ރާއްޖޭގައި އުޅޭ ލޮލަށް ފެނުމުން މަހުރޫމްވެފައި ތިބި، މީހުން އޯޑިއޯ ކޮންފަރެންސުން ގުޅާލުމުގެ ހިދުމަތް ބްލައިންޑް އެސޯސިއޭޝަނަށް ދިރާގުން ހިލޭ ދީފި އެވެ.
ދިރާގުގައި މިއަދު ބޭއްވި ރަސްމިއްޔާތެގައި ދިރާގުގެ ފަރާތުން އެހީ ދިންކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްލާމިލް ރަޝީދު އެވެ. އަދި ބްލައިންޑް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމިއްޔާގެ ގުޑްވިލް އެމްބެސެޑަރު މަރިޔަމް ވަހީދާ އެވެ. މި ރަސްމިއްޔާތުގައި ދިރާގުގެ ޗީފް ފައިނޭންސް އޮފިސަރު އިޒަބެލް ހަޖްރީ ވެސް ބައިވެރިވެޑައިގަތެވެ.
ދިރާގާއި ބްލައިންޑް އެސޯސިއޭޝަނަށް ދީފައިވަނީ އޯޑިއޯ ކޮންފަރެންސް ކޯލް ކުރުމަށް ބޭނުންވާ ވަސީލަތްތަކެވެ.
މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ވިދާޅުވީ ބްލައިންޑް އެސޯސިއޭޝަނަށް ދިރާގުން ދިން އެހީއަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދިން އެހީއެއް ކަމަށެވެ.
"ދިރާގުން އަބަދު ވެސް މިދަނީ ފަދަ ޖަމިއްޔާ ތަކަށް އެހީވަމުން. މިގޮތުން ހާއްސަ އެހީއެއް ބޭނުންވާ ކުދިންނަށް ސްޕޯޓްސްމީޓެއް ވެސް ދާދިފަހުން ވާނީ ބާއްވާފައި،" އިސްމާއިލް ވިދާޅުވި އެވެ.
ބްލައިޑް އެސޯސިއޭޝަންގެ ރައީސް މާޒިން ވިދާޅުވީ ދިރާގުން ދީފައިވާ މި އެހީއަކީ ގާތްގަނޑަކަށް އޮފީހެއް ލިބުން ކަމަށެވެ.
"ކުރިން އެންމެ ބޮޑު ދައްޗަކީ ރާއްޖޭގެ އެކި ކަންކޮޅުގައި ތިބި ކުދިންނަށް އެކި ޕްރޮގްރާމްތައް ހިންގުން. ނަމަވެސް މިހާރު އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުރުއާން ކޯސްތަކާއި އިނގިރޭސި ފަދަ ކޯސްތައް ވެސް ހިންގޭނެ. އެކަމަށްޓަކައި ދިރާގަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން،" މާޒިން ވިދާޅުވި އެވެ.
ބްލައިންޑް އެސޯސިއޭޝަންގެ އެމްބެސެޑަރު މަރިޔަމް ވަހީދާ ވިދާޅުވީ ދިރާގުގެ އެހީއަކީ ވަރަށް ބޮޑު ހަރަދެއް ކަމަށެވެ.
"މިކަމަށް އަޅުގަނޑުމެން އެދުނުއިރު ހިތައް ވެސް ނާރާ ކޮށްދެވިދާނެ ކަމަކަށް. މިއީ ވަރަށް ހަރަދު ބޮޑު ކަމެއް. އެކަމަކު ދިރާގުން މިވަނީ ވަރަށް ފުރިހަމައަށް އެހީތެރިކަން ދީފައި. އެކަމަށްޓަކައި ދިރާގު މެނޭޖުމަންޓަށް ޝުކުރު އަދާކުރަން،" މަރިޔަމް ވިދާޅުވި އެވެ.
ދިރާގަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިޖުތިމާއީ ޒިންމާގެ އެހީތައް ދެމުން ގެންދާ ކުންފުންޏެކެވެ. އެ ކުންފުނިން ކުޑަކުދިންގެ ހިޔާ އަށާއި އޯޓިޒަމް އެސޯސިއޭޝަން އަދި އާކް ފަދަ ޖަމިއްޔާތަކަށްވެސް ދީލަތިކަމާއެކު އެހީދެ އެވެ.