ބޭރު ކުޅިވަރު

ފްރާންސް އެ ހަދަނީ ގޯހެއް ބެންޒެމާ އަށް ފުރުސަތު ދޭން ޖެހޭ: އެންޗެލޯޓީ

Nov 15, 2016

ފްރާންސްގެ ގައުމީ ޓީމުން ފޯވަޑް ކަރީމް ބެންޒެމާ ފުރުސަތު ނުދީ އެކަހެރި ކުރުމަކީ ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝެމްޕްސް ހަދަމުންދާ ގޯހެއް ކަމަށް ރެއާލް މެޑްރިޑްގައި ބެންޒެމާއަށް ކޯޗް ކޮށްދިން އިޓަލީގެ ކާލޯ އަންޗޮލޯޓީ ބުނެފިއެވެ.

ފްރާންސް ޓީމަށް ކުޅެން ކަރީމް (ބެންޒެމާ) އަށް ހައްގުވޭ. ޔޫރޯ ޗެމްޕިއަންޝިޕް ފްރާންސަކަށް ނުހޯދުނު. އަހަންނަށް ގަބޫލު ކުރެވޭ ގޮތުގައި އެޓީމުގައި ކަރީމު ހުރިނަމަ ތަފާތަކަށް ވެގެންދާނެ." ފްރާންސްގެ ޓީވީ ޗެނަލަކަށް ދިން އިންޓަވިއުގައި ޖަރުމަންގެ ބަޔާން މިޔުނިކަށް މިހާރު ކޯޗް ކޮށްދެމުންދާ އަންޗެލޯޓީ ބުންޏެވެ.

އޭނާ ވަނީ އިންޓަވިއުގައި ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް އަދި އޭނާ ރެއާލް އަށް ކޯޗްކޮށްދިން ފުރަތަމަ ސީޒަންގައި އޭނާގެ އެސިސްޓެންޓަކަށް ހުރި ރެއާލްގެ މިހާރުގެ ކޯޗް ޒައިނުއްދީން ޒިދާންގެ ކޯޗިން ކެރިއާއާ ބެހޭގޮތުންވެސް ވާހަކަ ދައްކާފައެވެ. އެންޗަލޯޓީ ބުނީ ޒިދާން ކޯޗިން ފިލޯސަފީއާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"ޒިދާން އަކީ އަހަރެންގެ އެކުވެރިއެއް އަދި އަހަރެންގެ ކުޅުންތެރިއެއްވެސްމެ އަދި އެއީ ރެއަލްގައި އަހަރެންގެ އެސިސްޓެންޓް. ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައި އޭނާ ދަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން އަހަރެން ވަރަށް އުފާވޭ އޭނާ މަސައްކަތް ކުރާ ގޮތާ މެދު."

ޒިދާންގެ ކޯޗް ކަމުގެ ދަށުގައި ރެއާލް މިހާތަނަށް ބަލިވީ އެންމެ ދެ މެޗުންނެވެ. އަދި މިސީޒަންގެ އެއްވެސް މެޗެއްގައި އޭނާ ބަލިވެފައެއް ނުވެއެވެ. އޭނާ ވަނި ރެއާލްއާ އެކު ބަލިނުވެ 28 މެޗް ފުރިހަމަ ކޮށްފައެވެ.

އޭނާގެ މިހާރުގެ އަމާޒަކީ 1888 އާއި 1989 ވަނަ އަހަރު ރެއާލްގެ ކޯޗެއްގެ ގޮތުގައި ހުރި ކްއިންޓާ ޑެލް ބްއިޓާ ހެދި، ބަލިނުވެ 34 މެޗް ފުރިހަމަ ކުރުމުގެ ރެކޯޑް މުގުރާލުމެވެ.