ރާއްޖެ ކުޅިވަރު

އޭޝިއާގެ އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ފަށައިފި

އަންނަ އަހަރު އަވަށްޓެރި އިންޑިއާގައި ބާއްވާ އޭޝިއާގެ 22 ވަނަ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދިއުމުގެ އަމާޒުގައި ރާއްޖޭގެ އެތުލެޓިކްސް ޓީމު ތައްޔާރުވާން ފަށައިފި އެވެ.

އެތުލެޓިކްސް ޗެމްޕިއަންޝިޕް ބާއްވަނީ އަންނަ އަހަރުގެ ޖުލައި އެކަކުން ހަތަރަކަށް އިންޑިއާގެ ރަންޗީގެ ބިރާސާ މުންޑާ ސްޓޭޑިއަމްގަ އެވެ.

އަވަސްއާ ވާހަކަ ދައްކަމުން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް މިއަދު ވިދާޅުވީ އެންމެ ފުރަތަމަ އަމާޒަކީ މިހާރު ދެވިފައި އޮތް ހިސާބަށް ވުރެ ދުރަށް ދިއުން ކަމަށެވެ.

"ސުޕްރިންޓް އިވެންޓުން ފައިނަލާ ހަމައަށް ދެވޭތޯ މަސައްކަތް ކުރުން، ދެން މިޑްލެން ލޯންގް ރަންގައި ދުވުމުގައި ވެސް ރަނގަޅު ކާމިޔާބަކާ ހިސާބަށް ދެވޭތޯ މަސައްކަތް ކުރުން،" ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތުލެޓިކްސް ޓީމުގެ ހުރިހާ ފޯކަސްއެއް ހުރީ އެ މުބާރާތަށް ކަމަށާއި ނަމަވެސް އެ މުބާރާތަށް ދާނެ އަންހެން ފިރިހެން ޓީމު އެކުލަވާލައި ރަސްމީކޮށް ޕްރެކްޓިސް ފެށިގެންދާނީ އަންނަ އަހަރު ކުރީ ކޮޅު ކަމަށެވެ.