ދުނިޔެ

ކަޝްމީރުގައި އިންޑިއާ އިން ޕާކިސްތާނު ސިފައިންގެ ހަތް މީހަކު މަރާލައިފި

މިލްކުވެރިކަމުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިޔާލުތަފާތުވެފައި އޮންނަ، ކަޝްމީރުގައި އިންޑިއާ ސިފައިން ދިން ހަމަލާތަކެއްގައި ޕާކިސްތާނު ސިފައިންގެ ހަތް މީހަކު އިއްޔެ މަރާލައިފި އެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާ އިން ބުނެފައި ކަޝްމީރުގައި އެމީހުން ކޮންޓްރޯލްކުރާ އިމުގެ ސަރަހައްދަށް އިންޑިއާ ސިފައިން ދިން ހަމަލާތަކެއްގައި ޕާކިސްތާނު ސިފައިންގެ ބަޔަކު މަރާލާފައި ވަނީ ހަމަނުޖެހުމެއް ނުހިނގަނީސް އިންޑިއާގެ އަސްކަރިއްޔާ އިން އިސްވެ ދިން ހަމަލާތަކެއްގައި ކަމަށެވެ. މިއީ ކަޝްމީރުގެ މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 2003 ވަނަ އަހަރު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރި ފަހުން ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި ޕާކިސްތާނުގެ އަސްކަރިއްޔާ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ގެއްލުމެވެ.

ކަޝްމީރުގައި މައްސަލަ ގޯސްވެ އިންޑިއާ އާއި ޕާކިސްތާނު ސިފައިންގެ މެދުގައި މިފަހުން ކުރިމަތިލުންތަކެއް ފެށިފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާ ސިފައިންގެ މަރުކަޒަކަށް ދިން ހަމަލާއަކާ ގުޅިގެންނެވެ.

ސުލްހައިގެ އެއްބަސްވުމާ ހިލާފަށް ދެ ފަރާތުން ވެސް ހަމަލާތައް ބަދަލުކުރަމުން އަންނައިރު އިންޑިއާ އާއި ޕާކިސްތާނުން ވެސް އެއްވެސް ހަމަނުޖެހުމެއްގެ ޒިންމާ ނަގަން ބޭނުމެއް ނުވެ އެވެ. ސުލްހައިގެ އެއްބަސްވުމާ ހިލާފުވުމުގެ އަސްލަކީ ޕާކިސްތާނު ކަމަށް އިންޑިއާ އިން ބުނާއިރު ޕާކިސްތާނުން ތުހުމަތުގެ އިނގިލި ދިއްކުރަނީ އިންޑިއާ އަށެވެ.

އިއްޔެގެ ހަމަލާތަކާ ގުޅިގެން ވެސް ޕާކިސްތާނުން އިންޑިއާ ކުށްވެރިކޮށްފައިވާއިރު އިންޑިއާ އިން ބުނެފައި ވަނީ، ކުރިމަތިލުމެއް ފެށުނީ ޕާކިސްތާނާ ހެދި ކަމަށެވެ.

މުސްލިމުންގެ އާބާދީ ބޮޑު ކަޝްމީރުގެ މިލްކުވެރިކަމުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނުން ސިލްސިލާ ކުރިމަތިލުންތަކަކަށް ދާތާ މިހާރު އެތައް ޒަމާނެކެވެ. ނިއުކްލިއާ ހަތިޔާރުގެ ގާބިލުކަން ލިބިފައިވާ މި ދެ ގައުމަށް މިނިވަންކަން ލިބުނު ފަހުން މިހާތަނަށް ތިން ހަނގުރާމައެއްކޮށްފައިވާއިރު އޭގެ ތެރެއިން ދެ ހަނގުރާމައެއްގެ އަސްލަކީ ވެސް ކަޝްމީރުގެ މައްސަލަކަން ފާހަގަކޮށްލެވެ އެވެ.

އިންޑިއާ އާއި ޕާކިސްތާނަށް ބާރު ލިބޭ ގޮތަށް ކަޝްމީރު ދެ ފަޅިކޮށް ބަހާލާފައި ވަނީ 1947 ވަނަ އަހަރު އެވެ. އިންޑިއާ އާއި ޕާކިސްތާނަށް އިނގިރޭސި ވިލާތު ކިބައިން މިނިވަންކަން ލިބުނުއިރު ކަޝްމީރުގެ މުސްލިމު އާބާދީގެ މައްޗަށް ވެރިއަކަށް ހުންނެވީ ހިންދޫންގެ ރަސްކަލެކެވެ.
މިނިވަންކަން ލިބިގެން ކަޝްމީރުގެ ބެލެނިވެރިއަކަށް ހަދާނެ ގައުމެއް އެ ތަހުތުން ނުނިންމައި އޮތްވައި މައްސަލަ ހޫނުވެ ހިންދޫންގެ ރަސްކަލު، އިންޑިއާގެ އަސްކަރިއްޔާގެ އެހީތެރިކަމަށް އެދުނީ މުސްލިމުންގެ ދިފާއުގައި ކަމަށް ބުނެ ޕާކިސްތާނުގެ ގަބީލާ ލީޑަރުންގެ ބަޔަކު ކަޝްމީރު ހިފަން އަރައިގަތުމުންނެވެ.

އެ ކުރިމަތިލުމުގައި އިންޑިއާގެ އަސްކަރިއްޔާ އިން ވަނީ ކަޝްމީރުގެ ތިން ބައިކުޅަ ދެ ބައި ހިފައިފަ އެވެ. ކަޝްމީރުގެ އުތުރު ބިތް ޕާކިސްތާނަށް ލިބުނުއިރު ޗައިނާ އިން ވަނީ އިރުމަތީ ބިތް ހިފައިފަ އެވެ. --ބީބީސީ