ރާއްޖެ ކުޅިވަރު

"އޭއެފްސީ ކަޕްގައި މާޒިޔާ ކުރިއަށް ދިއުމާއި ނުދިއުން ބިނާވެފައި އޮތީ ވޯރިއާސް މެޗަށް"

އޭއެފްސީ ކަޕްގެ ގުރޫޕް އީގައި މާދަމާ ސިންގަޕޫރުގެ ވޯރިއާސްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ނުކުންނައިރު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މުބާރާތުގައި ކުރިއަށް ދިއުމާއި ނުދިއުން ބިނާވެފައި އޮތީ މި މެޗަށް ކަމަށާއި މި މެޗުގެ މުހިންމުކަން ވަރަށް ބޮޑު ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ގުރޫޕް އީގައި މާޒިޔާ ކުޅުނު ފުރަތަަމަ މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ރަށުން ބޭރުގައި ބަލިވީ 2-1 އިންނެވެ. ވޯރިއާސްއާ ދެކޮޅަށް ކުޅޭ މެޗަކީ މި ގުރޫޕްގައި މާޒިޔާ އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗެވެ.

"މި މުބާރާތުގައި މާޒިޔާ ކުރިއަށް ދިއުމާާއި ނުދިއުން ބިނާވެފައި އޮތީ މި މެޗަށް،" ސުޒޭން ބުންޏެވެ. "މި މެޗުން ތިން ޕޮއިންޓް ވަރަށް މުހިންމު މުބާރާތުގައި ކުރިއަށް ދާން ބޭނުމިއްޔާ."

ދިޔަ ސީޒަންގައި ސިންގަޕޫރު ލީގު ކާމިޔާބުކުރި ވޯރިއާސް އަކީ ރާއްޖެ އަށް އާ ޓީމެއް ނޫނެވެ. ކުރިން ސިންގަޕޯ އާމްޑް ފޯސަސް ފުޓްބޯލް ކްލަބްގެ ނަމުގައި ކުޅެމުންދިޔަ ވޯރިއާސްގެ ޓީމުން ވަނީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ނިއު ރޭޑިއަންޓާ އެއް ގުރޫޕެއްގައި ވާދަކޮށްފަ އެވެ.

އެކަމަކު ސުޒޭން ބުނީ ވޯރިއާސް އަކީ މާޒިޔާ އަށް ބަލިނުކުރެވޭ ފެންވަރުގެ، ތަފާތު ޓީމެއް ނޫން ކަމަށެވެ. އަދި އަމިއްލަ ދަނޑުގައި ކުޅޭއިރު މާޒިޔާ އަށް ސަޕޯޓަރުންގެ މުހިންމުކަން ވަރަށް ބޮޑު ކަމާށާއި ވީހާ ވެސް ގިނަ ބަޔަކު މާޒިޔާ އަށް ސަޕޯޓަރު ކުރުމަށް މާދަމާގެ މެޗަށް ދަނޑަށް ވަނުމަށް އެ ކްލަބުން އެދޭ ކަމަށެވެ.

"މާޒިޔާގެ ކުޅުންތެރިން މާދަމާ 100 ޕަސެންޓް ދީފި ނަމަ، މި ދަނޑުގައި ބަލިނުކުރެވޭ ވަރުގެ ޓީމެއް ނޫން ވޯރިއާސް އަކީ،" ސުޒޭން ބުންޏެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ ބެންގަލޫރު މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް، ހުރިހާ ކުޅުންތެރިން ވެސް ތިބީ މެޗަށް ރަނގަޅަށް މެޗަށް ތައްޔާރުވެގެން ކަމަށެވެ.

"ވީހަ ވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަދެ، މާޒިޔާ އަށް ސަޕޯޓުކޮށްދިނުން އެދެން،" އަސަދުﷲ ބުންޏެެވެ.

މާޒިޔާ އާއި ވޯރިއާސް ބައްދަލުކުރާ މެޗު ފަށާނީ މާދަމާ ހަވީރު 1600ގަ އެވެ.