ހަބަރު

މަހުލޫފް މަޖިލިސް ތެރޭ ރިޔާޒް ރަޝީދާ މާރާމާރީ ހިންގި ކަމަށް ބުނެ މައްސަލަ ހުށަހަޅައިފި

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މި މަހުގެ ދެވަނަ ދުވަހު ބޭއްވި ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ މޫނު މަތީގައި ޖަހައި މާރާމާރީ ހިންގި ކަމަށް ބުނެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މަހިނބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގް މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ، މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގެ ތެރޭގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން މަހުލޫފް ރިޔާޒުގެ މޫނު މަތީގައި ޖަހާފައިވާތީ އެ މައްސަލަ ކަމާބެހޭ ކޮމިޓީން ބެލުމަށް އެދޭ ކަމަށެވެ. އަދި މަހުލޫފް އެ އަމަލު ހިންގި ކަމަށް، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އާއި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ހެކި ވާނެ ކަމަށް ވެސް ތޯރިގްގެ ސިޓީގައިވެ އެވެ.

މަހުލޫފް މާރާމާރީ ހިންގި މައްސަލަ ހުށަހެޅީ، ފުލުހުންނަށް ތުހުމަތު ކުރެވޭ ހަތަރު މައްސަލައެއް ތަހުގީގުކޮށް ދިނުމަށް އެދި، މަހުލޫފް އިއްޔެގެ ވަގުތެއްގައި މައްސަލަތަކެއް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކަށް ހުށަހަޅާފައި ވަނިކޮށެވެ. މަހުލޫފް ޕީޕީއެމްއިން ވަކި ކޮށްފައިވާއިރު، އޭނާ ގެންދަވަނީ ރައީސް ޔާމީނާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ތުހުމަތުތައް ކުރައްވަމުންނެވެ.