ހަބަރު

އަންނަ ބުރާސްފަތި ދުވަހު ބަޖެޓު ފާސްކުރަނީ

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ކޮމިޓީ އިން ދިރާސާކޮށް ނިންމި ގޮތަށް ފާސްކުރުމުގެ މައްސަލަ އަންނަ ބުރާސްފަތި ދުވަހަށް ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކޮށްފި އެވެ.

"އަވަސް"އާ ވާހަކަ ދެއްކެވި މަޖިލީހުގެ މެންބަރުން ވަނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު އަންނަ ބުރާސްފަތި ދުވަހު ފާސް ކުރަން ރާވާފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ. ބުރާސްފަތި ދުވަހަކީ މަޖިލީސް ބަންދު ދުވަހެކެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހުގައި ވެސް މަޖިލީހުގެ ތަޅުމާއި ކޮމިޓީތަކުގެ މަސައްކަތް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.

ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށްފައިވާ 26.7 ބިލިއަން ރުފިޔާގެ ބަޖެޓު ކޮމިޓީއިން ފާސްކޮށްފައިވާ އިރު އެ އަދަދަށް އިތުރު ބަދަލެއް ގެނެސްފައެއް ނުވެއެވެ. ނަމަވެސް ޕީއެސްއައިޕީގެ ބައެއް މަޝްރޫއުތަކަށް ދާއިރާގެ މެންބަރު އެދުނު ގޮތަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން 21 މަޝްރޫއަކަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އެގޮތަށް ކޮމިޓީއިން ފާސް ކުރުމަށް ވޯޓު ދެއްވި މެންބަރުންގެ ތެރެއިން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އާއި ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ހިމެނޭ އިރު އެ ކޮމިޓީއަށް ޖުމްހޫރީ ޕާޓީގެ އެއްވެސް މެންބަރަކު ހާޒިރެއް ނުވެ އެވެ.

އަންނަ އަހަރަށް ލަފާކުރި ބަޖެޓުގައިވާ ގޮތުން ޕީއެސްއައިޕީއަށް 9.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށް ކަނޑައަޅާފައި ވަނީ 3.2 ބިލިއަން ރުފިޔާ އެވެ. އަދި ސިއްހީ ދާއިރާއަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ޒުވާނުންގެ ތަރައްގީއަށް 378 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.