ހަބަރު

ބަޖެޓު ކޮމިޓީ ރިޕޯޓަށް މިރޭ ހަތެއް ޖަހަންދެން ބަހުސް ކުރަނީ

އަންނަ އަހަރަށް ލަފާ ކޮށް ހުށަހެޅި ބަޖެޓް ދިރާސާ ކުރާ ކޮމިޓީއިން މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ރިޕޯޓާ ގުޅޭ ގޮތުން ބަހުސް ކުރުން މިރޭ 7:00 ހަމަޔަށް ކުރިޔަށް ގެންދަން ފާސްކޮށްފި އެވެ. އެގޮތަށް ފާސް ކުރެއްވީ މަޖިލީހުގައި އޭރު ހާޒިރުވަޑައިގެން ތިއްބެވި 28 މެންބަރުންގެ އިއްތިފާގުންނެވެ.

ބަޖެޓުގެ ކޮމިޓީ ރިޕޯޓާ ގުޅޭގޮތުން ބަހުސް ކުރެއްވުން މިއަދު އެޖެންޑާކޮށްފައިވާ އިރު މާދަމާ ބަޖެޓު ފާސް ކުރައްވާނެ ކަމަށް ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ. އޭގެ ފަހުން މުޅި މަޖިލިސް ޗުއްޓީއަށް ދާނެ އެވެ.

އަންނަ އަހަރަށް ލަފާ ކުރާ 26.7 ބިލިއަން ރުފިޔާގެ ބަޖެޓު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިމަހުގެ އަށް ވަނަ ދުވަހު އެވެ. ކޮމިޓީއިން އެ ބަޖެޓު ދިރާސާކޮށްފައިވާ އިރު އެ އަދަދަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ބަޖެޓުގައިވާ ގޮތުން ޕީއެސްއައިޕީއަށް 9.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށް ކަނޑައަޅާފައި ވަނީ 3.2 ބިލިއަން ރުފިޔާ އެވެ. އަދި ސިއްހީ ދާއިރާއަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެ އިތުރުން ޒުވާނުންގެ ތަރައްގީއަށް 378 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.