ދުނިޔެ

ޓްރަމްޕާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ރަޝިއާ އިން ބުނެފި

Nov 15, 2016

މޮސްކޯ (15 ނޮވެމްބަރު) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ރިޕަބްލިކަން ޕާޓީގެ ޑޮނަލްޑް ޓްރަމްޕާ ގުޅިގެން އެމެރިކާ އާއި ރަޝިއާގެ ގުޅުން ބަދަހިކޮށް އެކުވެރިކަމުގެ އާ އުސްމިނަކަށް އެރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރަޝިއާ އިން ދީފި އެވެ.

ރަޝިއާ އިން މިހެން ބުނެފައި ވަނީ ޓްރަމްޕާއި ރަޝިއާގެ ރައީސް ލަޑީމިއާ ޕުޓިންއާ ދެމެދު ފޯނު މެދުވެރިކޮށް ކުރިއަށް ގެންދެވި ރަސްމީ މަޝްވަރާއަކަށް ފަހު އެވެ. އެ ފޯނު ކޯލުގައި ޕުޓިން ވަނީ ޓްރަމްޕަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށާއި ވެރިކަމުގެ ދައުރު ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ކެމްޕެއިނުއްސުރެން ފެށިގެން ޕުޓިން އަށް ތައުރީފު އޮއްސަވަމުން ގެންދެވި ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާގެ ދައުރުގައި ރަޝިއާއާ އެކު، ދިގުދެމިގެންދާ ސުލްހަވެރި އެކުވެރިކަމެއް އާރޯކުރެވިގެންދާނެ ކަމަށެވެ.

މި ފޯނު ކޯލުގައި އިތުރަށް ދެ ބޭފުޅުން ކުރިއަށް ގެންދެވި މަޝްވާރާތަކުގެ ތެރޭގައި ސީރިއާގެ މައްސަލަ ވެސް ހިމެނެ އެވެ. އަދި ސީރިއާގެ މައްސަލަ އަށް ރަޝިއާ އިން އަތް ބާނައިގެން އުޅޭ މައްސަލާގައި އެމެރިކާ އާއި ރަޝިއާގެ ގުޅުން ގޯސްވެފައި އޮތް އޮތުމަކީ އެއްގޮތަކަށް ވެސް ގަބޫލުނުކުރެވޭނެ ކަމެއް ކަމަށް ދެ ލީޑަރުން ވެސް ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ.

ރަޝިއާއާ ގުޅުން ބަދަހިކުރުމުގެ އަޒުމުގައި ޓްރަމްޕްގެ ވެރިކަމުގެ ދައުރު އަންނަ އަހަރު ފަށާއިރު ރަޝިއާ އާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 210 އަހަރު ފުރުން ފާހަގަކުރާނީ ވެސް އަންނަ އަހަރު އެވެ.

ފޯނުން ކުރިއަށް ގެންދެވި ވާހަކަތަކަށް ފަހު ޓްރަމްޕާއި ޕުޓިން ވެސް ވަނީ ދެ ބޭފުޅުން އަވަސް މުސްތަގުބަލެއްގައި ރަސްމީކޮށް ބައްދަލުކުރެއްވުމަށް ވެސް އެއްބަސްވެ ވަޑައިގެންފަ އެވެ.

އެމެރިކާ އާއި ރަޝިއާގެ ގުޅުން މިފަހުން އާދަޔާހިލާފަށް ގޯސްވެ، ފިނި ހަނގުރާމައެއްގެ ބިރުވެރިކަމުގެ ބެރުގެ އަޑު ގަދަވެގެން ގޮސްފައި ވަނީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ދިފާއުގައި ނުކުމެ ރަޝިއާގެ އަސްކަރިއްޔާ އިން ސީރިއާ އަށް ބޮން އަޅައި ހަނގުރާމަވެރިން ބަލިކުރަމުން ދާ މައްސަލައިގަ އެވެ. ރަޝިއާ އިން އަސަދުގެ ވެރިކަން ހިމާޔަތްކޮށްދޭއިރު އެމެރިކާ އަކީ އަސަދުގެ ވެރިކަމާ ދެކޮޅު ގައުމެކެވެ.