ހަބަރު

ދެ ކިލޯ ހެރޮއިންއާއެކު ތިން ދިވެހިން ލަންކާގައި ހައްޔަރުކޮށްފި

ދެ ކިލޯ ހެރޮއިންއާ އެކު ތިން ދިވެހިންނާއި ޕާކިސްތާން މީހެއް ސްރީ ލަންކާގެ މައުންޓްލެވެނިއާގައި ރޭ ހައްޔަރުކޮށްފި އެވެ.

ޕޮލިސް ނާކޮޓިކްސް ބިއުރޯގެ ޑިރެކްޓާ އެސްއެސްޕީ ކަމަލް ސިލްވާއާ ހަވާލާދީ ލަންކާ ނޫހެއް ކަމަށްވާ، ޑެއިލީ މިރާގައި ބުނެފައި ވަނީ 20 މިލިއަން ލަންކާ ރުޕީސްގެ އަގުހުރި ދެ ކިލޯ ހެރޮއިންއާއެކު ތިން ދިވެހިންނާއި ޕާކިސްތާން މީހެއް ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން އަތުލައިގަތީ މަސްތުވާތަކެތީގެ މައްސަލާގައި މިހާރުވެސް ހައްޔަރުކޮށްފައި ތިބި މީހުންގެ ފަރާތުން ލިބުން މައުލުމާތަކާ ގުޅިގެން ކަމަށެވެ.

ސިލްވާ ވިދާޅުވީ ވޭތުވެ ދިޔަ ހަ މަސްތެރޭގައި ހެރޮއިން އެތެރެކުރަން މަސައްކަތް ކުރި 10 ދިވެހިން މިހާރުވެސް ބަންދުގައިވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ އެއްވެސް ތަފްސީލެއް ވިދާޅުވެފައި ނުވެއެވެ.

ޑިރެކްޓާ އިތުރަށް ވިދާޅުވެފައި ވަނީ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި ހެރޮއިން އެތެރެ ކުރުމުގެ އިސްކޮށް އުޅުނީ ޕާކިސްތާން މީހާ ކަމަށާއި ރޭ ހައްޔަރު ކުރި މީހުން އިތުރަށް ސުވާލު ކުރުމަށް ޓަކައި ކޯޓު އަމުރުގެ ދަށުން ބަންދުގައި ބަހައްޓާފައިވާނެ ކަމަށް ސިލްވާ ވިދާޅުވި އެވެ.

ދާދި ފަހުން ލަންކާ ފުލުހުން ވަނީ ރާއްޖެއަށް ހަށިވިއްކުމުގެ ވިޔަފާރިއަށް މީހުން ފޮނުވާ ނެޓުވޯކެއް އަތުލައިގަންފައެވެ. އެ ނެޓްވޯކުންވެސް މިހާތަނަށް 100 އަށްވުރެ ގިނަ އަންހެނުން ރާއްޖެއަށް ފޮނުވާފައިވާ އެކަމުގައި ދިވެހިންތަކެއް ހިމެނޭ ކަމަށް ލަންކާ ފުލުހުން ތުހުމަތު ކުރެއެވެ. މިކަމާ ގުޅިގެން މިހާތަނަށް ރާއްޖެ ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.