ބޮލީވުޑް

ދިޕިކާ އާއި ކެޓްރީނާ ވެސް ރަންބީރަށް ރަނގަޅެއް ނޫން: ކަރީނާ

Nov 18, 2016

ބޮލީވުޑްގެ ތަރިންގެ ތެރެއިން ބަތަލާ ކަރީނާ ކަޕޫރަކީ އޭނާގެ ހިތުގައި އޮންނަ އެއްޗެއް ހާމަކުރަން ފަސްޖެހޭ ތަރިއެއް ނޫނެވެ.

ދެބެއިންގެ ދެދަރި ކޮއްކޮ ރަންބީރު ކަޕޫރު ބަތަލާ ކެޓްރީނާ ކައިފްއާ ގުޅިގެން އުޅޭކަމުގެ ވާހަކަތައް ދެކެވެމުން ދަނިކޮށް ކެޓްރީނާ އަށް ފަހަަރީގެ ނަމުން މުހާތަބުކޮށް އެދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ފަޅާއަރުވާލީ ވެސް ކަރީނާ އެވެ.

ކަރީނާ އާއި ރަންބީރާ ދެމެދު ވަރަށް ގާތްގުޅުމެއް އޮންނައިރު ކޮއްކޮ ދެކެ އޭނާ ވާ ލޯބި ކަރިނާ އަބަދުވެސް ހާމަކުރެ އެވެ.

އަންނަ މަހުގެ ތެރޭގައި ފުރަތަމަ ދަރިފުޅު ވިހަން ތައްޔާރަށް ހުރި ކަރީނާ ބަތަލާ ނޭހާ ދޫޕިޔާ ހުށަހަޅައިދޭ ޝޯ "ނޯ ފިލްޓާ ބައި ނޭހާ" ގައި ވާހަކަދައްކަމުން ވަނީ ރަންބީރު ލޯބީގެ ގޮތުން ގުޅުނު ދެބަތަލާއިން ކަމަށްވާ ދިޕިކާ ޕަދުކޯން އާއި ކެޓްރިނާއާ ގުޅޭގޮތުން ވާހަކަދައްކާފަ އެވެ.

މިޝޯގައި ނޭހާ ކަރީނާ ކުރެން ދިޕިކާ އާއި ކެޓްރީނާގެ ތެރެއިން ރަންބީރަށް އެންމެ ރަނގަޅު ލޯބިވެރިޔަކީ ކާކުތޯ އެހުމުން ވަނީ އެދެތަރިންގެ ތެރެއިން އެއްވެސް މީހަކު ރަންބީރަށް ރަނގަޅު ނޫންކަމަށް ބުނެފަ އެވެ.

ކުރިން ކެޓްރީނާ އަށް ތައުރީފުކޮށް ކަރީނާ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތް ކަރަން" ގެ ހަތަރު ވަނަ ސީޒަންގައި ވާހަކަދެއްކި ނަމަވެސް ނޭހާގެ ޝޯގައި ކަރީނާ ކެޓްރީނާއާ ގުޅޭގޮތުން މިފަހަރު ވާހަކަދައްކާފައިވަނީ މާރަނގަޅަކަށް ނޫނެވެ.

ކުރިިން ރަންބީރަށް އެންމެ ގުޅޭނެ ބައިވެރިޔަކީ ވެސް ކެޓްރީނާ ކަމަށް ކަރީނާ ބުނެފައިވާއިރު މިފަހަރު މިވަނީ ރަންބީރު ލޯބީގެ ގޮތުން ގުޅުނު ދިޕިކާ އާއި ކެޓްރީނާ ވެސް އޭނާ އަށް ރަނގަޅު ނޫން ކަމަށް ބުނެފަ އެވެ.

ރަންބީރާއި ކެޓްރީނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހައަހަރު ފަހުން މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރުޅިވެފައިވާއިރު ކެޓްރީނާ އާއި ރަންބީރުގެ އާއިލާގެ މެމްބަރުންގެ ތެރެއިން ގާތްގުޅުމެއް އޮތީ ހަމައެކަނި ކާރިނާއާ އެކު އެވެ. ނަމަވެސް ރަންބީރާ ކެޓްރީނާ ރުޅިވުމުން އޭނާ އާއި ކަރިނާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާކަން ކަރިނާގެ ވާހަކަތަކުން އެނގެ އެވެ.

މީގެއިތުރުން ވެސް މިޝޯގައި ކަރީނާ ކުރެން ދިޕިކާ އާއި ކެޓްރީނާގެ ތެރެއިން އެކްޓަރެއްގެ ގޮތުގައި ނަގާނީ ކާކުތޯ އެހުމުން ވަނީ ދިޕިކާ ކަމަށް ބުނެފަ އެވެ.

ދިޕިކާ އާއި ކެޓްރީނާ ވެސް ރަންބީރަށް ރަނގަޅު ލޯބިވެރިންނަށް ނުވެވުނު ކަމަށް ކަރީނާ ބުނެފައިވާއިރު ދިޕިކާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އޭނާ ދޫކޮށް ރަންބީރު ވަނީ ކެޓްރިނާއާ ލޯބީގެ ގޮތުން ގުޅިފަ އެވެ.

މިޝޯގެ މީގެކުރީގެ އެޕިސޯޑެއްގައި ބައިވެރިވެ ރަންބީރު ވަނީ ކެޓްރީނާ އަކީ އޭނާގެ ހަޔާތުގައި ވަރަށް ހާއްސަ މީހެއް ކަމަށާއި އަދި އޭނާ އަށް އެންމެ އަޅާލި އެކަކު ކަމަށް ބުނެފަ އެވެ.