ބޮލީވުޑް

ޝާހިދާއެކު މީރާ ފުރަތަމަ ފަހަރަށް ޓީވީއަށް

Nov 20, 2016

ޕްރޮޑިއުސަރު ކަރަން ޖޯހަރު ހޮސްޓްކުރާ ސެލެބްރިޓީ ޗެޓް ޝޯ "ކޮފީ ވިތް ކަރަން" ގެ ފަސް ވަނަ ސީޒަން ދެ އަަހަރުގެ މެދުކެނޑުމަކަށްފަހު ނޮވެމްބަރު ހަވަނަ ދުވަހު ވަނީ ފަށާފަ އެވެ.

މި ޝޯގެ ކުރީ އަހަރުގެ ސީޒަންތަކަށް ވުރެން މި އަހަރުގެ ސީޒަންގެ އަޑު ގަދައިރު، ސީޒަންގެ ފަހެއްގައި ކުރީ އަހަރުތަކަށް ވުރެން ކަރަންގެ ގެންނަ މެހެމާނުން ވެސް ހާއްސަ އެވެ.

ބަތަލާ ދިޕިކާ ޕަދުކޯންގެ ކުރީގެ ލޯބިވެރިޔާ ރަންބީރު ކަޕޫރާއި މިހާރުގެ ލޯބިވެރިޔާ ރަންވީރު ސިންގް ކުރިއަށް އޮތް އެޕިސޯޑުން ފެނިގެންދާއިރު ކުރިއަށް އޮތް އެޕިސޯޑެއްގައި ޒުވާން އެކްޓަރު ޝާހިދު ކަޕޫރާއި އަންހެނުން މީރާ ރާޖްޕުތް ފެނިގެންދާނެ ކަމަށްވެ އެވެ.

ކުރީގެ ޝޯތަކާއި މިއަހަރުގެ ޝޯތަށް ތަފާތުކުރަން ކަރަން ބޭނުންވާތީ އަސްލު ޖޯޑުތަށް ވެސް ކުރިއަށް ހުރި ޕްރޮގްރާމްތަކުގައި ގެންނަން ވަނީ ނިންމާފަ އެވެ. އެގޮތުން ޝާހިދު އާއި މީރާ އަށް މިޝޯއަށް ދާން ލިބުނު ދައުވަތު ގަބޫލުކޮށްފައިވާ ކަމަށްވެ އެވެ.

"ކޮފީ ވިތް ކަރަން" އިން ޝާހިދު އާއެކު މީރާ ފެނިގެންދާނަމަ މިއީ ޝާހިދު އާއި އޭނާ ކައިވެނިކުރިފަހުން އެކުގައި ޓީވީ ޝޯއެއްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 7 ވަނަ ދުވަހު ޝާހިދު އާއި މީރާ ކައިވެނިކުރިއިރު، އެެދެމީހުންގެ އަލަތު ދަރިފުޅު މީޝާ ކަޕޫރު ލިބިފައިވަނީ މިއޮގަސްޓް މަހުގެ ފަހުކޮޅު އެވެ.

ސީޒަންގެ ފުރަތަމަ އެޕިސޯޑް ސުޕަސްޓާ ޝާހްރުކް ޚާން އާއި އާލިއާ ބަޓް ފެނިގެން ގޮސްފައިވާއިރު ދެވަނަ އެޕިސޯޑްގައި ފެނިގެން ގޮސްފައިވަނީ އަކްޝޭ ކުމާރު އާއި އަންހެނުން ޓްވިންކަލް ކަންނާ އެވެ.