ރާއްޖެ ކުޅިވަރު

40 މިލިއަން ޑޮލަރުގެ ސްޕޯޓްސް ކޮމްޕްލެކްސް ހުޅުމާލޭގައި އަންނަ އަހަރު ފަށަނީ

Nov 14, 2016
1

ހުޅުމާލޭ ދެ ވަނަ ފޭސްގެ ތަރައްގީ ހިމެނޭ އެއް ސަރަހައްދަކީ "ސްޕޯޓްސް ޑިސްޓްރިކްޓް" ނުވަތަ ކުޅިވަރު އަވަށެވެ. ހުޅުމާލޭ ހައުސިން ޑިވްލަޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ސައިމަން ވިދާޅުވީ "ސްޕޯޓްސް ޑިސްޓްރިކްޓްއަކީ ފަސް ހެކްޓަރުގެ ސަރަހައްދެއް" ކަމަށެވެ.

ސްޕޯޓްސް ޑިސްޓްރިކްޓްގެ ހިމެނޭ އެންމެ މުހިންމު އެއް ތަނަކީ ނެޝަނަލް ސްޕޯޓްސް ކޮމްޕްލެކްސް ނުވަތަ ގައުމީ ކުޅިވަރު ހިޔާ އެވެ. ސައިމަން ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް އަހަރު މަސައްކަތް ފަށައި 2018 އަހަރު ނިމެންވާއިރަށް ސްޕޯޓްސް ކޮމްޕްލެކްސް ހުޅުވުމެވެ.

ސާޅިސް މިލިއަން އެމެރިކާ ޑޮލަރުގެ އަގު ބޮޑު ސްޕޯޓްސް ކޮމްޕްލެކްސް މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން ބައިނަލްއަގުވާމީ ކުންފުންޏެއް ކަމަށްވާ އޭޖީޓީ ކޮންސަލްޓެންސީ ފައިނޭންސް އާއެވެ. އިކޮނަމިކް ކައުންސިލުން އެކުލަވާލި ޕްލޭންތަކާއެކު ސްޕޯޓްސް ކޮމްޕްލެކްސް މަސައްކަތް ހަވާލުކޮށްފައިވަނީ ހަތަރު ޕަސަންޓްގެ ފިކްސްޑް ރޭޓް އިންޓަރެސްޓާއެކު 10 އަހަރު ދުވަހުން ފައިސާ ދައްކާ ގޮތަށެވެ. އޭޖީޓީ ކޮންސަލްޓަންސީއަކީ އުޒުބަކިސްތާނުގެ ކުންފުންޏެކެވެ.

ނެޝަނަލް ސްޕޯޓްސް ކޮމްޕްލެކްސްގައި

- ހަ ބެޑްމިންޓަން ކޯޓް އަޅާނީ ބައިނަލްއަގްވާމީ މުބާރާތްތައް ބޭއްވޭނެ ގޮތަށް އަށް ކޯޓްގެ ޖާގަ ހިމެނޭ ގޮތަށެވެ.
- ބާސްކެޓްބޯޅަ ކޯޓެއް
- ހޭންޑްބޯލް ކޯޓެއް
- ދެ ވޮލީބޯލް ކޯޓް
- ދެ ފުޓްސަލް ދަނޑު
- ދިހަ ޓޭބަލް ޓެނިސް މޭޒު
- ދިހަ ބިލިއަޑް މޭޒް
- ބާސްކެޓް އާއި ނެޓްބޯލް އަށް މަލްޓީ ޕާޕަސް ފެސިލީޓީ ހިމެނޭގޮތަށް ކޯޓެއް

މީގެ އިތުރުން ކުލަބުތަކުގެ ކޯޗުންނާއި ޓްރޭނަރުންނަށް ތިބެވޭނެ ގޮތަށް އެކޮމެޑޭޝަން އާއި ޓްރެއިނިން އަށް ބޭނުންވާ ޖިމް ފެސިލިޓީސް ހިމެނެއެވެ. އަދި ކޮމްޕެލްކްސް އިން އާންމުދަނީ ހޯދޭނެ ގޮތަށް ހޮޓެލް ފެސިލީޓީސް ތަރައްގީ ކުރުމަށް ހަމަޖައްސާފައި ވެއެވެ.