އިލްހާމް އަހުމަދު

ޕީޕީއެމްގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމަށް އިލްހާމް އަދި ފަލާހު

Nov 14, 2016

ޕީޕީއެމްގެ ޕާލިމެންޓްރީ (ޕީޖީ) ގެ ޑެޕިއުޓީ ލީޑަރަށް ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހަމަޖައްސައިފި އެވެ. މި ދެ ބޭފުޅުން އެ މަގާމަށް އައުމުން ޕީޕީއެމްގެ ޕީޖީ ގްރޫޕުގައި ތިން ޑެޕިއުޓީން ތިއްބަވާނެ އެވެ. އިތުރަށް ދެން ހުންނަވާނީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ.

އިލްހާމް އަދި ފަލާހު މި މަގާމަށް ގެނެސްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. މީގެ ތެރެއިން އިލްހާމަކީ ޑީއާރްޕީގެ ޑެޕިއުޓީ ލީޑަރުކަމާއި ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުގެ މަގާމް މީގެ ކުރިން އަދާ ކުރެއްވުމަށް ފަހު ޖޭޕީއާ ގުޅި ވަޑައިގެން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ ގޮތުގައި މަސައްކަތް ކުރައްވާ އަލުން ޕީޕީއެމާ ގުޅި ވަޑައިގެންނެވި ބޭފުޅެކެވެ.

ޕީޕީއެމް އުފެއްދުމުގައި ރައީސް ޔާމީނާއެކު އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އިލްހާމް ޖޭޕީގައި ހުންނެވުމަށްފަހު ޕީޕީއެމާއި ގުޅިފައިވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. ޑީއާރްޕީގެ ޒެޑް ފެކްޝަންގައި އެންމެ ބޮޑަށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ވެސް އިލްހާމް ހިމެނި ވަޑައިގަންނަވަ އެވެ.

ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރަކީ އަހުމަދު ނިހާން ހުސައިން މަނިކެވެ.