ދިމިޝްގް (16 ނޮވެމްބަރު) - އެމެރިކާގެ ރިއާސީ ދައުރުގެ ރައީސަކަށް އިންތިހާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަކީ ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގައި އެކުވެރިޔަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އެ ބޭފުޅާއާ އެކު ޓެރަރިސްޓުން ބަލިކޮށްލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.
ޕޯޗުގަލްގެ އާރްޓީޕީ ސްޓޭޓް ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ބައްޝާރު ވިދާޅުވެފައި ވަނީ ޓްރަމްޕާ އެކު އުއްމީދުތަކެއް ކުރެވުނަސް އޭނާ އަށް އެކަން ކުރެވިދާނެ ކަމާ މެދު ޔަގީންކަމެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަށް ސީދާ ބުނާކަށް ނޭނގޭނެ (ޓްރަމްޕް) ކުރައްވާނީ މިވެނި އެވެނި ކަމެކޭ. އެކަމަކު ޓެރަރިސްޓުންނާ ދެކޮޅަށް ހަނގުރާމަކުރައްވަނީ ކަމުގައި ވަނީ ނަމަ ޔަގީނަށް ވެސް އަޅުގަނޑުމެން ވާނީ އެކުވެރިންނަށް. އަނެއްކޮޅުން ރަޝިއާ އާއި އީރާންގެ އިތުރުން އެހެން ގައުމުތަކާ އެކު ވެސް އޮތް ވަރުގަދަ ގުޅުމަކަށް،" ދާހިލީ ހަނގުރާމައަކާ އެކު ފިއްތުންތައް ކުރިމަތިވެ ވަޑައިގެންފައިވީ ނަމަވެސް ވެރިކަން ދޫކޮށްލެއްވުމަށް ދެކޮޅުހައްދަވަމުން ގެންދަވާ އަސަދު ވިދާޅުވި އެވެ.
ޓްރަމްޕާ އެކު ޓެރަރިސްޓުން ބަލިކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އަސަދު ވިދާޅުވެފައިވާއިރު އިސްލާމިކް ސްޓޭޓް ފަދަ ޓެރަރިސްޓުންނާ ދެކޮޅަށް ނުކުމެ ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕްގެ ކެމްޕޭނުގައި ވިދާޅުވެފައިވެ އެވެ. އަދި އަސަދާ ދެކޮޅު، އެކަމަކު އެމެރިކާގެ ސަރުކާރުން މިހާރު ތާއީދުކުރާ ހަނގުރާމަވެރިންނަށް ވެސް އެހީ ކަނޑާލާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ދެއްވައިފަ އެވެ.
އެކަމަކު އަސަދު ވިދާޅުވަނީ މިހެންނެވެ.
"ޓްރަމްޕަށް އެ ހުރިހާ ކަމެއް ކުރެވިދާނެތަ؟"
އޭނާ ވިދާޅުވަނީ އެމެރިކާގެ ސަރުކާރުގެ އެތެރެ ބަދަލުކޮށްލަން ޓްރަމްޕަށް ފަސޭހައެއް ނުވާނެ ކަމަށާއި އަނެއްކޮޅުން މުޅި މެއިން ސްޓްރީމް މީޑިއާ ޓްރަމްޕާ ދެކޮޅުއިރު އެ ބޭފުޅާގެ ސިޔާސަތުތަކަށް ފަސޭހަ ޕްރޮމޯޝަނެއް ނުލިބޭނެ ކަމަށެވެ.
އެމެރިކާގެ މިހާރުގެ ސިޔާސަތަކީ އަސަދު ސީރިއާގެ ވެރިކަމުން ދުރުކޮށް އިދިކޮޅު ހަނގުރާމަވެރިންނާ ގައުމު ހަވާލުކުރުމެވެ. ނަމަވެސް އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން ސީރިއާގައި އަތްގަދަކޮށްފައިވާތީ އެމެރިކާގެ ޕްލޭން އެގޮތުގައި ކުރިއަކަށް ނުގެންދެވެ އެވެ.
އިސްލާމިކް ސްޓޭޓް ބަލިކުރަން އަދި ސަރުކާރާ ދެކޮޅު ހަނގުރާމަވެރިން ވެސް ބަލިކުރަން އަސަދުގެ ދައުވަތަށް އީރާނާއި ރަޝިއާގެ ބާރުތައް ސީރިއާގައި ހަރަކާތްތެރިވަމުން ދިއުމަކީ އަސަދުގެ ވެރިކަން ނިމުމަކަށް ނުގެނެވިދާނެ ސަބަބެކެވެ.
ޓްރަމްޕާ އެކު އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އަސަދު އުއްމީދުކުރައްވާއިރު ރަޝިއާ ވެސް އޮތީ ޓްރަމްޕްގެ ވެރިކަމަކަށް ކެތްމަދުވެފަ އެވެ. --ބީބީސީ