުގައި ޖީއެމްއާރުން އެދިފައި ވަނީ 1.4 ބިލިޔަން ޑޮލަރު ނަގައިދޭށެވެ. އެހެން ނަމަވެސް އެވަރު އަދަދެއް ނަގައިދެވެން ނެތް ކަމަށް އާބިޓްރޭޝަނުން ނިންމި އެވެ.
އެމްއޭސީއެލްއިން އެއާޕޯޓު ހިންގުމާ ހަވާލުވީ ފަހުން 2013 ވަނަ އަހަރުގެ ސާފު ފައިދާއެއް ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޖެހިގެން އައި އަހަރު 1.2 ބިލިއަން ރުފިޔާ ސާފު ފައިދާ ގޮތުގައި ލިބުނު ކަމަށް ވެސް އެއާޕޯޓުން ހާމަކޮށްފައިވެ އެވެ. އެއާޕޯޓްގެ އެމްޑީ މީގެ ކުރިން ވިދާޅުވެފައި ވަނީ ޖީއެމްއާރަށް ފައިސާ ދައްކަން ޖެހިއްޖެ ނަމަ އެކަމަށް ތައްޔާރަށް ތިއްބެވި ކަމަށާއި ލިބޭ ފައިދާއަކުން އެކަން ކުރެވޭނެ ކަމަށެވެ.