ހަބަރު

އިސްލާމިކް މިނިސްޓަރުގެ އަނބިކަނބަލުން ޕީޕީއެމް އަށް ސޮއިކުރައްވައިފި

Mar 10, 2015
3

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމްގެ އަނބިކަނބަލުން އާފިޔާ ވަހީދު ޕީޕީއެމް އަށް ސޮއިކުރައްވައިފި އެވެ.

ސަރުކާރު ހިިންގާ ޕާޓީ ޕީޕީއެމް އަށް އާފިޔާ ސޮއިކުރައްވާފައި ވާއިރު ފިރިކަލުން ނިސްބަތްވާ އަދާލަތު ޕާޓީން ރޭ ވަނީ ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދަން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ. އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އެގޮތަށް ނިންމީ ސަރުކާރުން ފަރުދުންނާ މެދު އަނިޔާވެރިވަމުންދާ ކަމަށާއި ރައްޔިތުން ކުރި ތާއީދުގެ ފައިދާ ނަހަމަ ގޮތުގައި ހިފައި ކޮރަޕްޝަނާއި ފަސާދައިގެ މަގަށް ސަރުކާރު ގޮސްފައިވާ ކަމަށް ބުނެ އެވެ.

މީގެ ކުރިން 2013 ވަނަ އަހަރުގެ އޯގަސްޓް މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ، ޒަކާތު ފަންޑަށް ކޮންމެ މަހަކު 10000 ޑޮލަރު ހަދިޔާކުރައްވާނެ ކަމަށް އިއުލާނުކޮށްފައިވާ ބޭރުގެ ވިޔަފާރިވެރިޔަކާ އެކު ކުންފުންޏެއް ހެދި މައްސަލައެއްގައި އާފިޔާގެ މައްޗަށް ދައުވާކުރަން ފޮނުވައިފަ އެވެ. އެ ދައުވާކުރަން ފޮނުވީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގައި ބުނާ ގޮތުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ނުވަތަ އެއިން މީހެއްގެ އަންބަކު ނުވަތަ ފިރިއަކު ވެސް އެއްވެސް ބިދޭސީއަކާ ގުޅިގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކުރުމަކީ ނުވަތަ ހިންގުމަކީ ކުށެއް ކަމަށް ބުނާތީ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތުން ވަނީ އެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.