ބޮލީވުޑް

ކަރަން ޖޯހަރުގެ ފިލްމެއްގައި ސަލްމާން އާއި ކެޓްރީނާ

Nov 17, 2016

ކުރީގެ ދެލޯބިވެރިން ކަމަށްވާ ސުޕަސްޓާ ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް ރުޅިވިފަހުން މިދެތަރިން އެކުގައި ކުޅެފައިވަނީ 2012 ވަނަ އަހަރު ނިކުތް "އޭކް ތަ ޓައިގާ" އެވެ.

ސަލްމާންއާ ރުޅިވެ ކެޓްރިނާ އެކްޓަރު ރަންބީރު ކަޕޫރާ ލޯބީގެ ގޮތުން ހައަހަރުވަންދެން ގުޅިގެން އުޅުމަށްފަހު އެގުޅުން ވެސް މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނިމިފައިވާއިރު، ކެޓްރީނާ އާއި ސަލްމާންގެ ދެމެދުގައި މިހާރު ވަރަށް ބަދަހި އެކުވެރިކަމެއް އޮވެ އެވެ.

"އޭކް ތަ ޓައިގާ" ގެ ދެވަނަ ބައި، "ޓައިގާ ޒިންދާހޭ" ގެ ލީޑްރޯލުން މިދެތަރިން ފެނިގެންދާނެކަން ޔަގީންވެފައިވާއިރު މިދެތަރިން އެކުގައި އިތުރުނ ފިލްމަކުން ފެނިގެންދާނެ ކަމުގެ އަޑުތަކެއް މިވަނީ އަރާފަ އެވެ.

ޑައިރެކްޓްރު ކަރަން ޖޯހަރު އަންނަނީ ސަލްމާން އާއި ކެޓްރީނާ ލީޑްރޯލުގައި ހިމަނައިގެން ފިލްމެއް އުފައްދަން ވިސްނަމުންނެވެ.

ކަރަން ކުރިއަށް އުފައްދަން ނިންމާފައި އޮތް އެފިލްމުގައި ކެޓްރީނާ އާއެކު ބަތަލުގެ ރޯލުން ފެނިގެންދާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ އެކްޓަރު އަދިތްޔަ ރޯއި ކަޕޫރު ނަމަވެސް ކަރަން ވަނީ އެރޯލު ސަލްމާނަށް ހުށަހައި ކެޓްރީނާ އާއެކު އެފިލްމު ކުޅެދިނުމަށް އެދިފަ އެވެ.

އެފިލްމު ސަލްމާނާ އެކު ކުޅެން ކެޓްރީނާ އާނބަސް ދީފައިވާ ކަމަށްވާއިރު ސަލްމާން އަދި ވަކިގޮތެއް ނުނިންމާ ކަމަށްވެ އެވެ.

ސަލްމާން މިހާރު ކަބީރް ޚާންގެ "ޓިއުބްލައިޓް" ގެ މަންޒަރުތައް ނަގަމުން އަންނައިރު، އެފިލްމަށްފަހު ސަލްމާން ދެން ކުޅޭނީ ކެޓްރީނާ އާއެކު "ޓައިގާ ޒިންދާހޭ" އެވެ.

ސަލްމާން އާއި ކެޓްރިނާ ހިމަނައިގެން ފިލްމެއް އުފައްދަން ކަރަން ޝައުގުވެރިވާ ކަމަށް ބުނެފައިވާއިރު ސުޕަސްޓާ ޝާހްރުކް ޚާން އާއި އައިޝްވާރިޔާ ރާއި ހިމަނައިގެން ވެސް ފިލްމެއް އުފައްދަން ކަރަން ވަނީ ނިންމާފަ އެވެ.