އެމެރިކާގައި ކުރިއަށް އޮތް ރިއާސީ ދައުރަށް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ރައީސްކަމަށް އިންތިހާބުކުރެވިގެން ދިއުމަކީ އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން އެމެރިކާ އާއި މުޅި ދުނިޔޭގެ ވެސް ސަމާލުކަމާއި ޝައުގުވެރިކަން ލިބިގެން ދިޔަ ކަމެކެވެ. ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ގައުމުގެ ވެރިޔައަކަށް، ސިޔާސީ އެއްވެސް ތަޖުރިބާއެއް ނެތް "ސެލެބްރިޓީ ބިލިއަނަރަކު" ހޮވިވަޑައިގަތުމުގެ އިތުރުން ޓްރަމްޕްގެ އެހެން ގިނަ ސިފަތަކަކީ ވެސް މީހުންގެ ސަމާލުކަން ދަމައިގެން ގޮސްފައިވާ ކަންކަމެވެ.
އެގޮތުން ރައީސްގެ މަގާމަށް އިންތިހާބުކުރެވުނުއިރު، މުސާރައެއްގެ ގޮތުގައި އެމެރިކާގެ ރައީސަކަށް ލިބޭ ޖުމްލަ އާމްދަނީއަކީ ކިހާ ވަރެއްކަން ޓްރަމްޕަށް އެނގިވަޑައިގެންފައި ނެތް ނަމަވެސް އެ ބޭފުޅާ އެ ވަނީ ރަސްމީ މުސާރައިގެ ބަދަލުގައި ރަމްޒީ މުސާރައެއް ނެންގެވުމަށް ނިންމަވައިފަ އެވެ. އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ދެއްވި ފުރަތަމަ އިންޓަވިއުގައި، ސީބީއެސްގެ ސިކްސްޓީ މިނެޓްސް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އަހަރީ މުސާރައިގެ ގޮތުގައި އެ ބޭފުޅާ ނަންގަވާނީ އެންމެ ޑޮލަރެއް ކަމަށެވެ.
"ނޫން. އަޅުގަނޑު އެ މުސާރައެއް ނުނަގާނަން. އެއެއް ބޭނުމެއް ނޫން،" ރައީސްގެ އަހަރީ މުސާރަ އަކީ 400،000 އެމެރިކާ ޑޮލަރު ކަމަށް ސީބީއެސްގެ ހޯސްޓް، ލެސްލީ ސްޓޯލް ދެންނެވުމުން ޓްރަމްޕް ވިދާޅުވި އެވެ.
އެކަމަކު މީގެ ކުރިން، ކެމްޕޭން ކުރެއްވުމުގައި އުޅުއްވިއިރު ވެސް ޓްރަމްޕް ވަނީ ރައީސްކަމަށް ވަޑައިގަތަސް، މުސާރައެއްގެ މައްސަލައެއް އެ ބޭފުޅާއަށް ދިމާނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިގޮތަށް މުސާރަ ދޫކޮށްލެއްވި އެހެން ލީޑަރުން އެބަތިބިތަ؟
ރައީސް ކަމަށް އިންތިހާބުވުމުން ރަސްމީ މުސާރައިގެ ބަދަލުގައި ރަމްޒީ މުސާރައެއް ނެންގެވުމަށް ނިންމެވި ހަމައެކަނި ބޭފުޅަކީ ޓްރަމްޕެއް ނޫނެވެ. އެމެރިކާގެ 31 ވަނަ ރައީސް ހާބަޓް ހޫވާ އަކީ ވެސް ރައީސް ކަމަށް އިންތިހާބުކުރެވުނުއިރު މުއްސަނދި ބޭފުޅެކެވެ. އާމްދަނީއަކަށް ކުރެއްވި މަސައްކަތަކީ މައިނިންގެ ވިޔަފާރި އެވެ.
އެހެންކަމުން ރައީސެއްގެ ގޮތުގައި މުސާރައެއް ނުނަންގަވަ އެވެ. ނުވަތަ ލިބިވަޑައިގެންނެވި މުސާރަ ޗެރިޓީތަކަށް ހަދިޔާކުރެއްވީ އެވެ. އެމެރިކާގެ މަޝްހޫރު ރައީސެއް ކަމުގައިވާ ޖޯން އެފް ކެނެޑީ ވެސް މުސާރައެއް ނުނަންގަވަ އެވެ. އެ ބޭފުޅާ އަކީ އާއިލީ މުއްސަނދިކަމާއި އާރާއި ބާރުގައި ސިޔާސީ ދާއިރާ އަށް ވަދެވަޑައިގެންނެވި ބޭފުޅެކެވެ.
އެމެރިކާގެ މަޝްހޫރު އެހެން ސިޔާސީ މޫނުތަކަށް ބަލައިލާ ނަމަ، ނިއު ޔޯކް ސިޓީގެ ކުރީގެ މޭޔަރު، ބިލިއަނަރު މައިކަލް ބްލޫމްބާގް އަކީ ވެސް ރަމްޒީ މުސާރައެއް ނެންގެވި ބޭފުޅެކެވެ. ހޮލީވުޑުން ކެލިފޯނިއާގެ ގަވަރުނަރު ކަމަށް ވަޑައިގެންނެވި ކުރީގެ ގަވަރުނަރު އާނޯލްޑް ޝްވަޒްނެގާ އާއި ރިޕަބްލިކަން ޕާޓީގެ ކުރީގެ ރިއާސީ ކެންޑިޑޭޓް މިޓް ރޮމްނީ ވެސް މުސާރައެއް ނުނަންގަވަ އެވެ.
ދުނިޔެ ކުޑަކޮށްފައިވާ މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް، ފޭސްބުކްގެ ފައުންޑާ މާކް ޒަކަބާގް އަކީ މުޅި ފޭސްބުކްގައި ވެސް ހުރި އެންމެ މުސާރަ ކުޑަ ބޭފުޅާ އެވެ. ސީއީއޯއެއްގެ ގޮތުގައި ލިބިވަޑައިގަންނަވަނީ އެންމެ ޑޮލަރެކެވެ. އެކަމަކު އޭނާ އަކީ ފޭސްބުކްގެ މިލްކިއްޔާތާއެކު ބިލިއަނަރެއްކަން ފާހަގަކޮށްލެވެ އެވެ.
ވިޔަފާރިވެރިންނާއި ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރާ ސީއީއޯ އިންގެ މެދުގައި އެއް ޑޮލަރުގެ ރަމްޒީ މުސާރައެއް ނެގުމަކީ ވަރަށް މަޝްހޫރު ފެޝަނެކެވެ. އެގޮތުން މިފަހުން އެންމެ ބޮޑަށް އެއް ޑޮލަރުގެ ރަމްޒީ މުސާރައެއް މަޝްހޫރުކުރި ސީއީއޯ އަކީ އެޕަލް ކުންފުނީގެ ކުރީގެ ސީއީއޯ އަދި ކޯ ފައުންޑާ ސްޓީވް ޖޮބްސް އެވެ.
އެމެރިކާގައި އެއް ޑޮލަރުގެ ރަމްޒީ މުސާރަ މަޝްހޫރުވެގެން އައި ވާހަކަ ގޮސް ގުޅެނީ ފުރަތަމަ ބޮޑު ހަނގުރާމަ އާއި ދެ ވަނަ ބޮޑު ހަނގުރާމައާ އެވެ. އެއީ އޭރު ވޮލިންޓިއަރުންގެ ގޮތުގައި ސަރުކާރަށް ހިދުމަތްކޮށް ލީޑަޝިޕް ދެއްކި ފަރާތްތަކުން މުސާރައެއްގެ ގޮތުގައި ނެގީ އެއް ޑޮލަރު ކަމަށްވާތީ އެވެ. ހިލޭ ސާބަހަށް މަސައްކަތްކޮށްދިން މީހުން އެގޮތަށް އެއް ޑޮލަރު ނެގީ، އާމްދަނީއެއް ނުލިބޭ ގޮތަށް މަސައްކަތްކުރުމަކީ މަނާ ކަމެއް ކަމަށް އެމެރިކާގެ ގާނޫނުގައި އޭރު ކަނޑައަޅާފައި އޮތުމުންނެވެ.
މަޝްހޫރު އެހެން ލީޑަރުންގެ މުސާރަ
އެމެރިކާގެ ރައީސްގެ އަހަރީ މުސާރަ އަކީ ހަތަރު ލައްކަ ޑޮލަރެވެ. އޭގެ އިތުރުން ޓެކްސް ފްރީ އެކްސްޕެންސްގެ ގޮތުގައި އިތުރަށް 50،000 ޑޮލަރު ލިބިވަޑައިގަންނަވަ އެވެ.
އެމެރިކާގެ އަވަށްޓެރިއެއްގެ ގޮތުގައި އޮތް ކެނެޑާގެ ބޮޑުވަޒީރަށް މިދިޔަ އަހަރު މުސާރައިގެ ގޮތުގައި 340،800 ކެނޭޑިއަން ޑޮލަރު ލިބިވަޑައިގަތެވެ.
ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އަށް 242،000 މުސާރައެއް ލިބިވަޑައިގެންނެވިއިރު ފްރާންސްގެ ރައީސް ފްރާންސްވާ އޮލާންޑާގެ މުސާރައަކީ 198،700 ޑޮލަރެވެ.
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ތެރެސާ މޭއިގެ އަހަރީ މުސާރައަކީ 186،119 ޑޮލަރެވެ.
އާންމުކޮށް މިފަދަ ލީޑަރުންނަކީ މުސާރަ އިން ވަކި ޕަސެންޓެއް އުނިކުރެއްވުމަށް މުސާރަ ނަންގަވާ ލީޑަރުންނެވެ. ނަމަވެސް އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން މުސާރަ ނެންގެވީ ރަސްމީ މުސާރަ 10 ޕަސެންޓް މައްޗަށް ޖައްސައިގެންނެވެ. ފާޑުކިޔުން އަމާޒުވެ ވަޑައިގަތުމުން ކެމަރަން ވިދާޅުވީ ވަޒީފާ އަދާކުރާ މީހަކަށް އެންމެ ރަނގަޅު ގޮތަކީ އެކަށީގެންވާ މުސާރައެއް ލިބުން ކަމަށެވެ.