މި އަހަރު އުމްރާއަށް މީހުން ގެންދަން ޝައުގުވެރިވާ އަމިއްލަ ކުންފުނިތަކަށް ދޭ ފުރުސަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
މިއީ އަހަރު އަމިއްލަ ކުންފުނިތަކަށް މި ފުރުސަތު އިތުރުކޮށްދިން ތިން ވަނަ ފަހަރެވެ. މިނިސްޓްރީން ފުރަތަމަ މި ފުރުސަތު ދިނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެފަހުން ވެސް މުއްދަތު އިތުރު ކުރި އެވެ.
އިއުލާނެއް މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު އުމްރާއަށް މީހުން ގެންދަން ޝައުގުވެރިވާ އަމިއްލަ ކުންފުނިތަކަށް މިމަހުގެ 18 ވަނަ ދުވަހާ ހަމަށް ފުރުސަތު އިތުރު ކޮށްދީފައިވާ ކަމަށާއި ތިން ވަނަ ފަހަރަށް މުއްދަތު އިތުރު ކުރީ މުއްދަތު އިތުރު ކުރުމަށް ބައެއް ކުންފުނިތަކުން އެދެން ފެށުމުން ކަމަށެވެ.
އުމްރާއަށް މީހުން ގެންދާ ކުންފުންޏަކީ ގާނޫނު ބުނާ ގޮތަށް ރަޖިސްޓްރީކޮށްފައިވާ ކުންފުންޏަކަށް ވާންޖެހެ އެވެ. އަދި ކުންފުނީގެ މެޖޭނިންގް ޑައިރެކްޓަރާއި އުމްރާއާބެހޭ ކަންކަން ބަލަހައްޓާ އިސްފަރާތަކީ ކުށުގެ ރިކޯޑެއް ނެތް އަދި މީގެ ކުރިން ހައްޖު ނުވަތަ އުމްރާ ފައިސާ މެނޭޖު ކުރުމުގައި މައްސަލަތަކެއް ހުރިކަމަށް ސާބިތުވެފައިނުވާ ފަރާތަކަށް ވާންޖެހެ އެވެ.