ރައީސް އޮފީސް

މި ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން ހަރަކާތްތަކެއް ފަށަނީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަ ކުރަން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވައި، އެކަން އިއުލާންކޮށްފި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރޭނީ މާދަމާ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ސަރުކާރަށް ތިން އަހަރު ފާހަގަ ކުރުމަށް 10 ދުވަހަށް ދިގު ދެމިގެންދާނެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ހަރަކާތެއްގެ ގޮތުން މާދަމާ ރޭ ޒުވާނުންގެ ޖަލްސާ ބާއްވާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

ހަރަކާތްތަކުގެ ތެރެއިން އެންމެ މުހިންމު އަދި ބޮޑު ހަރަކާތް އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭ އެވެ. އެ ރޭ ބާއްވާ ބޮޑު ޖަލްސާގައި ރައީސް ޔާމީން ވެސް ބައިވެރިވަޑައިގަންނަވާނެ އެވެ. އަދި އެ ޖަލްސާގައި ސަރުކާރުގެ މުއައްސަސާތަކުން ހޯދާފައިވާ ކާމިޔާބީތައް ހާމަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

"28 ވަނަ ދުވަހު މި އޮންނަނީ ވަރަށް މުހިންމު ޖަލްސާއެއް، ވަރަށް ހާއްސަ ކަންތައްތަކެއް ފެނިގެންދާނެ، އެޗީވްމެންޓްސް އާއި އަދި ކުރިއަށް ރޭވިފައިވާ ކަންތައްތައް،" ޒަމީރު ވިދާޅުވި އެވެ.

އޭގެ އަނެއް ދުވަހު ޒުވާނުންނަށް ހާއްސަ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު 30 ވަނަ ދުވަހު ވެސް ހާއްސަ ހަރަކާތެއް ބާއްވާނެ އެވެ. މިނިސްޓަރު ވިދާޅުވީ، މި ހަރަކާތްތައް ކުރިއަށް ގެންދާނީ އެންމެންނަށް ވެސް ބައިވެރިވެވޭ ގޮތަށް ކަމަށެވެ. އަދި ހަރަކާތްތަކުގެ ތަފްސީލުތައް ވަރަށް އަވަހަށް އެކަމަށް ހާއްސަކޮށްފައިވާ ޓީމުން އިއުލާންކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަކީ ވަކި ޕާޓީއަކަށް ނުވަތަ ވަކި ބަޔަކަށް ހާއްސަކޮށްގެންނެއް ނޫން، މީގަ އެންމެން ވެސް ޝާމިލުވާ ގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

މީގެއިތުރަށް ޓީވީތައް މެދުވެރިކޮށް ތިން އަހަރު ތެރޭގައި ސަރުކާރުން ހާސިލުކޮށްފައިވާ ކަންކަމާއި ކުރިއަށް އޮތް ދެ އަހަރު ހާސިލުކުރުމަށް އަމާޒު ހިފާފައިވާ ކަންކަމާ ގުޅޭ މައުލޫމާތުތައް ގެނެސްދެމުން ގެންދާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ، މި ހަރަކާތްތަކުގައި ބައިވެރިވުމަށް ޒުވާނުންނާއި ފަންނާނުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެހެންކަމުން މި ހަރަކާތްތައް ކުރިއަށް ގެންދާނީ ކުޅިވަރު ފެސްޓިވަލެއްގެ ގޮތުގައި ކަމަށެވެ.

"މިއީ ވަރަށް ބޮޑަށް ގައުމީ ކަމެއް، ގައުމީ ފެސްޓިވަލެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަކުރާނީ، ހާއްސަ ގޮތެއްގައި ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރާއިރުގަ ރައްޔިތުންގެ ލުއި ފަސޭހައަށާއި ލާބަޔަށް މަސައްކަތްތަކެއް ކުރެވުނު ތިން އަހަރުގެ ގޮތުގައި އަޅުގަނޑުމެން މި ތިން އަހަރު ފާހަގަކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭގައި ހިންގާ ހަރަކާތްތަކުގެ އިތުރަށް އަތޮޅުތަކުގެ ތެރޭގައި ވެސް ހަރަކާތްތަކެއް ކުރިއަށް ދާނެ ކަމަށެވެ.

އެޓާނީ ޖެނަލް އަހުމަދު އަނިލް ވިދާޅުވީ، މިފަދަ ހަރަކާތެއް ހިންގުމުގެ މަގުސަދަކީ ސަރުކާރުން އަތޮޅުތަކުގެ ތެރޭގައި ވެސް ހިންގަމުން ގެންދާ މަޝްރޫއުތަކުގެ މައުލޫމާތުތައް އެހެން ފަރާތްތަކަށް ވެސް ފޯރުކޮށްދިނުން ކަމަށެވެ. އަދި، ސިވިލް ސާވެންޓުން މެނިފެސްޓޯ ތަންފީޒުކުރުމަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ވެސް ޝޯ ކޭސް ކުރަން ބޭނުންވާ ކަމަށް އަނިލް ވިދާޅުވި އެވެ.

"މި ހަރަކާތްތަކުގައި ވަކި ގިންތިއެއް ނެތި ހުރިހާ ބޭފުޅުން ވެސް ބައިވެރިވާނެ ކަމަށް އުއްމީދުކުރަން، މި ތިން އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް އަޅުގަނޑުމެން ބޭނުން،" އަނިލް ވިދާޅުވި އެވެ.