ދުނިޔެ

ހަމަނުޖެހުން އިތުރުވުމުން ކަޝްމީރުން އާންމުން ހުސްކުރަނީ

Nov 17, 2016

މިލްކުވެރިކަމުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިޔާލުތަފާތުވެފައި އޮތް ކަޝްމީރުގައި ދެ ގައުމުގެ ސިފައިންގެ ކުރިމަތިލުންތަކާ އެކު ހަމަނުޖެހުންތައް ވަރުގަދަވަމުންދާތީ އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ޕާކިސްތާނުން ބުނެފި އެވެ.

ޕާކިސްތާނުން ކަޝްމީރުގައި ކޮންޓްރޯލްކުރާ ސަރަހައްދުގެ ބޮޑުވަޒީރު ރާޖާ ފާރޫގް ހައިދަރު އިއްޔެ ވިދާޅުވެފައި ވަނީ އިންޑިއާގެ އަސްކަރިއްޔާ އިން ބޮޑު ބަޑިން ހަމަލާތައް ދެމުންދާތީ އޭގެ ނުރައްކަލުން އާންމުން ސަލާމަތްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން މިހާތަނަށް އާންމުންގެ 8،000 މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ ހަމަލާތަކާ ގުޅިގެން އާންމުން ކަޝްމީރުން ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ޕާކިސްތާނުން ބުންޏަސް އިންޑިއާގެ އަސްކަރިއްޔާ އިން ބުނަނީ ޕާކިސްތާނުން ނުދޭ ހަމަލާއަކަށް އިންޑިއާ އިން ރައްދެއް ނުދޭ ކަމަށެވެ. އަދި ހަމަލާ ބަދަލުކުރުމުގެ އެއްބަސްވުމާ ފުރަތަމަ ހިލާފުވިބަޔަކީ ވެސް ޕާކިސްތާން ކަމަށެވެ.

އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުގެ ހަރަކާތެއް ޕާކިސްތާނުގެ އަސްކަރިއްޔާ އިން ފަށާފައި ވަނީ އިންޑިއާ ސިފައިންގެ ހަމަލާއެއްގައި މިދިޔަ ހޯމަ ދުވަހު ޕާކިސްތާނުގެ ހަތް މީހަކު މަރާލާފައި ވަނިކޮށެވެ. ތަޖުރިބާކާރުން ލަފާކުރާ ގޮތުން އިންޑިއާގެ އެ ހަމަލާ އަކީ ޕާކިސްތާނާއި އިންޑާއިގެ މައްސަލަ އިތުރަށް ގޯސްކޮށްލަފާނެ ހަމަލާއެކެވެ.

މީގެ އިތުރުން ބައެއް ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ޕާކިސްތާނުން، އެމީހުންގެ ބާރުގެ ދަށުގައި އޮތް ކަޝްމީރުގެ ހިސާބުތަކުން އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަކީ އިންޑިއާ އަށް ރައްދު ހަމަލާއެއް ދޭން ތައްޔާރުވަމުން އަންނަ ކަމުގެ ނިޝާނެކެވެ.

ދެ ގައުމުގެ ކުރިމަތިލުންތައް ވަރުގަދަވެ ހަނގުރާމައެއްގެ ބެރުގެ އަޑު ގަދަވަމުން އަންނައިރު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިންޑިއާ އިން ވަނީ އެމީހުންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުން ވެސް އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. އެގޮތުން 10،000 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރި އެވެ.

މުސްލިމުންގެ އަޣުލަބިއްޔަތު އޮތް ކަޝްމީރުގެ މައްސަލާގައި އިންޑިއާ އާއި ޕާކިސްތާނުން މިހާތަނަށް ދެ ހަނގުރާމައެއް ކޮށްފައިވާއިރު ދެ ގައުމުގެ މި މައްސަލަ އަށް މިހާރު 70 އަހަރެވެ.