މިޔަންމާގައި އުޅޭ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ބުޑިސްޓުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި 130 މުސްލިމުން މަރާލައިފި އެވެ.
އެކަމާއި ގުޅިގެން އަދި އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނެއްގެ ސަބަބުން އެ ދަރިކޮޅުގެ އެތައް ބަޔަކު ބަންގްލަދޭޝްއަށް ހިޖުރަކުުރުމުގެ މަސައްކަތް ފަށައިފި އެވެ. ރޮހިންޔާ ދަރިކޮޅުގެ ބައެއް މުސްލިމުންގެ ގަޔަށް ބަޑިޖަހާ މަރާލާފައިވަނީ މިޔަންމާ އާއި ބަންގްލަދޭޝް ވަކިކުރާ ނާފް ކޯރު ހުރަސްކުރަމުން ދަނިކޮށެވެ. އަދި މީހުން ދަތުރުކުރަމުންދިޔަ ބައެއް ބޯޓުތައް އަނބުރާ މިޔަންމާއަށް ފޮނުވާލާފައިވާ ކަމަށްވެސް ވެ އެވެ.
މިޔަންމާގައި ބުޑިސްޓުންނާއި ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގަން ފެށުމުން އެގައުމުގެ އަސްކަރިއްޔާއިން ކުރިއަށް ގެންދާ އޮޕަރޭޝަނަކީ ވެސް ބުޑިސްޓުންނަށް ހިތްވަރު ދެވޭފަދަ ގޮތަކަށް ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މި ޖަރީމާއަކީ 2012 ވަނަ އަހަރު ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް ހަމަލާދީ މަރާލި ހާދިސާއަށްފަހު ހިންގި މިފަދަ އެންމެ ބޮޑު ޖަރީމާ އެވެ. ފާއިތވެދިޔަ ދެތިން ހަފްތާގެ ތެރޭގައި މިޔަންމާގެ ބުޑިސްޓުންވަނީ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެކިވަރުގެ އަނިޔާ ދީފަ އެވެ. އެގޮތުން މުސްލިމުން ދިރިއުޅެމުންދިޔަ އެތައް ސަތޭކަ ގެވެސް ވަނީ އަންދާލާފަ އެވެ. ބުޑިސްޓުން މިޖަރީމާ ހިންގި ސަރަހައްދަށް ބޭރުގެ އެއްވެސް ބަޔަކު ޒިޔާރަތް ކުރުން މިޔަންމާގެ ސަރުކާރުންވަނީ މަނާކޮށްފައެވެ. އަދި މިޔަންމާ އަސްކަރިއްޔާއިން ދަނީ އެގަުމުގެ ބޯޑަރު ސަރަހައްދުގައި ފޯރިމަރަމުންނެވެ.
މީގެއިތުރުން ބަންގްލަދޭޝްގެ ބޯޑަރު ސަރަހައްދުތަކުގައިވެސް ފޯރިމަރަމުންދާ ކަމަށްވެ އެވެ. ބަންގްލަދޭޝްއަށް ހިޖުރަ ކުރާ ގިނަމީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި، ބަލި މީހުންނާއި، މުސްކުޅިން އަދި މާބަނޑު އަންހެނުން ހިމެނެ އެވެ. ނަމަވެސް އެމީހުންނަށް ބަންގްލަދޭޝްއިން ބޯހިޔާވަހިކަން އަދި ކާބޯތަކެތި ފޯރުކޮށްދީފައިނުވާ ކަމަށްވެ އެވެ. މި މީހުން ހިޖުރަ ކުރުމަށްފަހު ދިރިއުޅެމުންދާ ކަމަށް ބެލެވެނީ ބަންގްލަދޭޝާއި މިޔަންމާގެ ސަރަހައްދީ ރޮނގުގެ ކައިރީގައި އދ. ން ގާއިމްކޮށްދީފައި ކޭމްްޕްތަކުގަ އެވެ.