ހަބަރު

ކަށިގަނޑާއި އަޑުގަދަކުރާ ވައްދައިގެން މަޖިލިސް ކުރިޔަށް

Mar 10, 2015

ދުންމާރި އާއި ކަށިގަނޑަށް ފަހު އަޑުގަދަކުރާ ވައްދައިގެން އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖް ކުރަމުން ދަނިކޮށް މަޖިލީހުގެ ޖަލްސާ ފަށައި ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާނެވެ. އެމްޑީޕީގެ މެންބަރުންގެ "ހޯބޯލެވުމުގެ" އިހުތިޖާޖު ފެށުމާއެކު މިއަދުވެސް ވަނީ މަޖިލީހުގެ ލައިވް ފީޑް ކަނޑާލާފައެވެ. ނަމަވެސް މަޖިލީހުގެ މަސައްކަތް މެދުކަނޑައި ނުލާ ކުރިޔަށް އެބަގެންދެ އެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ވެސް އިހްތިޖާޖް ކުރުމުގެ އިސްކޮށް ތިއްބެވީ އެހެން ދުވަސް ދުވަސްތަކުގައި ވެސް އެކަމުގައި އެމްޑީޕީގެ ފަރާތުން އެކަންކަމުގައި އުޅުއްވާ މެންބަރުންނެވެ. ކަށިގަނޑު ފުމުގައި މެމްބަރު މާރިޔާ އަހުމަދު ދީދީ ހުންނެވި އިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހާއި އީވާ އަބްދުﷲ އާއި އާއި އެހެން ގިނަ މެންބަރުން ވެސް ތިއްބެވީ އެގޮތުގައެވެ.

މިއަދު އެންމެ ބޮޑަށް އަޑުގަދަ ކުރައްވަމުން ގެންދަވަނީ ދާދިފަހުން މުޒާހަރާއެއްގެ ތެރެއިން ހައްޔަރު ދެމަސް ދުވަސް ވަންދެން މުޒާހަރާއަކަށް ނުދިއުމަށް ޝަތުރުކޮށް މިނިވަންކޮށްފައިވާ މެންބަރު އަލީ އާޒިމެވެ. އޭނާ އިހްތިޖާޖު ކުރައްވަނީ މުޒާހަރާތަކުގައި ބޭނުން ކުރާ ޒާތުގެ ތާޅަފިއްޔެއް ހިއްޕަވައިގެނެވެ.

 

އެ އެންމެންވެސް މައިގަނޑު ގޮތެއްގައި ކަށިގަނޑުގެ އަޑާއެކު ގޮވަމުންދަނީ ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށެވެ.