ހަބަރު

ޒިޔާދަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލްކޮށްފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ސިފައިންގެ އޭރުގެ އިސް އޮފިސަރެއް ކަމަށް ވާ މުހައްމަދު ޒިޔާދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލްކޮށްފި އެވެ.

އަބްދުﷲ ގާޒީ ބަންދު ކުރިއިރު ކާނަލެއްގެ ގޮތުގައި ހުންނެވި ޒިޔާދަކީ އޭރު ސިފައިންގެ އޮޕަރޭޝަންސް ޑައިރެކްޓަރެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ހިންގާ ޝަރީއަތުގެ ބައެއް އަޑުއެހުންތައް މީގެކުރިން ވެސް ބާއްވާފައިވާއިރު މިހާރު ކުރިއަށް ދަނީ ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނެގުމެވެ.

މިހާރު ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ޒިޔާދުގެ ޝަރީއަތް ތާވަލްކޮށްފައިވަނީ މިއަދު މެންދުރު 2:00 އަށެވެ.

ޒިޔާދު ކޯޓުގައި ވިދާޅުވަމުންދަނީ އަބްދުﷲ ގާޒީ ބަންދު ކުރުމުގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށާއި އޭނާ ތަބާވަމުން ދިޔައީ ވެރިންގެ އަމުރަށް ކަމަށެވެ. އަދި އޭނާއަކީ އޮޕަރޭޝަންސްގެ ކަންކަމުގައި އެހީތެރިވާ އިސް ފަރާތަށް ވާތީ ވެރިން ކުރާ އަމުރުތަކުގެ ގާނޫނީ ސައްހަ ކަމާ މެދު ގާނޫނީ ލަފާ ހޯދުމުގެ ފުރުސަތު އޭނާއަށް ނޯންނަ ކަމަށް ވެސް ޒިޔާދު ވިދާޅުވެފައިވެ އެވެ.

އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި އޭރުގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނުގެ އިތުރުން އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި އޭރުގެ މާލޭ އޭރިޔާގެ ކޮމާންޑަރު އިބްރާހިމް ދީދީގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ. އެ ހުރިހާ ބޭފުޅުންގެ މައްޗަށް ކުރަނީ ވެސް ޓެރަރިޒަމްގެ ދައުވާ އެވެ.