މިސްރުގެ ވެރިކަމުން ދުރުކޮށްފައިވާ އެގައުމުގެ ކުރީގެެ ރައީސް މުހައްމަދު މުރްސީގެ މައްޗަށް މިދިޔަ އަހަރު އިއްވި މަރުގެ ހުކުމް އެގައުމުގެ އެންމެ މަތީ ކޯޓުން ބާތިލުކޮށް އެ ބޭފުޅާގެ މައްޗަށް އަލުން ޝަރީއަތް ހިންގުމަށް އަމުރު ނެރެފި އެވެ.
މިސްރުގެ ޒަމާންވީ ޚުދުމުހުތާރު ވެރިކަމަށް ރައްޔިތުން ގެނައި އިންގިލާބަށް ފަހު އެގައުމުގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިހާބުގައި މުސްލިމް ބްރަދަހުޑްގެ ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި ރައީސްކަމަށް ވަޑައިގެންނެވި މުރްސީގެ ވެރިކަން ވައްޓާލީ 2013 ވަނަ އަހަރުގެ ޖުލައި މަހު އަސްކަރިއްޔާ އިން ގެނައި އިންގިލާބަކުންނެވެ. އެއަށް ފަހު ހައްޔަރުކޮށް މަރުގެ ހުކުމް އިއްވީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
މުރްސީގެ މައްޗަށް މަރުގެ ހުކުމް އިއްވީ 2011 ވަނަ އަހަރު މިސްރަށް ގެނައި ރައްޔިތުންގެ އިންގިލާބުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ޖަލެއް ފަޅާލައި ގިނަ އަދަދެއްގެ ގައިދީންތަކެއް ފިލި އަދި ހިންގި ލޭ އޮހޮރުވުމެއްގައި ޒިންމާ އުފުއްލަވަން ޖެހޭ ފަރާތަކީ މުރްސީ ކަމަށް ބުނެ އެވެ. އެންމެފަހުން މަރުގެ ހުކުމުން މުރްސީ މިވަގުތަށް ސަލާމަތްވެ ވަޑައިގެންނެވި ނަމަވެސް އެ ބޭފުޅާގެ މައްޗަށް އިތުރު ޖަލު ހުކުމްތަކެއް ވެސް އިއްވާފައިވެ އެވެ.
އެގޮތުން 2012 ވަނަ އަހަރު އެ ބޭފުޅާގެ ވެރިކަމާ ދެކޮޅަށް ނުކުމެ ވަޑައިގެން އާންމުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރައްވައި އާންމުންތަކެއް މަރުވެފައިވާ މައްސަލައެއްގައި، ޕެރޯލް ލިބިވަޑައިނުގަންނަވާ ގޮތަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ގަތަރަށް ޖާސޫސުކޮށް ދެއްވި ކަމުގެ ތުހުމަތުގެ މައްސަލައިގައި 40 އަހަރުގެ ޖަލު ހުކުމަކާއި ފަލަސްތީނުގެ ހަމާސް ޖަމާއަތަށް އެއްބާރުލުން ދެއްވައި ޖާސޫސުކޮށްދެއްވި ކަމަށް ބުނާ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައިވެ އެވެ.
މުރްސީގެ ވެރިކަމަށް ފަހު، މިސްރުގެ ރައީސް ކަމަށް އަސްކަރިއްޔާގެ ތެރެއިން ވަޑައިގެންނެވި އަބްދުލްފައްތާހު އަލް ސީސީގެ ސަރުކާރުން ވަނީ މުރްސީ އަށް ފަހު އެބޭފުޅާ ނިސްބަތްވެ ވަޑައިގަންނަވާ މުސްލިމް ބްރަދަހުޑް ވެސް މިސްރުގައި އަލުން މަނާކޮށް އެ ޖަމާއަތުގެ ބާރު އެއްކޮށް ކަނޑުވައިލުމުގެ ވަރުގަދަ ހަރަކާތެއް ވެސް ފަށައިފަ އެވެ. މުސްލިމް ބްރަދަހުޑަކީ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ 30 އަހަރުވީ ވެރިކަމުގައި ވެސް މަނާކޮށްފައި އޮތް ޖަމާއަތެކެވެ. --ދަ ގާޑިއަން