ބޮލީވުޑް

"ބޭފިކްރޭ" ގެ އެންމެ މަންޒަރެއްވެސް ސެންސަރެއް ނުކުރޭ

Nov 19, 2016

މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު އަދިތްޔަ ޗޯޕްޅާ އަށް އަހަރު ފަހުން ފިލްމެއް އުފައްދާކަން އިއުލާންކުރުމުން ގިނަބަޔަކު އުންމީދުކޮށްގެން ތިބީ މިފިލްމަކީ ވެސް މީގެކުރިން އަދިތްޔަ އުފެއްދި ފިލްމުތައް ގޮތަށް މިފިލްމަކީ ވެސް ލޯބީގެ އަސަރުގަދަ ފިލްމަކަށް ވާނެ ކަމަށެވެ.

ނަމަވެސް "ބޭފިކްރޭ" ގެ ފުރަތަމަ ޕޯސްޓަރާއި ޓްރެއިލާ ލޯންޗްކުރުމާއެކު ގިނަބަޔަކަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. މިފިލްމުގެ ޓްރެއިލާގައި ގައިގޯޅި މަންޒަރުތައް ގިނައިރު މިފިލްމަކީ އާއިލާ އާއެކު ބަލައިލަން ކަމުދާނެ ފިލްމެއް ނޫންކަމަށް ބުނަމުން އައި ފަރާތްތަށް ވެސް ގިނަ އެވެ.

މިފިލްމުގައި ބޯލްޑް ކަމުން އިންޑިއާގެ ސެންސަރު ބޯޑުން މިފިލްމު ފާސްކޮށްދީފާނެތޯ މިއީ އެންމެ ގިނަބަޔަކު ކުރަމުން އެއް ސުވާލެވެ. ނަމަވެސް އެތައް ބަޔަކު ހައިރާންކޮށްލުމަށްފަހު ސެންސަރު ބޯޑުން މިވަނީ މިފިލްމުގެ އެންމެ މަންޒަރެއްވެސް އުނިނުކޮށް ފާސްކޮށްދީފަ އެވެ.

ގައިގޯޅިކަން ވަރަށް ބޮޑަށް ފެންނަ 40 ވަރަކަށް މަންޒަރާއެކު މިފިލްމު ފާސްކޮށްދީފައިވަނީ ޔޫ/އޭ ސެޓްފިކެޓަކާ އެކު އެވެ. ޔޫ/އޭ ސެޓްފިކެޓް ދިނުމުން އުމުރުން 12 އަހަރުގެ ކުދިންނަށް ބެލެނިވެރިންގެ ހާޒިރުގައި މިފިލްމު ބެލުމުގެ ހުއްދަ ލިބޭނެ އެވެ.

މިފިލްމު ސެންސަރު ބޯޑުން ފާސްކޮށްދިނުމުން ފިލްމުގެ ލީޑްއެކްޓަރު ރަންވީރު ސިންގް ވަނީ ފިލްމުގައި އެ މަންޒަރުތައް ހިމެނުމުގެ މުހިއްމުކަން ސެންސަރު ބޯޑަށް ވިސްނިފައިވާ ކަމަށާއި މިފިލްމަކީ އާއިލާ އާއެކު ބަލާލެވޭނެ ފިލްމެއް ކަމަށް ބުނެފަ އެވެ.

ރަންވީރާއި ވާނީ ލީޑްރޯލުން ފެނިގެންދާ މިފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ޕެރިހުގަ އެވެ. މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހު އެވެ.