ހަބަރު

ޕްރައިމަރީގައި ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭ އިސްލާހު ފާސްކޮށްފި

ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީއަކުން ބަލިވެފައިވާ މެންބަރަކަށް އެހެން ހައިސިއްޔަތަކުންވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭ އިސްލާހު ފާސްކޮށްފި އެވެ. ފާސްކުރަން ފެންނަ ކަމަށް 41 މެންބަރުން ވޯޓު ދެއްވި އެވެ.

ސަރުކާރު ފަރާތުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން ހުށަހެޅި މި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 41 މެންބަރުން ވޯޓުދެއްވި އިރު އެ އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 29 މެންބަރުންނެވެ. އެގޮތުން ރިޔާސަތުން ކަނޑައެޅީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހެޅި އެ އިސްލާހު ފާސްވި ކަމަށެވެ.

މި އިސްލާހު ހުށަހެޅި ސަބަބު ބަޔާންކުރަމުން ސައުދު ވިދާޅުވީ ޕާޓީތަކުގެ ޕްރައިމަރީގައި ވާދަ ކުރައްވާ މެންބަރުން ބަލިވުމުން، އަމިއްލަ ހައިސިއްޔަތަކުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަ ކުރުމުގެ ސަބަބުން މެންބަރުންގެ މެދުގައި ނުތަނަވަސް ކަމާއި ފިތުނަ އުފެދޭ ކަމަށެވެ.

އެހެން ކަމުން އިންތިހާބެއްގައި ޕްރައިމަރީގައި ވާދަކޮށް ބަލިވުމަށް ފަހު އެހެން އިންތިހާބެއްގައި ބައިވެރި ނުކުރުމަށާއި އެފަދަ ކެނޑިޑޭޓަކު ކުރިމަތި ލުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި ނަމަ އެ މީހެއްގެ ކެނޑިޑަސީ ބާތިލް ކުރަން ވާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.