ވިޔަފާރި

ސީރީޒް ބަލާ މީހުނަށް ދިރާގުން އައިފްލިކްސް ގެނެސްދީފި

Nov 18, 2016
1
  • ފުރަތަމަ ތިން މަސް މުޅިން ހިލޭ
  • އެތައް ހާއްސަ ސީރީޒެއް ހިމެނޭ
  • ބަލައިލަން ވަރަށް ފަސޭހަ ވާނެ

ރާއްޖޭގައި ސީރީޒް ބަލަން ދެވިހި ހިފާފައި ތިބި މީހުންނަށް މިއޮތީ ފައްކާ އީދެކެވެ. ދުނިޔޭގެ އެންމެ ކުރިއަރަމުން އަންނަ މީޑިއާ ކޮންޓެންޓް ޕްލެޓްފޯމް ކަމަށްވާ އައިފްލިކްސް ދިރާގުން މިރޭ ތައާރަފްކޮށްފި އެވެ.

ގިނަ އަދަދެއްގެ ޑްރާމާ ސިލްސިލާ އާއި ފިލްމް ހިމެނޭ "އައިފްލިކްސް" ތައާރަފު ކޮށްދެއްވީ ދިރާގުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ހާޖްރީ އާއި އައިފްލިކްސްގެ ހެޑް އޮފް ނިއު މާކެޓްސް މާޓިން ޖޮހެންސަން އެވެ. ދިރާގުން ވަނީ މި ހިދުމަތް ތިން މަސް ދުވަހު ހިލޭ ލިބޭ ގޮތަށް ވެސް ހަމަޖައްސައިދީފަ އެވެ.

މިރޭ ބޭއްވި ހަފުލާގައި އިޒަބެލް ވިދާޅުވީ ދިރާގުން އަބަދު ވެސް ބަލަނީ ޓެކްނޮލޮޖީއާ ގުޅުން ހުރި ދުނިޔޭގެ މަޝްހޫރު ހިދުމަތްތައް ބޭނުން ކުރުމުގެ ފުރުސަތު ދިވެހިންނަށް ހޯދައިދޭން ކަމަށެވެ.

"ދިރާގުން މިދަނީ ބްރޯޑްބޭންޑް ހިދުމަތް މީހުން އުޅޭ ހުރިހާ ރަށަކަށް ދެމުން. އެހެންވެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދިރާގުގެ ކަސްޓަމަރުންނަށް މި ހިދުމަތް ފަސޭހަކަމާއެކު ބޭނުން ކުރެވޭނެ،" އިޒަބެލް ވިދާޅުވި އެވެ.

އައިފްލިކްސްގެ ފަރާތުން މާޓިން ވިދާޅުވީ ރާއްޖެއަށް އާދެވުމާއެކު ޓެކްނޮލޮޖީގެ އެންމެ ފަހުގެ އާލާތްތައް ދިވެހި ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އެނގިގެން ދިޔަ ކަމަށާއި އައިފްލިކްސް ވެގެން ދާނީ ދިވެހިންގެ ތެރޭގައި މަގުބޫލް ހިދުމަތަކަށް ކަން ޔަގީން ކަމަށެވެ.

މެލޭޝިއާގެ އައިފްލިކްސް އިން ކުންފުނިން ރާއްޖޭގެ އިތުރުން ތައިލެންޑާއި ފިލިޕީންސް އަދި އިންޑޮނޭޝިއާ އާއި ބްރޫނާއީ އަދި ސްރީލަންކާގައި މި ހިދުމަތްދެ އެވެ.