އެމެރިކާގައި ނިމިގެން ދިޔަ ރިއާސީ އިންތިހާބުގައި އެގައުމުގެ ޑިމޮކްރެޓިކް ޕާޓީ އަށް ކުރިމަތިވި ނާކާމިޔާބީ އާއި ފާޑުކިޔުންތަކަށް ފަހު، ޕާޓީގެ އެތެރޭގެ މައި އިންތިހާބަށް ތައްޔާރުވެފައިވާއިރު، ހިންގާ ކޮމިޓީގެ ޗެއާމަންކަމަށް މުސްލިމަކު އިންތިހާބުކުރުމުގެ ފޯރި އުޅެނީ ޑިމޮކްރޭޓުންގެ މެދުގައި ވަރަށް ވެސް ގަދަކޮށެވެ.
އެގޮތުން ޗެއާމަނަކު ހޮވުމުގެ ކެމްޕޭން ރޭސްތައް މިހާރު ވެސް ފެށިފައިވާއިރު މި ރޭހުގެ ކުރީގައި އުޅުއްވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގައި (ކޮންގްރެސްގައި) މިނެސޯޓާ ސްޓޭޓް ތަމްސީލުކުރައްވާ ކީތު އެލިސަން އެވެ. އެ ބޭފުޅާ އަކީ މުސްލިމެކެވެ. އެމެރިކާގެ ކޮންގްރެސް އަށް އިންތިހާބުކުރެވުނު ފުރަތަމަ "މުސްލިމް ކޮންގްރެސްމަން" ގެ މަގާމުގައި ހުންނެވި ކީތަކީ ނަސްލުގެ ގޮތުން ކަޅު ނަސްލަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.
މި ހުރިހާ ސިފަތަކަކާ އެކު އޭނާގެ މަގްބޫލުކަން ބޮޑުވެފައިވާއިރު ޑިމޮކްރެޓިކް ޕާޓީގެ އެންމެ ނުފޫޒުގަދަ ސެނެޓަރުންނާއި ކޮންގްރެސް މެމްބަރުން އަދި އެހެން މެމްބަރުންގެ ތާއީދު ވެސް އެލިސަން އަށް އެބައޮތެވެ. ނިމިގެން ދިޔަ ރިއާސީ ރޭހުގައި، ޑިމޮކްރޭޓުންގެ ޓިކެޓް ހޯއްދެވުމަށް ކެމްޕޭންކުރައްވައި، ނާކާމިޔާބުވެ ވަޑައިގެންނެވި ބާނީ ސޭންޑާސްގެ ފުރިހަމަ ތާއީދު ވެސް މިހާރު ވަނީ އެލިސަން އަށް އޮއްސާލައްވައިފަ އެވެ.
މި ތާއީދާ އެކު މިހާރު ފެންނަ ބޮޑު މަންޒަރަށް ބަލާއިރު، އަންނަ އަހަރުގެ މާޗް މަހުގެ ކުރިން ބާއްވާ އެތެރޭގެ އިންތިހާބު ކާމިޔާބުކޮށް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަނަކަށް އެލިސަން ވަޑައިގަންނަވާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
ޑިމޮކްރެޓިކް ޕާޓީ ހިންގާ ކޮމިޓީގެ ޗެއާމަނަކަށް ހުންނެވި ޑެބީ ވެސާމަން ޝުލޫޒް ވަނީ، ރިއާސީ އިންތިހާބުގެ ތެރެއިން އިސްތިއުފާ ދެއްވައިފަ އެވެ. އެއީ ޑިމޮކްރޭޓުންގެ ކެންޑިޑޭޓް ހިލަރީ ކްލިންޓަންގެ އީމެއިލްގެ މައްސަލަތައް ފެންމަތިވުމާ ގުޅިގެންނެވެ.
ވަގުތީ ގޮތުން ޑޮނާ ބްރޭޒިލީ އެ މަގާމު ފުރުއްވަމުން ގެންދަވާއިރު ރިޕަބްލިކަން ޕާޓީ އިން ޑޮނަލްޑް ޓްރަމްޕާ އެކު ހޯދި އާދަޔާހިލާފު ކާމިޔާބީ އަށް ފަހު ޑިމޮކްރެޓިކް ޕާޓީ މިހާރު އޮތީ ލީޑަރެއް ނެތި އެވެ. އެކަމަކު އެ ޕާޓީގެ ނުފޫޒުގަދަ ބޭފުޅުން ބުނަމުން ދަނީ އެލިސަންއާ އެކު ޕާޓީ އަލުން ކޮޅަށް ޖެހޭނެ ކަމަށެވެ.