ޕީޕީއެމްގެ ކޯޅުންތައް

ޕީޕީއެމް ޕެރެލައިޒްކޮށްފައި ނުބޭއްވޭނެ: އިލްހާމް

ޕީޕީއެމް "ޕެރަލައިޒްކޮށް" އަބަދު މަގުމަތީ ނުބޭއްވޭނެ ކަމަށާއި އެކަން ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގަބޫލުފުޅު ނުކުރައްވާނަމަ ޖެހި ވަޑައިގަންނަވާނީ ތާއީދުކުރައްވާ ރިޔާސީ ކެނޑިޑޭޓަކާއެކު ވަޑައިގަންނަވަން ކަމަށް ދާދިފަހުން ޕީޕީއެމްއާ ގުޅިވަޑައިގަތް ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

ޓީވީއެމްގެ މިރޭގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ، ޕީޕީއެމްގެ އާންމު މެންބަރުން އަދިވެސް ތިބީ ޕީޕީއެމްއާއެކު ކަމަށާއި އަދި، ޕީޕީއެމްގެ ހިންގުން މިހާރު އޮތީ އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުގައި ކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމަށް ލިބެންޖެހޭ ވޯޓެއް ގެއްލިގެން ދިޔުމަށް ޕާޓީގެ އެއްވެސް މެންބަރަކު ނޭދޭނެ ކަމަށާއި އެއީ، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަބަބުން ވިޔަސް އެގޮތް ވާން މެންބަރުން ނޭދެނޭ ކަމަށެވެ.

"އެމަނިކުފާނު [ރައީސް މައުމޫން] ކޯޓުން ނިންމަވާ ގޮތަށް ގޮއްންއްސަވާ އެއާ އެގޮތަށް އަމަލު ނުކުރައްވައިފިނަމަ ރާއްޖޭގެ ރައްޔިތުން ބަލައެއް ނުގަންނާނެ، އެމަނިކުފާނު ދެކެ ލޯބިވާ ބޭފުޅުން ގަބޫލެއް ނުކުރޭ އެމްޑީޕީގެ ފިލޯސަފީއެއް، އެމަނިކުފާނު އަމަލު ކުރައްވާ ގޮތަކުން މީހުން އެމަނިކުފާނު ދެކެވާ ލޯބި ގެއްލިދާނެ،" އިލްހާމް މިރޭ ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ، ޝަރުއީ ކޯޓުތައް މެދުވެރިކޮށް ކުރަމުންދާ މަސައްކަތްތަކީ ޕާޓީގެ ބަލަދުވެރިއެއް ހޯދުން ކަމަށާއި އެއީ ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.

"މި ގައުމުގެ ސެޓެބިލިޓީ ގުޅިފައިވަނީ ޕީޕީއެމްއާ މި ގައުމުގެ އާމްދަނީއާ ގުޅިފައިވަނީ ޕީޕީއެމް. އެއީ ވެރިކަން ކުރާ ޕާޓީއަށް ވާތީ، އެހެންވީމަ އެ ޕާޓީ ޕެރަލައިޒްކޮށް އަބަދު މަގުމަތީގައި ނުބޭއްވޭނެ،" އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ ގައުމަށް ހަމަޖެހުން އަންނާނީ ޕީޕީއެމް ޕެރަލައިޒްކޮށްފައި އޮތް އޮތުން ނިންމުމަކަށް ގެނެސްގެން ކަމަށާއި އެކަން ރައީސް މައުމޫނަށް ގަބޫލުފުޅު ނުކުރެއްވޭނަމަ ޖެހޭނީ ޕާޓީއަށް ދުރަށް ވަޑައިގަންނަވަން ކަމަށެވެ.

"ޕީޕީއެމްއަށް ފާޑުކިޔައި އަބަދު މީގެ ތެރޭގައި ތަޅާފޮޅުމުގެ ބަދަލުގައި ރައީސް މައުމޫން ވެސް ޖެހޭނީ ވަޑައިގަންނަވަން، އިހުތިރާމާއެކު މި ދަންނަވަނީ،" އިލްހާމް ވިދާޅުވި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމު ދޫކުރެއްވި އިލްހާމް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ޕީޕީއެމްއަށް ކާމިޔާބުވާނެ ކަމާމެދު ސުވާލެއް ނުއުފެދޭ ކަމަށެވެ. އެއީ، އެ އިންތިހާބު ޕީޕީއެމްއަށް ކާމިޔާބު ކުރުމަށް ރައީސް ޔާމީން މޮޅެތި ސްޓްރެޓެޖީތައް އެކުލަވާލާނެތީ ކަމަށެވެ.

އިލްހާމް ވިދާޅުވީ، ނާޒުކު ދަނޑިވަޅުގައި އުދަނގޫ ނިންމުންތައް ނިންމަވަން ކެރޭ ލީޑަރަކަށް އަދި ފެނުނީ ރައީސް ޔާމީން އެކަނި ކަމަށެވެ. އެފަދަ ނިންމުންތައް ނިންމަވަން ކެރި ވަޑައިގަންނަވާ ވަރަށް "ޓަފް" ބޭފުޅެއް ކަމަށެވެ. ވަރަށް ހައްސާސް ވަގުތުތަކުގައި ވެސް ރައީސް ޔާމީން ނަންގަވަން ޖެހޭ ޑިސިޝަންތައް ނަންގަވާނެ ކަމަށް އިލްހާމް ވިދާޅުވި އެވެ. ވިދާޅުވީ، ރައީސް ޔާމީނަކީ ވަރަށް ކެރި ވަޑައިގަންނަވާ އެހާ ސްމާޓް އަދި އަދަޔާ ހިލާފު ބޭފުޅެއް ކަމަށެވެ.