ދުނިޔެ

އިންޑިއާގެ ބޭންކުތަކުން ފައިސާ ހުސްވެއްޖެ! އޭޓީއެމްތައް ހަލާކުވެފައި!

Nov 15, 2016

އިންޑިއާ އިން އަލަށް ތައާރަފްކުރި 500 ރުޕީސްގެ ނޫޓާއި 2000 ރުޕީސްގެ ނޫޓްތަކަށް ކުރީގެ ނޫޓްތައް ބަދަލުކުރުމަށް މުޅި އިންޑިއާގައި މިވަގުތު ވަނީ ކިޔޫ ހަދައިފަ އެވެ. ނަމަވެސް ބޭންކްތަކުން ފައިސާ ހުސްވެ ކިޔޫގައި ތިބި އެތައް ހާސް ބަޔަކު ރަތަށް އަރާފައިވާއިރު އަލަށް ތައާރަފްކުރި ނޫޓުތައް އޭޓީއެމްތަކަށް ވެސް ފިޓެއް ނުވެ އެވެ. އެގައުމުގައި އޮތް 1.3 ބިލިއަން މީހުންގެ އާބާދީ އަށް އެންމެ ދެ ލައްކަ އޭޓީއެމް ގާއިމުކޮށްފައިވާއިރު، އިގްތިސާދީ މި މުސީބާތާއެކު ރުޅިގަދަވި މީހުން ވަނީ ބޭކްތަކާއި އޭޓީއެމްތައް ވެސް ހަލާކުކޮށް ސުންނާފަތިކުރަމުންނެވެ.

މި އިގްތިސާދީ މައްސަލަގަނޑެއްގެ ތެރެއަށް އިންޑިއާ ވެއްޓުނީ ކުރިން ބޭނުން ކުރަމުން އައި 500 ރުޕީސްގެ ނޫޓާއި 1000 ރުޕީސްގެ ނޫޓްތައް ރެއާއިދުވާލުން އުވާލައި އެ ނޫޓުތައް ނަގައި އާ ނޫޓަށް ބަދަލުކުރުމުގެ ކުއްލި ނިންމުމެއް މިދިޔަ ހަފުތާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާނުކުރެއްވުމާ ގުޅިގެންނެވެ. އިންޑިއާ އިން ދުނިޔެ ހައިރާންކޮށްލުމަށްފަހު، 500 ރުޕީސްގެ ނޫޓާއި 1000 ރުޕީސްގެ ނޫޓުތައް އުވާލާފައި ވަނީ ހިޔާނާތާއި ފަސާދައިގެ މައްސަލަތަކާއި ޓެކްސް އަށް މަކަރު ހެދުމުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ކަމަށް ބުނެ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ މައްސަލަ ބޮޑީ ޓެކްސް އަށް މަކަރު ހެދުމުގަ އެވެ. އެގޮތުން 2013 ވަނަ އަހަރު އިންޑިއާގައި އާމްދަނީން ދައްކަން ޖެހޭ ޓެކްސް ދެއްކި މީހުންގެ ނިސްބަތަކީ އެންމެ އެއް ޕަސެންޓެވެ.

އެއާއެކު ބާ ނޫޓުތައް ބޮނޑިބޮނޑިއަށް އަޅައިގެން މުޅި އިންޑިއާގައި ކިޔޫތައް ތަރުތީބުވާން ފެށި އެވެ. މި ލައިންތައް ދިގުވެ އިއްޔެއާ ހަމަ އަށް އެތައް ހާސް ބަޔަކު ކިޔޫތަކަށް އަރާފައިވާއިރު ބޭންކްތަކުގެ ދޯދިޔާ ހިދުމަތްތަކާއި ބޭންކުތަކުގައި އެކަށީގެންވާ ވަރަށް ފައިސާ ނެތުމުގެ މައްސަލަތަކާ އެކު މި މައްސަލަ ވަނީ އިތުރަށް ގޯސްވެފަ އެވެ.

އަނެއްކޮޅުން އަލަށް ތައާރަފްކުރި ނޫޓްތައް ސައިޒުން ކުޑަވެފައި ހިމަވުމުން، މުސްކުޅި އޭޓީއެމްތަކަށް ފިޓެއް ވެސް ނުކުރެވެ އެވެ. މިއީ އެގައުމުގައި ގާއިމުކޮށްފައިވާ ދެ ލައްކަ އޭޓީއެމަށް ވެސް އިތުރު މަރާމާތެއް ބޭނުންވާނެ ކަމެކެވެ.

ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭގައި އޭޓީއެމްތަކުން އާ ނޫޓްތައް ނެގޭނެ ގޮތް ހެދޭނެ ކަމަށް އިންޑިއާގެ ރަސްމީ ފަރާތްތަކުން ބުނެފައިވިޔަސް އެންމެ ފުރަތަމަ އޭޓީއެމްތަކުން އެންމެ މަތިން ނެގޭނީ 100 ރުޕީސްގެ ނޫޓްތައް އެކަންޏެވެ. މީގެ އިތުރުން 2000 ނޫޓްގެ ރުޕީސްއެއް ތައާރަފްކުރުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމުގެ އަޑު ވެސް އިންޑިއާގައި ވަރަށް ގަދަ އެވެ.

ކިޔޫތަކުގައި މަޑުކޮށްގެން ތިބި މީހުން ބުނަނީ 2000 ރުޕީސް ހިފައިގެން ބާޒާރަށް ނުކުތުމަކީ ހަރަދުބޮޑުވާނެ ކަމެއް ކަމަށާއި އާންމުކޮށް އިންޑިއާގެ ގިނަ މީހުންނަކީ 500 ރުޕީސް އިން ދުވަހުގެ ބާޒާރުކޮށް ނިންމާ ބައެއް ކަމަށެވެ.

އިންޑިއާ އިނ 500 ރުޕީސްގެ ނޫޓާއި 1000 ނޫޓްތައް އުވާލައި ނަގަމުން ގެންދާއިރު މިއީ އެގައުމުގެ ކަރެންސީ ސާކިއުލޭޝަން ތަމްސީލުކުރާ 86 ޕަސެންޓްގެ ފައިސާ އެވެ.

ކުއްލިއަކަށް އުވާލި 500 ރުޕީސްގެ ނޫޓާއި 1000 ރުޕީސްގެ ނޫޓަށް ބަދަލު ހޯދުމަށް ބޭންކްތަކަށް ޖަމާކޮށްފައިވާ ރުޕީސްގެ އަދަދު ފާއިތުވި ހަތަރު ދުވަސް ތެރޭގައި ވަނީ ތިން ޓްރިލިއަން ރުޕީސް އަށް އަރައިފަ އެވެ. އެއީ 44 ބިލިއަން އެމެރިކާ ޑޮލަރުގެ ރުޕީސް އެވެ. އަދި ހަމަ މި މުއްދަތުގެ ތެރޭގައި ބޭންކްތަކުން މީހުން 500 ބިލިއަން ރުޕީސް ނަގައި ބޭރުކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ. އެއީ ހަތް ބިލިއަން އެމެރިކާ ޑޮލަރުގެ ރުޕީސް އެވެ. --ސީއެންއެން