ސީރިއާގެ ދާހިލީ ހަނގުރާމައިގެ މައި ރަށް ކަމުގައިވާ ހަލަބް ސިޓީގައި ސީރިއާ ސިފައިންނާއި ރަޝިއާ ސިފައިންގެ އަސްކަރީ ހަރަކާތް އަލުން ފަށައި ވައިގެ މަގުން ހަމަލާތައް ވަރުގަދަކޮށްފައިވާއިރު އިއްޔެ އަކީ އަނެއްކާވެސް އެތައް ބަޔަކު މަރުވެ އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔަ ދުވަހެކެވެ.
ފާއިތުވި ދެ ދުވަހުގެ ހަމަލާތަކުގައި ހަލަބު ސިޓީން 32 މީހަކު މަރުވެފައިވާއިރު ވައިގެ ހަމަލާތައް އަލުން ފަށާފައި މި ވަނީ ތިން ހަފުތާގެ މެދުކެނޑުމަކަށް ފަހު އެވެ. ހަމަލާތައް އަލުން ފަށައިގެން ވަރުގަދަކޮށްފައިވާއިރު ހަލަބު ސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލެއް ކަމުގައިވާ ބަޔާން ޗިލްޑްރެންސް ހޮސްޕިޓަލް ވަނީ މިސައިލް ހަމަލާއެއްގައި އެއްކޮށް ހަލާކުވެ ބިމާ ހަމަވެފަ އެވެ.
އެ ހޮސްޕިޓަލްގައި ސަލާމަތުން މިހާރު ތިބި ބަޔަކު ތިބީ އެތަނުގެ ބޭސްމަންޓްގައި ތާށިވެފަ އެވެ.
ހޮސްޕިޓަލްތަކާއި އެމްބިއުލާސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި ހަލާކުވެފައިވާއިރު އެންމެ ފަހުގެ ހަމަލާތަކުގައި ބްލަޑް ބޭންކެއް ވެސް ހަލާކުވެފައިވެ އެވެ.
ކުރިއަށް އޮތް ތަނުގައި ހަލަބު ސިޓީގައި ހަމަލާތައް ވަރުގަދަވާނެ ކަމަށް ބެލެވޭއިރު އާންމުންގެ އެތައް ހާސް ބަޔަކު މި ސިޓީގައި ތާށިވެފައި އެބަތިއްބެވެ. އީރާނާއި ރަޝިއާގެ އަސްކަރީ އެހީއާ އެކު ހަމަލާތައް ވަރުގަދަކުރަމުން އަންނަ ސީރިއާ ސިފައިންގެ ބާރުގެ ދަށުގައި އޮތީ ހަލަބުގެ ހުޅަނގު ބިތެވެ. ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތީ އިރުމަތީ ބިތެވެ.
އިރުމަތީ ބިތުގައި އެކަނި ވެސް ބަންދުވެފައި ތިބި އާންމުންގެ އަދަދު ދެ ލައްކަ އަށް ވުރެ މައްޗަށް އަރަ އެވެ.