ލައިފްސްޓައިލް

ބޮލުގައި ރިއްސަފާނެ ނުރަނގަޅު އާދަތައް!

Nov 24, 2016
1

ބޮލުގައި ރިއްސުމަކީ އެންމެނަށް ވެސް އާންމުކޮށް ދިމާވާ އެއް މައްސަލަ އެވެ. އަދި މިހެން އާންމުކޮށް ސިއްހީ ބޮޑު މައްސަލަ އެއް ނެތި ބޮލުގައި ރިއްސާލާ އިރަށް ކާލެވެނީ ކޮންމެވެސް ކަހަލަ ޕެއިން ކިލާއެކެވެ. ނަމަވެސް މިއީ ވަގުތީ ހައްލެކެވެ. އަދި އެގޮތަށް ކާ ބޭސްތަކައް ބައެއް ފަހަރު އެޑިކްޓްވެ، ބޮލުގައި ހަމަ ރިއްސާލާއިރަށް ބޭސް ކާލެވޭ ގޮތްވެ އެވެ. ނަމަވެސް ގަބޫލު ކުރަންވީ ހަގީގަތަކީ ގިނަ ފަހަރަށް މިހެން ބޮލުގައި ރިއްސަނީ އަހަރެމެންގެ ގައިގަ ހިފާފައި ހުންނަ ސިއްހީ ނުރަނގަޅު އާދަތަކުން ކަމަށެވެ.

ނިދުން

ދުވާލަކު އަށް ގަޑިއިރު ނިދުމުގެ މުހިންމު ކަމުގެ ވާހަކަ އަކީ އެންމެން ވެސް ދައްކާ ވާހަކަ އެވެ. އަށްގަޑިއިރުގެ ނިންޖަކީ މީހާގެ ދުވަސް ތާޒާކަންމަތީ ފެށުމަށްވެސް އެންމެ މުހިންމު އެއް ކަމެވެ. އަދި މީހާގެ ހަނދާންގަދަކޮށްދީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށްވެސް މުހިންމު އެއް ކަންތަކެވެ.

ފެންބުއިން

ދުވާލަކު މަދުވެގެން އަށް ތަށި ފެންބޯންޖެހެ އެވެ. ސަބަބަކީ ފެނަކީ އަހަރެމެންގެ ހަށިގަނޑުގެ މަސައްކަތްތައް ރަނގަޅަށް ކުރުމަށް އެންމެ މުހިންމު އެކައްޗަށްވާތީ އެވެ. ހަށިގަނޑުގެ ތެރޭ އުފެދޭ ވިހަ މާއްދާތައް ދުރުކޮށް ކުޑަކަމުދާ ނިޒާމުގެ މައްސަލަ ތަކާއި އިތުރު އެހެންބަލިތަކުން މީހާގެ ހަށިގަނޑު ސަލާމަތްކޮށްދޭ އެންމެ މުހިންމު އެކައްޗެކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމަކީ މީހާ ބޮލުގައި ރިއްސަން ދިމާވާ އެއް ކަމެވެ.

އިށީނދެއިނުން

މިއީ އޮފީހުގައި މަސައްކަތް ކުރާއިރު އެންމެ އާންމުކޮށް ކުރެވޭ އެއް ކަމެވެ. ހަށިގަނޑު ގޮނޑިއަށް ދޫކޮށްލައިގެން ގުދުނެރެގެން އިނދެވެނީ ކިހާ އިރަކު ކަމެއް ވެސް ގިނަ ފަހަރު ނޭނގެ އެވެ. މިއީ ކޮންމެހެން ވެސް ރަނގަޅު ކުރަންޖެހޭ ކަމެކެވެ. ސަބަބކީ މައިބަދައާއި ބޮލުގައި ރިއްސުމަށް ދިމާވާ އެންމެ އާންމު އެއް ކަމަކީ މީހާ އިށީންދެ އިންނައިރު ގުދުލައިގެން ހަށިގަނޑު ދޫކޮށްލައިގެން އިނުމެވެ. މިނޫނަސް ވަރަށް ގިނަ ބަދަލުތައް މީހާގެ ހަށިގަނޑު ދޫކޮށްލައިގެން ގުދުނެރިގެން އިނުމުން ދިމާވެ އެވެ.

ކާގަޑިތައް

އާންމުކޮށް އަހަރެމެން ދިވެހިންނަކީ ވަކި ވަގުތެއް ނުބަލައި ކައި އުޅޭ ބައެކެވެ. ހާއްސަކޮށް ރޭގަނޑު ނިދަން ކައިރިކޮށްފައިވެސް ގަދަޔަށް ކައިގެން ނިދާފާނެ އެވެ. މީގެ ސަބަބުން ހަށިގަނޑު މަސައްކަތްތަކަށް ބޮޑު ބުރައެއް އުފުލަންޖެހި ހަށިގަނޑުތެރޭ ވައިހެދި ހަމަނިދި ނުލިބި ބޮލުގައި ރިއްސަންޖެހޭ ފަހަރުތައް އާދެ އެވެ. ހާއްސަކޮށް މިއީ ޑައިޓް ތަކުގައި އުޅޭ ފަރާތްތަކަށް ވަރަށް މުހިންމު ކަމެކެވެ.

ކެފެއިން

ކެފެއިންނަކީ ދުވާލެއްގެ މައްޗައް ހަށިގަނޑަށް ވަކި މިންވަރަކަށް އަބަދުވެސް ބޭނުންވާ އެއްޗެކެވެ. ނަމަވެސް އާދަޔާ ހިލާފަށް މާގިނައިން ކެފެއިން ބޭނުން ކުރުމަކީ މީހާއަށް ހަމަނިދި ލިބުމަށް ހުރަސް އަޅާ ކަމެކެވެ. މިކަމުގެ ސަބަބުން ބޮލުގައި ރިއްސާ މީހާގެ މުޅި ދުވަސް ހަރާބުވެ އެވެ.

ކެއުމުގެ އާދަތައް

ކެފޭ ތަކުން ލިބެން ހުންނަ ތައްޔާރީ ކާނާގެ ބަދަލުގައި އަބަދުވެސް ހަށިގަނޑަށް ފައިދާ ހުރި މޭވާ އާއި ތަރުކާރީ ކާން އާދަކުރަން ޖެހެ އެވެ. މިއީ ހަށިގަނޑުގެ މަސައްކަތްތައް ހަލުވި މިނެއްގައި ފަންކްޝަން ކުރުމަށް ވަރަށް މުހިންމު ކަމަކަށް ވާތީ އެވެ.