ބޮލީވުޑް

ފަވަދް އާއި މާވްރާގެ އެޖެންޓުން މަނީ ލޯންޑަރިންގައި ބައިވެރިވި؟

Nov 19, 2016

ހިޔާނާތާއި ފަސާދައިގެ މައްސަލަތަކާއި ޓެކްސް އަށް މަކަރު ހެދުމުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ކުރިން ބޭނުން ކުރަމުން އައި 500 ރުޕީސްގެ ނޫޓާއި 1000 ރުޕީސްގެ ނޫޓްތައް އުފާލާފަ އެވެ.

އަލަށް ތައާރަފްކުރި 500 ރުޕީސްގެ ނޫޓާއި 2000 ރުޕީސްގެ ނޫޓްތަކަށް ކުރީގެ ނޫޓްތައް ބަދަލުކުރުމަށް މުޅި އިންޑިއާ ބޭންކުތަކާއި އޭޓީއެމްތަކުގެ ދޮށުގައި ކިޔޫތައް ހަދާފައިވާއިރު ބޮލީވުޑްގައި ހަރަކާތްތެރިވަމުން ދިޔަ ޕާކިސްތާނުގެ ދެއެކްޓަރުން ކަމަށްވާ ފަވަދް ޚާން އާއި މާވްރާ ހޮކޭންގެ އެޖެންޓުން ކަޅު ފައިސާ ލޯންޑާކުރުމުގައި ބައިވެރިވި ކަމުގެ އަޑުތަކެއް މިވަނީ އަރާފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ސިޔާސީ މަސްރަހު ހޫނުވެ، އެގައުމުގައި ޕާކިސްތާނުގެ އެކްޓަރުންނަށް ހަރަކާތްތެރިނުވެވޭނެ ކަމަށް ބުނެ އިންޑިއާއިން ބޭރުކޮށްފައިވާ ދަނޑިވަޅެއްގައި ފަވަދް އާއި މާވްރާގެ އިންޑިއާގައި ތިބޭ އެޖެންޓުން މެދުވެރިކޮށް އެދެތަރިންގެ މެނޭޖަރުން އެމީހުންގެ ފީގެ އެއްބައި ކަޅު ފައިސާއިން ހޯދަން ޑީމާންޑްކުރިކަން އިންޑިއާގެ ނިއުސް ޗެނަލް ނިއުސް 18 އިން ވަނީ ފަޅާއަރުވާލާފަ އެވެ.

ގާތްގަނޑަކަށް ދެގަޑިއިރު އެނޫސް ޗެނަލާއެކު ހޭދަކުރުމަށްފަހު ފަވަދް އާއި މާވްރާގެ މެނޭޖަރުން ވަނީ އެމަސައްކަތަށް އަގެއްގެ ގޮތުން 50 ލައްކަ ރުޕީޒް ނަގާފަ އެވެ. ފަވަދްގެ މެނޭޖަރު ވަނީ އޭނާ އަށް ލިބެންޖެހޭ ލާރީގެ ތެރެއިން 25 އިންސައްތަ ލާރި ގާނޫނާ ހިލާފަށް ޔޫއޭއީ އަށް ނިސްބަތްވާ ފަވަދްގެ ބޭންކް އެކައުންޓަށް ޓްރާންސްފާކުރަން އެދިފަ އެވެ. އަދި މާވްރާގެ މެނޭޖަރު ވަނީ މުމްބައިގައި ހުންނަ އޭނާއާ ގާތްގުޅުމެއް އޮންނަ މީހަކަށް އެއްބައި ފައިސާ ދިނުމަށްފަހު ބާކީ ފައިސާ މާވްރާގެ އޮސްޓްރޭލިއާގެ ބޭންކް އެކައުންޓަކަށް ޖަމާކުރަން އެދިފަ އެވެ.

ޕާކިސްތާނުގެ އެކްޓަރުން އިންޑިއާގައި މަސައްކަތްކުރަން އަންނަނީ އެގައުމުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްއިން ދޭ ހާއްސަ ވޯކް ޕާމިޓް ވިސާގެ ދަށުން ކަމަށްވާއިރު، މިފަދަ އެގައުމުގެ ގާނޫނު މަނާ ކަންތައްތަކުގައި އެމީހުންގެ އެއްވެސް ބައިވެރިވުމެއް ވާކަން ޔަގީންވެއްޖެނަމަ އެކަމަށް ކަނޑައެޅިފައި އޮންނަ އަދަބު އެމީހުންނަށް ދެވޭނެ އެވެ.

މިހާތަނަށް ކަޅު ފައިސާ ލޯންޑާކުރުމުގައި ފަވަދް އާއި މާވްރާގެ އަތެއް ވާކަން ޔަގީންވެފައިނުވާއިރު މިކަމާ ގުޅޭގޮތުން މިދެތަރިން އަދި ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ.